News
ސާންތި އެފްއޭއެމް އިން އިސްތިއުފާދީފި
19 ސެޕްޓެމްބަރު 2019
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން އިހުސާން އަބްދުލްޣަނީ (ސާންތީ) އިސްތިއުފާ ދީފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދިނީ މަގާމުން ވަކިކުރަން ނޯޓިސް ދިނުމުންނެވެ. އެނގިފައިވާ ގޮތުގައި އެފްއޭއެމުން ނޯޓިސް ދިނީ ފުރަތަމަ ޑިވިޝަނުގެ ވަރަށް ގިނަ ކްލަބްތަކުން ވަނީ އޭނާ ވަކިކޮށްދޭން އެދުމުންނެވެ. ކްލަބްތަކުން ހިތްހަމަނުޖެހުނީ ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލް ރޭވުމުގައި ކްލަބްތަކުގެ މެދުގައި ތަފާތުކުރުންތައް ގެންއުޅޭ ކަމަށް ބުނެއެވެ.
މީގެ އިތުރުން އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓާ ގުޅޭ ގިނަ މަސައްކަތްތަކެއްގައި ފުޓްބޯޅައިގައި ކްލަބްތަކާ ގުޅުން ކުޑަ ގޮތަކަށް ސާންތީ އަމަލުކުރާ ކަމަށް ވެސް ކްލަބްތަކުން ތުހުމަތުކުރެ އެވެ. މިކަމުގައި ސާންތީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ފޯނު ނިއްވާލާފައި އޮތުމުގެ ސަބަބުން ބޭކާރުވެފައެވެ.
ސާންތީ އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓާ 2017 ވަނަ އަހަރުގެ މެދުތެރޭގައެވެ. އެފްއޭއެމުން ޒުވާން ކުޅުންތެރިން ކުރިއަރުން ފަށާފައިވާ ޓުވާޑްސް ފިއުޗާ ޕްރޮގްރާމަކީ ވެސް އޭނާގެ ބެލުމުގެ ދަށުން ތައާރަފްކުރި ޕްރޮގްރާމެކެވެ. މީގެ އިތުރުން ޔޫތު ލީގާއި އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓް ފަށައި ހިންގީ ވެސް ސާންތީ އެވެ. ސާންތީ ވަނީ އެފްއޭއެމްގައި އޭނާ ވަނީ ރަނގަޅު މަސައްކަތްތަކެއްކޮށްފަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި 2001 އިން 2008 އަށް މަސައްކަތްކުރި ސާންތީ އަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމު ތައްޔާރުކުރުމުގެ މުހިއްމު ބައިވެރިއެކެވެ. ފަހުން އޭނާ ވަނީ ކްލަބް ފުޓްބޯޅައިގެ ތެރެއަށެވެ. އެގޮތުން އީގަލްސްގައި ޒުވާން ޓީމެއް ބިނާކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ. އެގޮތުން 2016 ވަނަ އަހަރުގެ ގައުމީ ޗެމްޕިއަންކަން އެ ކްލަބަށް ހޯދައިދިނެވެ.