News
މިއަދުގެ މެޗުން މޮޅުވެ ހަތް ޕޮއިންޓުގެ ލީޑަކާއިއެކު މާޒިޔާ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި
29 ސެޕްޓެމްބަރު 2019
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗް ނާއިޒް ހަސަން (ދާދު) ޖަހައިދިން ދެ ގޯލުން މޮޅުވެ، އެއް ވަނައިގައި މާޒިޔާއިން ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
މިއަދުގެ މެޗު ފަށައިގެން ގާތްގާތުގައި ދާދު ވަނީ މެޗުގައި ހަތަރު ވަނަ މިނެޓުގައި އަސަދުﷲ އަބްދުﷲ ދިން ބޯޅަ އޭރިޔާ ބޭރުން ކޮންޓްރޯލް ކުރުމަށް ފަހު ދާދު ފޮނުވާލުމުން ގޯލަށް ވަނީ ޔުނައިޓެޑް ވިކްޓްރީގެ ގޯލްކީޕަރު ތޮލާލް ހަސަން (ތޮލާ) ގެ ބޯމަތިންނެވެ. އޭގެ ތިން މިނެޓު ފަހުން ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ދިން ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަނުމަށް ފަހު ދާދު ވަނީ ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެން މެޗުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.
މެޗުގެ ކުރީކޮޅު މާޒިޔާއިން ދެ ގޯލުގެ ލީޑެއް ނެގިނަމަވެސް ބާކީ ބައިގައި ޔުނައިޓެޑް ވިކްޓްރީން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގައި ޔުނައިޓެޑް ވިކްޓްރީއަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ޔުނައިޓެޑް ވިކްޓްރީން ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި މާޒިޔާގެ ގޯލްކީޕަރު އޮވޭސް އަޒީޒީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދެ ގޯލު ޖެހި ދާދު އެވެ.
ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ ކުޅުނު ނުވަ މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 16 ޕޮއިންޓެވެ.
DPL2019-20 Maziya Sports and Recreation Club United Victory