News

ގުއާމް މެޗަށް ނުދިޔަ ސެންޓޭ އާއި ރިޒޭ އަށް އެފްއޭއެމް އިން ފިޔަވަޅު އަޅައިފި

16 ސެޕްޓެމްބަރު 2019






ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއާއި ގުއާމް ބައްދަލު ކުރި މެޗަށް އެފްއޭއެމް އިން ނެގި ޓީމުގައި ހިމެނުނު އީގަލްސްގެ ދެކުޅުންތެރިންކަމަށްވާ އަލީ ފާސިރާއި އަހްމަދު ރިޒްވާން އެންމެ ފަހު ވަގުތުގައި އެމެޗުގައި ބައިވެރި ނުވުމުން ފުޓުބޯޅަ އެސޯސިއޭޝަނުން އެދެކުޅުންތެރިންނާއި މެދު ފިޔަވަޅު އަޅައިފިއެވެ. 

އެފްއޭއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޯލްޑްކަޕް ކޮލިފައިންގައި ގުއާމްގައި ކުޅެވުނު މެޗަށް އެފްއޭއެމް އިން ހޮވާފައިވާ ގައުމީ ޓީމްގައި ހިމެނުނު ސެންޓޭ އާއި ރިޒޭ ގައުމީ ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައި ނުވާތީ އާއި ގުއާމް މެޗަށް ވިސާގެ ކަންތައްތައް ކުރުމަށް ސްރީލަންކާއަށް ގައުމީ ޓީމާއި އެކު ދަތުރުކޮށްފައި ނުވާތީ މިމައްސަލަ އެފްއޭއެމް އިން ބެލުމަށް ފަހު ކޮންމެ ކުޅުންތެރިޔަކު 50000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިފައިސާ ދެއްކުމަށްފަހު ނޫނީ އެފްއޭއެމް އިން ހިންގާ އެއްވެސް މުބާރާތެއްގައި ދެކުޅުންތެރިންނަށް ބައިވެރި ނުވެވޭނެ ކަމަށް ވެސް އެފްއޭމްއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ. 

ސެންޓޭ އާއި ރިޒޭ އެންމެ ފަހު ވަގުތު ޓީމާއި އެކު ގުއާމް މެޗްގައި ބައިވެރި ނުވީ އަމިއްލަ ސަބަބުތަކާއި ހެދި ކަމަށް ބުނެއެވެ. ސެންޓޭ އާއި ރިޒޭ އަކީ ޕްރިމިއަރ ލީގުގައި ކުޅެމުންދާ މޮޅު ދެކުޅުންތެރިންނެވެ. ސެންޓޭ އީގަލްސްއާއި ގުޅިފައިވަނީ މިސީޒަންގައެވެ. މިދިޔަ ސީޒަނުގައިވެސް ރިޒޭފެނިގެންދިޔައީ ކްލަބް އީގަލްސް އިންނެވެ. މި ދެކުޅުންތެރިންނަކީ އީގަލްސްގެ ވަރަށް މުހިއްމު ދެކުޅުންތެރިންނެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއާއި ގުއާމް ބައްދަލު ކުރި މެޗް ރާއްޖެވަނީ 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. އޭގެ ފަހުން ޗައިނާ އާއި އެކު ކުޅުނު މެޗުގައިވެސް މިދެކުޅުންތެރިން ފެނިފައެއް ނުވެއެވެ. އެމެޗުން ރާއްޖެ ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ. 

 

Maldives National Team

Leave a Comment:

Comments will be published after moderation.