News

ނިލަންދޫ އަތުން ލިބުނު 3 ޕޮއިންޓާއިއެކު ފޯކައިދޫ ތާވަލްގެ 6 ވަނަ އަށް

29 ސެޕްޓެމްބަރު 2019






ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ށ. ފޯކައިދޫ ފުޓްބޯޅަ ކްލަބާއި ފ. ނިލަންދޫ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗް ފޯކައިދޫއިން 1-2 ކާމިޔާބުކޮށްފިއެވެ.

ފޯކައިދޫ ރޭ ނިލަންދޫ އަތުން މޮޅުވި އިރު އެންމެ ފަހުން މިދެޓީމް ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައިވަނީ ނިލަންދޫއިންނެވެ. ރޭގެ މެޗްގެ ކުރިން ނިލަންދޫ އާއި ފޯކައިދޫ އެންމެ ފަހުން ބައްދަލުކުރި ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗަކީ މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ފަހު ބުރުގައި 0-5 އިން ފޫކައިދޫ ބަލިވި މެޗާއި މި ފަހަރުގެ ލީގުގެ ފުރަތަމަ ބުރުގައި 2-3 އިން ނިލަންދޫ އަތުން އެޓީމް ބަލިވި މެޗެވެ.

ރޭގެ މެޗް ނިމުމާއެކު  ދެޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގިއެވެ. މެޗް ހޫނުވާން ފެށީ ފޯކައިދޫ އަށް ޕެނަލްޓީއެއް ލިބުނު ހިސާބުންނެވެ. އޭގެ ފަހުން މެޗްގެ އިތުރު ވަގުތުގައި ފޯކައިދޫގެ ފޯވާޑް މުހައްމަދު ޖައިލަމް (އޮގީ) އާއި ނިލަންދޫގެ ޑިފެންޑަރު އަހުމަދު ސާޖިދު އާ ދެމެދު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އެ ދެކުޅުންތެރިންނަށް ރެފްރީ ވަނީ ރަތްކާޑު ދެއްކައިފައެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީވެސް ފޯކައިދޫ ޓީމުންނެވެ. މެޗްގެ 32 ވަނަ މިނެޓްގައި މި ލަނޑު ފޯކައިދޫއަށް ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅެމުން އަންނަ މިސްރުގެ މިޑްފީލްޑަރު ހަލީލް ގަމާލް އެވެ. އޭގެ ފަހުން ނިލަންދޫން ކުޅުން ރަގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތްކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗްގެ ނަތީޖާ ނިލަންދޫން ހަމަހަމަކުރިއެވެ. ނިލަންދޫ އަށް މެޗްގެ ނަތީޖާ އެއްވަރުކޮށްދިން ލަނޑު މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ކިންގްސްލީ އެވެ.

ރޭގެ މެޗްގައި ފޯކައިދޫން ދެވަނަ ފަހަރަށް ލީޑް ނެގީ މެޗްގެ ފަހުކޮޅު އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މެޗް ނިމެން ގާތްގަނަޑަކަށް ތިން މިނެޓަށް ވެފައިވަނިކޮށް ފޯކައިދޫ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މިސްރުގެ ފޯވާޑް މުހައްމަދު މުސްތަފާ ސެޑިކް އެވެ. ފޯކައިދޫއަށް ލިބުނު ޕެނަލްޓީ އަކީ ނިލަންދޫގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމްގެ ޑިފެންޑަރު އަހުމަދު ސާޖިދު ސެޑިކަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ.

ރޭގެ ނަތީޖާ އާއެކު ފޯކައިދޫ މިހާރު އޮތީ 12 ޕޮއިންޓާއެކު ޓޭބަލްގެ ހަވަނައިގައެވެ. ނިލަންދޫ އޮތީ ހަ ޕޮއިންޓާއެކު ޓޭބަލްގެ އަށް ވަނައިގައެވެ.

ރޭގެ މެޗަކީ ވޯލްޑްކަޕާއި އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހުގެ 10 ވަނަ ދުވަހު ރަށުން ބޭރުގައި ސީރިއާ އާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމަށް ފުރުސަތު ދިނުމުގެ ގޮތުން ލީގު މެދުކަނޑާލުމުގެ ކުރިން ކުޅުނު އެންމެ ފަހު މެޗެވެ. ކޮލިފިކޭޝަން މެޗަށްފަހު އަލުން ލީގު ފަށާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

DPL2019-20 F.Nilandhoo Foakaidhoo Sports Club

Leave a Comment:

Comments will be published after moderation.