News

އެފްއޭއެމްގެ ލީޑަރޝިޕް ބަދަލުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވީ ކްލަބްތަކާއި ހެދި: ޔޫތު މިނިސްޓަރ

21 ސެޕްޓެމްބަރު 2019






ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ލީޑާޝިޕް ބަދަލުކުރަން މަސައްކަތްކުރެއްވި ކަމަށް ނާކާމިޔާބު ވީ ކްލަބްތަކާއި ހެދި ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މަހްލޫފް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ " އެފްއޭއެމްގެ ލީޑަރޝިޕް ބަދަލުކުރަން އަޅުގަނޑު ކުރި މަސައްކަތް ބައެއް ކްލަބް ތަކާއި ހެދި ނާކާމިޔާބުވި. އެކަމާ ރުޅި ހަދާފައި ހުރުމުގެ މާނައެއް ނެތް. އަޅުގަނޑުގެ ހަމަ އެކަނި ބޭނުމަކީ އެފްއޭއެމް އާއި ގުޅިގެން ހީނަރުވަމުންދާ ފުޓުބޯޅަ އަދި ދިމާ ވެފައިވާ މައްސަލަތަކަށް ހައްލެއް ގެންނަން މަސައްކަތް ކުރުން" ކަމަށެވެ.

އެ މަސައްކަތް ފެއިލްވުމުގެ ޒިންމާ ކްލަބްތަކުގެ ބޮލުގައި އެޅުއްވުމަށް ފަހު މިނިސްޓަރު އެފްއޭއެމްއާ ގުޅުމަށް ފަހު އިއްޔެ ވިދާޅުވެފައިވަނީ އެކަމުގައި ރުޅި ހަދައިގެން ހުރުމަށް ވުރެ އެތަން އިސްލާހުކުރުން މާ މުހިއްމު ކަމަށެވެ. ދާދިފަހުން އެފްއޭއެމްއިން ވަނީ މިނިސްޓަރަށް ގައުމީޓީމަށް ލަފާދޭ ކޮމިޓީއަކުން ޖާގަ ދެއްވާފައެވެ. 

ކްލަބްތަކުން އޭރު އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން އުޅުނީ ގައުމީ ޓީމުގެ ހާލަތު ގޯސްވެގެން ނޫނެވެ. ކްލަބްތަކުން ހުށަހެޅި ކަންކަމަކީ އަސާސީ ގަވާއިދާ ހިލާފަށް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން ވަކިކުރުމާއި އާ މެމްބަރުން އައްޔަންކުރުމާއި ޝެޑިއުލާ އެއްގޮތަށް މުބާރާތްތައް ކުރިއަށް ނުގެންދެވުމާއި އޭއެފްސީ ކަޕްގައި އެފްއޭއެމްގެ އިހުމާލު އޮވެ ބައިވެރިނުވެވުމުން ރާއްޖޭގެ ކްލަބްތަކަށް ގިނަ ގެއްލުންތަކެއް ވުމެވެ.

އެފްއޭއެމުން ވަނީ މީގެ ކުރިން އެކަމުގެ ތުހުމަތު މަހުލޫފަށް ކޮށް، އެކަން ތަކުރާރުވާ ނަމަ އެ މައްސަލަ ފީފާގެ ކަމާ ބެހޭ ކޮމިޓީތަކަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. އަދި އެހެންވެއްޖެ ނަމަ ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު ފީފާ އިން ދީފައިވާ ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ.

"މި އިދާރާގެ މަސްލަހަތު ހިމެނޭ ކަންކަމުގެ ތެރެއަށް އިތުރު ފަރާތްތަކުން ވަނުމާއި ވަކިން ހާއްސަކޮށް އެފްއޭއެމް މެމްބަރު ކްލަބްތަކާއި އެފްއޭއެމް އާއި ފުޓްބޯޅަ މަސްލަހަތު ހިމެނޭ ފަރާތްތަކާ އެކު ދިވެހިރާއްޖޭގެ ކުޅިވަރު ވަޒީރު މުއާމަލާތު ކުރައްވަމުން ގެންދަވާ ގޮތާ ރިއާޔަތްކޮށް އެކަން ނުހުއްޓުވައިނަމަ ދިވެހިރާއްޖޭގެ މައްސަލަ ފީފާގެ ކަމާ ބެހޭ ކޮމިޓީތަކަށް ހުށަހަޅާނެ ކަމަށާއި މިކަމުގެ ސަބަބުން ދިވެހިރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ ބިރުވެރި އިންޒާރު ފީފާއިން ދީފައިވާކަން ނުހަނު ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ." އެފްއޭއެމުން މިދިޔަ ފެބްރުއަރީ މަހު ނެރުނު ބަޔާނުގައިވެ އެވެ.

ފީފާގެ ރަޖިސްޓަރޑް އެއްވެސް އެސޯސިއޭޝަނެއްގެ އަދި ފެޑެރޭޝަނެއްގެ އެއްވެސް ކަމެއް ނިންމުމުގެ ބާރެއް އެއްވެސް ގައުމެއްގެ ސަރުކާރަކަށް ލިބިގެންނެއް ނުވެއެވެ. މިފަދަކަމެއް ހިންގައިފި ނަމަ ފީފާއަށް އެބަޔަކާއި މެދު ފިޔަވަޅު އެޅޭނެއެވެ. 

 

 



Leave a Comment:

Comments will be published after moderation.