News
ފުރަތަމަ ކްލަބް ޓީމް، ދެން ގައުމީ ޓީމް، މިނޫން ގޮތަކަށް މިކަމެއް ނުވާނެ: ހީނާ
23 ސެޕްޓެމްބަރު 2019
ފުޓުބޯޅަ އެސޯސިއޭޝަންއިން ގައުމީ ޓީމްގެ ކަންކަން ރަނގަޅަށް ގެންދިޔުމަށްޓަކައި ދެވަޒީރަކު ހިމަނައިގެން ހެދި ކޮމިޓީއަށް އިޝާރާތްކޮށް، ކްލަބްތަކާއި ލީގެއްނެތި ގައުމީ ޓީމެއް އޮންނާނެތޯ ކޮމިޝަނާ އޮފް ސްޕޯޓްސް އަހްމަދު ސަލީމް(ބޮޑު ހީނާ) ސުވާލު އުފައްދައިފިއެވެ.
ކޮމިޝަނާރ އޮފް ސްޕޯޓްސް އަހްމަދު ސަލީމްގެ ފޭސްބުކް ގައި ވިދާޅުވެފައިވަނީ ކްލަބްތަކުގެ ހާލަތު ރަނގަޅުނުކޮށް އަދި ދިވެހި ޕްރިމިއަރ ލީގުގެ ފެންވަރު ރަނގަޅުނުކޮށް ގައުމީޓީމުގެ ފެންވަރު ރަނގަޅު ކުރާނީ ކިހިނެއްތޯކަމަށެވެ. އަދި މިކަންކަން ރަނގަޅަށް ނުދާނަމަ ގައުމީ ޓީމެއް ނޯންނާނެކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ.
"ފުރަތަމަ ކްލަބް ޓީމް. ދެން ގައުމީ ޓީމް. މިނޫން ގޮތަކަށް މިކަމެއް ނުވާނެ" ކޮމިޝަނަރ ކުރެއްވި ފުރަތަމަ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ދެވަނަ ޕޯސްޓްގައި ބުނެފައިވަނީ " ނޯ ކްލަބް، ނޯ ލީގް، ނޯ ފުޓުބޯލް، ނޯ ގައުމީ ޓީމް. ދެން ކީއްކުރާ ކޮމިޓީއެއް" ކަމަށެވެ.
ހީނާ އިޝާރާތް ކުރައްވާފައިވަނީ ކްލަބުތަކުގެ ހާލަތުު ގޯސްވެ ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދެވި ޓީމްތައް ދޫކޮށް ކުޅުންތެރިންނާއި ކޯޗުން އިސްތިއުފާ ދެމުންދާ މައްސަލަ އަށް އިޝާރާތް ކޮށްކަމަށް ބެލެވެއެވެ.
ނިމިދިޔަ ސަރުކާރުން (ކުންފުނި) ތަކުން ދެމުންދިޔަ ފައިސާ މިއަހަރު ނުދޭގޮތަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެފްއޭއެމް އިން ވަނީ ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަަކަށް އެ އެސޯސިއޭޝަނުން 3 މިލިއަން ދޭނެކަމަށް ބުނެފައެވެ. ނަމަވެސް އެފްއޭއެމް އިން ދޭން ބުނި ފައިސާ އަހަރު ނިމިގެން ދިޔައިރުވެސް ކްލަބު ތަކަށް ލިބިފައި ނުވުމުގެ ސަބަބުން ކްލަބްތަކަށް ބޮޑެތި ގޮންޖެހުންތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.
ބައެއް ކްލަބްތަކުގެ ކޯޗުން ވަނީ ކުޅުންތެރިންނާއި ކޯޗަށް މުސާރަ ނުދޭކަމަށް ބުނެ މުބާރާތުގައި ބޭނުންވާ ނަތީޖާ ލީގުގައި ނުނެރެވޭނެ ކަމަށް ބުނެ ދާދި ފަހުން އިސްތިއުފާ ދީފައެވެ.
ހަމަ އެއާއިއެކު އެންމެ ފަހުން ވިކްޓްރީ ސްޕޯސްޓް ކުލަބުގެ ކުޅުންތެރިން ވަނީ ގްލަބް ގްރީން ސްޓްރީޓާއި އެކު ކުޅެން އޮތްމެޗަށް ހާޒިރު ނުވެފައެވެ. ވިކްޓްރީ ނޫނަސް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ގިނަ ކްލަބްތަކަށް ވަނީ މި ދަތިކަމާއި ކުރިމަތިލާން ޖެހިފައެވެ.
މިފަދަ ހާލެއްގައި ކްލަބްތަކާއި ދިވެހި ޕްރިމިއަރ ލީގު އޮތްވައި އެފްއޭއެމް އިން ގައުމީޓީމް ރަނގަޅު ކުރުމަށް ލަފާދޭ ކޮމިޓީ އެއް އެކުލަވާލައި ސަރުކާރުގެ ދެ މިނިސްޓަރުން އެކޮމިޓީގައި ހިމެނުމުން ގިނަ ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް އަމާޒުވެފައިވެއެވެ.
Ahmed Saleem (Heena) Maldives National Team