News
ވިކްޓްރީ އަތުން ޓީސީ އަށް 3-0 ގެ މޮޅެއް
28 ސެޕްޓެމްބަރު 2019
މިއަދު ހަވީރު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗު 3-0ގެ ނަތީޖާ އިން ޓީސީ ސްޕޯޓްސް ކްލަބުން ވިކްޓްރީ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޓީސީއަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ދެޓީމް އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ގޯލު 54 ވަނަ މިނެޓުގައި ސައްޓު ދިން ބޯޅައަކުން ޖެހީ އަކްރަމް އެވެ. އޭރިޔާތެރެއިން ސައްޓު ހުސްކޮށްލާފައި އަކްރަމް އަށް ދިން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ. އޭގެ 10 މިނެޓު ފަހުން ޓީސީގެ ދެ ވަނަ ގޯލު ޖެހީ ސައްޓު އެވެ. މިގޯލް ކާމިޔާބު ކުރީ އަކްރަމްގެ އެހީއާއިއެކުއެވެ. އޭގެ ފަސް މިނެޓު ފަހުން ޓީސީގެ ތިން ވަނަ ގޯލު ވެސް ޖެހީ ސައްޓު އެވެ. މުހައްމަދު އައްޒާމް ދިން ބޯޅަ ހޯދުމަށް ފަހު ސައްޓު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ކައިރީގައި ހުރި ވިކްޓްރީ ކުޅުންތެރިޔާ ކައިރިން ފަސޭހަކަމާއެކު ނައްޓާލުމަށް ފަހު އެވެ. މެޗުގެ ބާކީ ބައިގައި ވެސް ޓީސީ އަށް ވަނީ އިތުރު ފުރުސަތުތައް ލިބި ބޭކާރުވެފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަކްރަމް އެވެ.
މި މޮޅާއެކު ޓީސީ ވަނީ ނުވަ މެޗުން 16 ޕޮއިންޓް ހޯދައި ދެ ވަނައަށް ކުރިއަށް ޖެހިލާފަ އެވެ. އެކަމަކު މިރެ އާއި މާދަމާ ކުޅޭ މެޗުތަކަށް ފަހު ޓީސީއަށް ދެ ވަނަ މަގާމް ގެއްލުމުގެ ފުރުސަތު އެބައޮތެވެ. ލީގުގެ އެއް ވަނައިގައި 20 ޕޮއިންޓާއެކު މާޒިޔާ އޮތްއިރު ތިން ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސްއަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި އީގަލްސް އެވެ.
DPL2019-20 TC Sports Club Victory Sports Club