News

ފުޓުބޯޅައިގެ ހާލަތު ގޯސްވެ ކޯޗުންނަށް ދޭންޖެހޭ މުސާރަ ނުދެވި ކޯޗުން އިސްތިއުފާދޭންފަށައިފި

16 ސެޕްޓެމްބަރު 2019






ކޯޗުންނަށް އަދި ޓީމްތަކަށް އެފްއޭއެމް އިން ދޭންޖެހޭ ފައިސާ ނުލިބި މާލީ މައްސަލަތަކާއި ހެދި ޓީމުގެ ހާލަތު ގޯސްވުމުން، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު އާތިފް (އާތީ) އާއި މި ފަހަރުގެ ސީޒަނުން ނުފެނިދާނެކަމުގެ ބިރު ހީފެފައިވަނިކޮށް ޓީމާއި ހަވާލުވި ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް މަގާމުން އިސްތިއުފާދީފި އެވެ.

 

ޓީސީއާ އެކު މި ފަހަރުގެ ސީޒަނަށް ކުރިމަތިލައި ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ގައުމީ ޓީމުތަކަށް ކުރިން އިރުޝާދުދިން ކޯޗު އާތީ އިސްތިއުފާދީފައިވަނީ ރޭގެ ވަގުތެއްގައެވެ. އާތީ އިސްތިއުފާ ދޭން ކްލަބަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޓީމުގެ ކުޅުންތެރިންނަށް ދިމާވެފައިވާ ކަންތައްތަކާ ހެދި އެ ކުޅުންތެރިންގެ ކުޅުމަށް އަސަރު ކުރަމުން އަންނާތީ އެ ކަމަށް ހައްލެއް ހޯދުމަށް ކްލަބްގެ ސީނިއާ މެނޭޖުމެންޓާ ވާހަކަ ދައްކައިގެން ވެސް އެކަމަށް ރަނގަޅު މަގެއް ފެނިފައިނުވާ ކަމަށެވެ. އަދި މި ވަގުތު ކުޅުންތެރިނަށް ހުރި އުނދަގޫތަކާއި އެހެނިހެން ކަންތައްތަކަށް ބަލާއިރު މި ދަނޑިވަޅުގައި ޕްރެކްޓިސްތަކެއް ކޮށްގެން އެދެވޭ ކަންތައްތަކެއް ހާސިލްކުރެވޭނެ ކަމަށް ނުދެކޭ ކަމަށް އެ ސިޓީގައިވެ އެވެ. އަދި އާތީ އަށް ވެސް މުސާރަ ދީފައިނުވާ ކަމަށް ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ޓީސީގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ކުޅުންތެރިންނަށް މުސާރަ ނުދެވޭތާ ގިނަ ދުވަސްތަކެއް ވެފާވާއިރު، އެ ޓީމުން ވަނީ ކުޅުންތެރިންނާ ބައްދަލުކޮށް ކްލަބް ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުސަތު ދޭނެ ކަމަށް އަންގައިފަ އެވެ.

ލީގުގައި އެންމެ ފަހުން ވިކްޓްރީ ކުޅުނު މެޗުތަކުގެ ކުރިން މުހައްމަދު ވަނީ އެ ޓީމުގެ ހާލަތު ގޯސްވެފައިވާ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.  ވިކްޓްރީގެ ކޯޗް އިސްތިއުފާ ދިނީ ކްލަބްގެ މެނޭޖްމަންޓާ ގުޅިގެން އެއްވެސް ކަމެއް ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދެއް ނެތުމުން ކަމަށް ބުނެއެވެ.

ފާއިތުވި އަހަރުތަކުގައި ސަރުކާރުގެ ކުންފުނިތަކުން ފުޓްބޯޅަ ކްލަބްތަކަށް ހަރަދުކުރި އެވެ. އެގޮތުން ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ ދިނެވެ. މި އަހަރު ސަރުކާރު ކުންފުނިތަކާ އެކު އޭރު ހެދުނު އެސްއޯއީ އެއްބަސްވުންތައް އާ ނުކުރަން ނިންމުމުން ދެން ކްލަބްތަކަށް ފައިސާ ދޭން ނިންމީ އެފްއޭއެމުންނެވެ. އެފްއޭއެމުން މިދިޔަ މާޗް މަހު ފާސްކުރި ބަޖެޓުގައި، ކްލަބްތަކަށް ދޭ މާލީ އެހީތެރިކަމުގެ ގޮތުގައި 30 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އެއީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކޮންމެ ޓީމަކަށް ތިން މިލިއަން ރުފިޔާގެ އުސޫލުން ކަމަށް ބެލެވެ އެެވެ.

އެފްއޭއެމުން މިހާތަނަށް ކްލަބްތަކަށް ކޮންމެވެސް ވަރަކަށް ފައިސާ ދީފައިވާއިރު، ގިނަ ކްލަބްތަކަށް ވަނީ މުސާރައިގެ މައްސަލަތައް ކުރިމަތިވެފަ އެވެ. ނަމަވެސް ކްލަބްތަކަށް ދޭން ބުނި ފައިސާ އަދި އެފްއޭއެމް އިން އެއްކޮށް ދީފައިނުވާކަމަށް ކްލަބްތަކުން ބުނެއެވެ. މި ފަހަރުގެ ސީޒަނަށް ތައްޔާރުވުމަށް ކްލަބްތަކަށް މާލީ ގޮތުން ދަތިވެފައިވަނިކޮށް ސްޕޯޓްސް މިނިސްޓްރީ ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެޓީމް ނޫނަސް ލީގުގައި ވާދަ ކުރާ އެހެން ޓީމްތަކަށް ވެސް ވަނީ މި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. ކުޅުންތެރިންނާއި ކޯޗަށް މުސާރަ ނުދޭތާ 5 ނުވަތަ 6 މަހާއި ގާތްވަނީ އެވެ. ކްލަބްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ޓީމްތަކަށް އާމްދަނީ ލިބޭނެ އިތުރުގޮތެއް ހޯދަައި ދިނުމަކީ އެފްއޭއެމްއާއި ސަރުކާރަށްވެސް އެކަމުން ލުއިތަކެއް ލިބިގެންދާނެ ކަމަކަށް ވެގެންދާނެއެވެ. 

ފޮޓޯ: މިހާރު

 

 

DPL2019-20

Leave a Comment:

Comments will be published after moderation.