News
ވިކްޓްރީ މެޗުން ފެނިގެންދިޔައީ ހިތްދަތި މަންޒަރުތަކެއް، ޒިންމާ ނަގާނެ ބަޔަކު ނެތް؟
24 ސެޕްޓެމްބަރު 2019
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ އަދި މޮޅެތި ކުޅުންތެރިން މާޒީގައި ފެނިގެން ގޮސްފައިވާ ވިކްޓްރީ ސްޕޯޓްސް ކްލަބު މިއަދު ހަވީރު ދިރާގް ދިވެހި ޕްރިމިއަރ ލީގުގައި ކުޅުނު މެޗް ފެށުނީ ކުޅުންތެރިން ހަމަ ނުވެގެން 15 ވަރަކަށް މިނެޓް ލަހުންނެވެ. މިއަދުގެ މެޗަށް ކުޅުންތެރިން ހަމަވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތި ތިއްބައި ދެގޯލްކީޕަރުން ކުޅުންތެރިންގެ ގޮތުގައި ހިމަނައި ވިކްޓްރީ އިން ޓީމް ހަމަކުރިއެވެ. އެހެން ކަމުން މެޗް ކުރިއަށް ގެންދާގޮތަށް އެފްއޭއެމް އިން ނިންމިއެވެ.
ކުޅުންތެރިއަކަށް އަނިޔާވެގެންވެސް އަދި ވަރުބަލި ވެގެންވެސް ކުޅުންތެރިއެއް ބަދަލުކުރަންވެސް އިތުރު ކުޅުންތެރިއެއް ވިކްޓްރީގެ ބެންޗްގައި ނެތި މެޗްފެށިއެވެ. ޓީމަށް އިރުޝާދު ދޭނެ ކޯޗެއް އެޓީމަކު ނެތެވެ. މެޗު ފެށިގެން އިރުކޮޅެއްވީތަނާ އެޓީމުގެ ގޯލްކީޕަރަށް އަނިޔާވެ ދަނޑު މައްޗަށް ވެއްޓިފައި އޮތުން ރެފްރީ ބެންޗްއަށް އެހީދިނުމަށް އަރަން އެންގިއެވެ. މިއަދުގެ މެޗްގައި އެޓީމުގެ ބެންޗުގައި ތިބި ދެ އޮފިޝަލުންގެ ތެރެއިން އެކަކު ކީޕަރަށްް އެހީ ދިނުމަށް އެރި ނަމަވެސް އެ އޮފިޝަލް އަތުގައި އެހީދޭނެ އެއްވެސް ވަސީލަތެއް ނެތްކަން ފާހަގަ ވިއެވެ.
އެެހެންކަމުން ނިލަންދޫގެ ޕްލެޔަރުން އެޓީމުގެ ބެންޗަށް އިޝާރާތްކޮށް ފަސްޓްއެއިޑް އައުމަށް އެދުނެވެ. ވިކްޓްރީ ޓީމަށް އެހީދޭން އެރީ އިދިކޮޅުޓީމުގެ ފަސްޓްއެއިޑްއެވެ. ވިކްޓްރީ ޓީމުގެ ފަސްޓްއެއިޑް އެއް ނެތުމުންނެވެ.
ވިކްޓްރީގެ ޗެއަރމަން މުހައްމަދު ނާޝިދު މެޗް ފެށުމުގެ ކުރިން ވީޓީވީއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ވިކްޓްރީ ޓީމަށް މިހާރު ދިމާވެގެން އުޅޭ މައްސަލަ އަކީ މުސާރަ ނުދެވުމުގެ މައްސަލައެއް ނޫންކަމަށެވެ. ޓީމުގައި މުސާރަ ނުދެވި ތިބީ 3 ވަރަކަށް ކުޅުންތެރިން ކަމަށް ނާޝިދު ވިދާޅުވިއެވެ. ނާޝިދު ވިދާޅުވީ ޓީމު ހަމަނުވެގެން އުޅެނީ ޓީމުގެ 5 ވަރަކަށްް ކުޅުންތެރިން 19 އަހަރުންދަށުގެ ޓީމުގައި ހިމެނި ރާއްޖެއިން ބޭރުގައި ތިބުމާއި ގުޅިގެންކަމަށެވެ.
ފައިސާގެ ދަތިކަންވެސް އުޅޭކަމަށާއި އެފްއޭއެމް އިން ދޭން ބުނި ފައިސާ ނުލިބި ވުމަކީ ޓީމަށް ދިމާވެފައިވާ އިތުރު މައްސަލައެއްގެ ގޮތުގައި އެނާ ފާހަގަ ކުރެއްވިއެވެ. އަދި މީގެ އިތުރުން ނާޝިދު ވިދާޅުވީ ޓީމުގެ އެހާ ގިނަ ކުޅުންތެރިން 19 އަހަރުން ދަށުގެ ޓީމުގައި ހިމެނިފައި ވުމުން މެޗް ލަސްކޮށް ދިނުމަށް އެފްއޭއެމްގައި އެދުނުކަމަށާއި ނަމަވެސް އެކަން އެ އެސޯސިއޭޝަނުން ކޮށްދީފައި ނުވާކަމަށެވެ.
މިއަދުގެ މެޗްގެ ކުރިނން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީ އާއި ގްރީން ސްޓްރީޓްސް ކުޅެން އޮތް މެޗް ވިކްޓްރީ ޓީމު ހަމަނުވުމުގެ ސަބަބުން ގްރީން ސްޓްރީޓަށް ވަނީ އެމެޗް ލިބިފައެވެ. އެމެޗް ކުޅެން ވިކްޓްރީގެ ކުޅުންތެރިން ދަނޑަށް ހާޒިރުވި ނަމަވެސް ވިކްޓްރީގެ 11 ކުޅުންތެރިން ހަމަނުވުމުން މެޗު ކުރިއަށް ގެންދޭވެގޮތެއްނުވި އެވެ. އެމެޗް އަށް އެޓީމް ހަމަ ނުވުމުގެ ސަބަބުން އެފްއޭއެމް އިން ވަނީ 40 ހާސް ރުފިޔާއިން ވިކްޓްރީގެ ޓީމް ޖޫރިމަނާކޮށްފައެވެ.
މުސާރަ އާއި ޓީމުގެ އެހެނިހެން މައްސަލަތަކުގައި މިދިޔަ އަހަރު ވެސް ވިކްޓްރީ ދެ މެޗަކަށް ހާޒިރެއްނުވެ އެވެ. ލީގުގެ ފުރަތަމަ ބުރުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށް ކުޅުންތެރިން ހާޒިރުނުވީ ކްލަބް ހިންގުމުގައި އަމަލީގޮތުން މަސައްކަތްކުރާ ބައެއް ބޯޑު މެމްބަރުން މެޗަށް ނުދިއުމަށް ކުޅުންތެރިންގެ ކިބައިން އެދުމުންނެވެ. އަދި މިދިޔަ އަހަރުގެ ލީގުގެ ދެ ވަނަ ބުރުގައި ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ދާން އެޓީމުގެ ކުޅުންތެރިން އެއްބަސްވީ ފަހު ވަގުތު އެވެ. އޭގެ ފަހުން ދެ ވަނަ ބުރުގައި ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ޓީމު ހަމަނުވުމުން އެޓީމުން މެޗު ކުޅެފައެއްނުވެ އެވެ.
ލީގުގައި އެންމެ ފަހުން ވިކްޓްރީ ކުޅުނު މެޗުތަކުގެ ކުރިން އެޓީމާއި މިއަހަރުގެ ސީޒަންގައި ހަވާލުވި މުހައްމަދު އާދަމް ވަނީ އެ ޓީމުގެ ހާލަތު ގޯސްވެފައިވާ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އަދި އޭގެ ފަހުން އޭނާވަނީ ވިކްޓްރީގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާދީފައެވެ. ވިކްޓްރީގެ ކޯޗް މިހައްމަދު އިސްތިއުފާ ދިނީ ކްލަބްގެ މެނޭޖްމަންޓާ ގުޅިގެން އެއްވެސް ކަމެއް ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދެއް ނެތުމުން ކަމަށް ބުނެއެވެ.
މިދިޔަ އަހަރު ވިކްޓްރީއަށް ކުރިމަތިވި މާލީ މައްސަލަތައް ހައްލުކުރަން އެފްއޭއެމުން ވަނީ ލޯނެއް ވެސް ދީފަ އެވެ. އަދި، އެޓީމުގެ ހާލަތު ރަނގަޅު ކުރުމަށް އެޓީމުގެ އިސް މަގާމުތަކާ އެކު މިދިޔަ ޑިސެމްބަރު މަހު ވަނީ ޗެއާމަންކަމުގެ މަގާމަށް މުހައްމަދު ނާޝިދު (ނާޝް) ހަމަޖައްސަވާފަ އެވެ. ނާޝްއާ އެކު ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އާއި މުހައްމަދު ހަމީދު (އުމަރުބެ) ވަނީ ކްލަން ހިންގުމުގެ ކަންތައްތަކާއި ހަވާލުވެފަ އެވެ.
އިސްތިއުފާ ދިނުމުގެ ކުރިން ޕްރެސްތަކުގައި ކޯޗް މުހައްމަދު އާދަމް ވަނީ މެނޭޖްމަންޓުގެ އެއްބާރުލުމެއް އެއްވެސް ވަރަކަށް ނުލިބޭ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.
މިއަދު ވިކްޓްރީ އަށް ދިމާވެފައިވާ މައްސަލަތަކުގެ ޒިންމާ ނަގާނެ އެއްވެސް ބަޔަކު ނެތެވެ. އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި އަޅުވަނީއެވެ. އެހެންނަމަވެސް އެގޭ އެއްޗަކީ ވިކްޓްރީ ޓީމް މިހާލަތަށް ދިއުމުގެ ޒިންމާ ނަގައި އެޓީމު ކޮޅަށްް ޖަހާނެ ބަޔަކު ބޭނުންވާކަމެވެ. ރާއްޖޭގެ ކުޅިވަރުގައި އެންމެ ކާމިޔާބު ތިން ކްލަބުގެ ތެރެއިން މިހާރު ހަމަ އެކަނި ފެންނަންއޮތީ ވެސް ވިކްޓްރީ އެކަންޏެވެ. އަނެއް ދެކްލަބް ކަމަށްވާ ނިއުރޭޑިއަންޓާއި ވެލެންސިއާގެ ދުވަސް ގޮސްސިއެވެ. ވެލެންސިއާ ހުޓާލާފައިވާއިރު ނިއުރޭޑިއަންޓް އޮތީ އެފްއޭއެމް އިން ސަސްޕެންޑް ކޮށްފައެވެ.
Victory Sports Club