News
ދަގަނޑޭގެ 5 ގޯލާއިއެކު ގްރީން ސްޓްރީޓް މިއަދުގެ މެޗުން މޮޅުވެ ތާވަލްގެ 2 ވަނައަށް
23 ސެޕްޓެމްބަރު 2019
އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ފަސް ގޯލާއެކު ކްލަބް ގްރީން ސްޓްރީޓްސް އިން ތަފާތު ބޮޑުކޮށް ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްފިއެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗު ގްރީން ސްޓްރީޓްސް އިން ކާމިޔާބުކުރީ 8-2 ގެ ނަތީޖާއަކުންނެވެ.
މިއަދުގެ ފުރަތަމަ ހާފު ނިމުނީ 4-1 އިން ގްރީން ސްޓްރީޓްސް ކުރީގައި އޮވެގެންނެވެ. މެޗު ފެށިގެން ދެ ވަނަ މިނެޓުގައި މުހައްމަދު އުމެއިރު ނަގައިދިން ހުރަހަކުން ދަގަނޑޭ ފުރަތަމަ ގޯލު ޖެހިއިރު ދަގަނޑޭ ދިން ބޯޅައަކުން ގްރީން ސްޓްރީޓްސްގެ މުހައްމަދު ރިސްވާން (ފުކޭ) ވަނީ އަށް ވަނަ މިނެޓުގައި ގޯލެއް ޖަހައި 2-0 އަށް ނަތީޖާ ބަދަލުކޮށްލާފަ އެވެ.
ދެ ގޯލުގެ ލީޑެއްގައި އޮއްވައި ޔުނައިޓެޑް ވިކްޓްރީގެ އަހުމަދު ނާޝިދު (ނައްޓޭ) ވަނީ އޭރިޔާ ބޭރުގައި ހުރެފައި ގޯލުގެ މަތީ ކަނަށް ވައްދާލި ރީތި ގޯލާ އެކު ފަރަގު ކުޑަކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަގަނޑޭ ވަނީ އިތުރު ދެ ގޯލު ޖަހައި ތިން ގޯލުގެ ލީޑެއް ގްރީން ސްޓްރީޓްސްއަށް ހޯދައިދީފަ އެވެ. މެޗުގައި ގްރީން ސްޓްރީޓްސްގެ ތިން ވަނަ ގޯލު ފުކޭ ނަގައިދިން ހުރަހަކުން ދަގަނޑޭ ބޮލުން ޖެހިއިރު ހެޓްރިކް ފުރިހަމަ ކުރީ ގާސިމް ސައްމާމް ދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ދަގަނޑޭ ދިން ބޯޅައަކުން ރިހާމް އަބްދުލްގަނީ (ބޮބީ) ވަނީ ގްރީން ސްޓްރީޓްސްގެ ފަސް ވަނަ ގޯލު ކާމިޔާބު ކޮށްދީފަ އެވެ. ގްރީން ސްޓްރީޓްސްގެ ހަ ވަނަ ގޯލު ދަގަނޑޭ ކާމިޔާބުކުރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފުކޭ ނަގައިދިން ހުރަހަކުންނެވެ.
ގްރީން ސްޓްރީޓްސް ފަސް ގޯލުގެ ލީޑެއްގައި އޮއްވައި ޔުނައިޓެޑް ވިކްޓްރީގެ ބަދަލުކުޅުންތެރިޔާ މިރާހު މުހައްމަދު ވަނީ 68 ވަނަ މިނެޓުގައި އެޓީމުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މިރާހް ވަނީ އެންމެ ފަހުން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ދެ ގޯލު ޖަހައިފަ އެވެ.
މިރާހުގެ ގޯލަށް ފަހު ޔުނައިޓެޑް ވިކްޓްރީގެ މައްސަލަތައް ގޯސްވީ މެދުތެރެއަށް ކުޅެމުން އައި އިސްމާއީލް ޝަފީއު (އިއްސެ) އަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އިއްސެއަށް ސީދާ ރަތެއް ދެއްކީ ބޭއަދަބީ ބަހުން ރެފްރީއާ މުހާތަބު ކުރުމުންނެވެ.
މެޗުގެ 84 ވަނަ މިނެޓުގައި ޑިފެންޑަރު މުހައްމަދު ސާއިފް ބޮލުން ދިން ބޯޅައަކުން ދަގަނޑޭ މެޗުގެ ހަތް ވަނަ ގޯލު ޖެހިއިރު ފަހު ގޯލު، ބަދަލު ކުޅުންތެރިޔާ އަބްދުﷲ ޔާމީން (ޔާން) ޖެހީ ދަގަނޑޭ ހުރަސްކޮށްލި ބޯޅައަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފަސް ގޯލު ޖެހި ދަގަނޑޭ އެވެ.
މި މޮޅާއެކު ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީއަށް ވަނީ ފުރަތަމަ ބުރު ނިމިފަ އެވެ. މި ދެޓީމުގެ އިތުރުން ފުރަތަމަ ބުރު ނިމިފައިވަނީ މާޒިޔާއަށެވެ. މޮޅާ އެކު ގްރީން ސްޓްރީޓްސް ވަނީ ފުރަތަމަ ބުރުގެ އަށް މެޗުން 15 ޕޮއިންޓް ހޯދައި ތާވަލުގެ ދެ ވަނައަށް ކުރިއަށް ޖެހިލާފަ އެވެ. މެޗުން ބަލިވި ޔުނައިޓެޑް ވިކްޓްރީއަށް ހަތް ޕޮއިންޓް ލިބުނުއިރު ފުރަތަމަ ބުރު އެޓީމުން ނިންމާލީ ހަތް ވަނައިގަ އެވެ.
މާޒިޔާ އޮތީ ފުރަތަމަ ބުރުގެ މެޗުތަކުން 20 ޕޮއިންޓް ހޯދައި ތާވަލުގެ އެއް ވަނައިގަ އެވެ. އެކަމަކު ލީގުގައި މާދަމާ ކްލަބް އީގަލްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ގްރީން ސްޓްރީޓްސްއަށް ދެ ވަނަ މަގާމް ގެއްލުމުގެ ފުރުސަތު އެބައޮތެވެ.
ލީގުގައި މިރޭ ކުޅޭނީ ޓީސީ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫ ފުޓްބޯލް ކްލަބެވެ. މި މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
Club Green Streets DPL2019-20 United Victory