News
12 އަހަރުންދަށުގެ ލީގު: ރިޒާންގެ ހެޓްރިކާއެކު މާޒިޔާއިން ފެށުން ރަނގަޅުކޮށްފި
13 ސެޕްޓެމްބަރު 2019
ފުޓުބޯޅަ އެސޯސިއޭޝަން އިން ޒުވާން ކުޅުންތެރިން އުފެއްދުމަށްޓަކައި ފެށި ޓުވާޑްސް ފިއުޗަރގެ ދަށުން ބާއްވާ 12 އަހަރުން ދަށުގެ ލީގް އިއްޔެ ފަށައިފިއެވެ.
އެކަޑަމީތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި އިއްޔެ ވަނީ ދެމެޗް ކުޅެފައެވެ. ފުރަތަމަ މެޗްގައި ބައްދަލު ކުރީ މާޒިޔާ އެކަޑަމީ އާއި ބީޖީ ސްޕޯޓްސް އެކަޑަމީއެވެ. މި މެޗް 5-0 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ މާޒިޔާ ފުޓްބޯޅަ އެކަޑަމީގެ ޓީމެވެ. މާޒިޔާއިން ކާމިޔާބު ކުރި 5 ގޯލްގެ ތެރެއިން 4 ގޯލް ކާމިޔާބުކޮށް، އެޓީމުގެ ޖަރޒީ ނަންބަރ07 އަބްދުއްﷲ ރިޒާާން މުހައްމަދު ވަނީ ހެޓްރިކް ހަދާފައެވެ. މާޒިޔާގެ އަނެއްގޯލް ކާމިޔާބު ކުރީ ނަޝޫ އަހްމަދު ޝިހާމްއެވެ.
ދެވަނަ މެޗްގައި ބައްދަލު ކުރީ ވިކްޓްރީ އެކަޑަމީ އާއި އާރލީޓަޗް ފުޓުބޯޅަ އެކަޑަމީ އެވެ. މި މެޗް ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
12 އަހަރާއި 14 އަހަރުންދަށުގެ ލީގު ކުރިޔަށްދާއިރު މި މުބާރާތަށް އެކަޑަމީތަކުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ބައެއް އެކަޑަމީ ތަކުން ވަނީ ރާއްޖެއިން ބޭރުގައި ފަރިތަކޮށްފައެވެ. އަދި ރާއްޖެއިން ބޭރުގެ ބައެއް މުބާރާތްތަކުގައި ވެސް އެކަޑަމީތަކުން ވަނީ ވާދަކޮށްފައެވެ.
U-12 Youth League