News
ޖޫނިއަރ ރެފްރީސް ޕްރޮގްރާމްގެ ރެފްރީން ދަސްވެނިވެއްޖެ
24 ސެޕްޓެމްބަރު 2019
ޖޫނިއަރ ރެފްރީސް ޕްރޮގްރާމްގެ ރެފްރީން ދަސްވެނިވެއްޖެއެވެ. ސޯޝަން ސެންޓަރގައި ބޭއްވި މި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، ވަނީ ބިގިނާސް ލެވެލް އަދި ކްލާސް ފޯ ލެވެލް ފުރިހަމަ ކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދީފައެވެ.
މިއީ ސްކޫލް ކުދިން ރެފްރީންގެ ގޮތުގައި ތަމްރީން ކުރުމަށް ރެފްރީސް ޑިވޮލަޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީން ފައްޓަވާފައިވާ މަސައްކަތުގެ ދެވަނަ ދަސްވެނިވުމެވެ. މިދިޔައަހަރު ފަހުކޮޅު ބޭއްވި ފުރަތަމަ ދަސްވެނުވުމުގައި ވަނީ 17 ރެފްރީން ވަނީ ބިގްނާސް ލެވެލް ފުރިހަމަ ކޮށްފައެވެ. މީގެ އިތުރުން ރެފްރީސް ޑިވޮލޮޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީން މިހަރު ދަނީ 45 ދަރިވަރުންނާއެކު ތިންވަނަ ބެޗެއް ތަމްރީނު ކުރުމުގެ މަސައްކަތް ފަށާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހުމާނު، ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މަޢުރޫފު އަޙްމަދު (މާއްޓެ) ވިދާޅުވީ އޭނާގެ ފުޓްބޯޅައިގެ ދިގު ތާރީހުގައި، މިވަރުގެ މަސައްކަތެއް ދެކެފައިނުވާކަމަށާއި، ރެފްރީސް ޑިވޮލަޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީން މިކުރައްވަނީ އަގުނުކުރެވޭފަދަ މަސައްކަތެއްކަަމަށެވެ.
ރެފްރީސް ޑިވޮލަޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީން މިއަދު ފެއްޓެވި މަސައްކަތަކީ ފުޓްބޯޅަ އެހެން މަރުހަލާއަކަށް ގެންދިއުމުގެ މަސައްކަތް ކަމަށާއި، މިހާރު ރާއްޖޭގެ ދަނޑުތައް ފުރިފައިވާއިރު އެއާއި އެއްވަރަށް ރެފްރީން ބޭނުންވެފައިވާ ކަމަށް މާއްޓެ ވިދާޅުވިއެވެ. މާއްޓެ ވިދާޅުވީ، ދުނިޔެގެ ފުޓްބޯޅަ ކުރިއަރައިގެން ގޮސްގައިވަނީ އެކަޑަމީ ލެވެލްގައި ކުޑަ ކުދިން ޓްރެއިން ކޮށްގެން ކަމަށާއި، މިއަދު މި ފެނިގެންދަނީ ދިވެހި ފުޓްބޯލައިގަވެސް އެފަ ޖީލެއް ބިނާވެގެންދާ މަންޒަރުކަމަށެވެ.
އަދި މީގެ ސަބަބުން މާދަމާ ދިވެހި ފުޓްބޯޅައިގެ ރެފްރީންގެ ގޮތުގައި މަސައްކަތް ކުރާނެ ޒުވާނުންތަކެއް ފެނިގެންދާނެކަމަށް ޔަޤީން ކުރާކަމަށް މާއްޓެ ވިދާޅުވިއެވެ. ރެފްރީސް ޑިވޮލޮޕްމެންޓް ސޮސައިޓީން މި ތަމްރީންކުރާ ރެފްރީންނަކީ މިއަދު މާލޭ ސުކޫލްތަކާއި އަދި ބައެއް އަމިއްލަފަރާތްތަކުން ކުޑަކުދިންނަށް ޙާއްސަކޮށްގެން ރާވާހިންގާ މުބާރާތްތަކުގައި ރެފްރީކަންކުރަމުން އަންނަ ރެފްރީންކަން ފާހަގަކުރެވެއެވެ.
މީގެތެރޭގައި ފުޓްބޯޅަ އެކަޑަމީސް ތަކުގެ މެދެގައި 2018 ވަނައަހަރު ކުޅެވުނު ފުޓްބޯޅަ މުބާރާތް، އިމާދުއްދީން ސުކޫލް އިންޓަރ ކުލާސް ފުޓްބޯޅަ މުބާރާތް 2018، ޝައިނިންގ ޕުރީސުކޫލް އިންޓަރ ކުލާސް ފުޓްބޯޅަ މުބާރާތް 2019 ، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސުކޫލް އިންޓަރ ކުލާސް ފުޓްބޯޅަ މުބާރާތް 2019 އަދި އިންޓަރ ކުލާސް ފުޓްސަލް މުބާރާތް 2019 ފުޓްބޯޅަ ފުރެންޑްސް ފުޓްބޯޅަ މުބާރާތް 2019 އަދި ދިރާގް އިންޓަރ ޕުރިސުކޫލް އިންޓަރ ކުލާސް ފުޓްބޯޅަ މުބާރާތް 2019 ހިމެނެއެވެ.
މީގެ އިތުރުން މޯލްޑިވުސް ސޮކަރ މޭޓުސް އިން އިންތިޒާމް ކުރާ ފުރެންޑްލީ މެޗްތަކުގައި ރެފްރީކަންވެސް މި ރެފްރީން ވަނީ ކޮށްދީފައެވެ. ރެފްރީސް ޑިވޮލޮޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީން ހާމަކުރާ ގޮތުގައި އަންނަ ދިރާސީ އަހަރު ފެށުމާއެކު އިތުރު ބެޗެއް ތަމްރީން ކުރުމުގެ މަސައްކަތް ފެށޭނެއެވެ.