News
ވިލުފުށީ ރައްޔިތުން ފުޓުބޯޅަ ދަނޑެއްގެ އިންތިޒާރުގައި ތިބޭތާ 15 އަހަރު
13 ސެޕްޓެމްބަރު 2019
ތ. ވިލުފުއްޓަކީ ފުޓުބޯޅަ އަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ. މޮޅު ކުޅުންތެރިން ތިބި ރަށެއްވެސްމެއެވެ. އެގޮތުން އެރަށުގެ ފުޓުބޯޅަ ޓީމް ވަނީ އަތޮޅު ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ޒޯން ޗެމްޕިއަންޝިޕަށް ކޮލިފައިވެ އެމުބާރާތުގެ ދެވަނަ ހޯދައި 2007 އަދި 2008 ވަނަ އަހަރު ދިރާގް ދިވެހި ޕްރިމިއަރ ލީގުގައި ވާދަކޮށްފައެވެ.
ނަމަވެސް ވިލުފުށީގައި މިހާރު ފުޓުބޯޅަ ކުޅޭނެ ރަނގަޅު ދަނޑެއް ނެތުމުން އެރަށުގެ އަމިއްލަ ޖަމިއްޔާ ތަކުން ފުޓުބޯޅަ އެރަށުގައި ކުރިއަރުވަން ކުރަމުންދިޔަ މަސައްތަައް މިވަނީ މަޑުޖެހުމެއް އައިސްފައެވެ. 2004 ވަނަ އަހަރު އޭޝިޔާގެ ގައުމުތަކަށް އެރި ސުނާމީގައި ތ. ވިލުފުށި އެއްކޮށްހެން ސުންނާފަތިވިއެެވެ. އެހެންކަމުން އެރަށު މީހުން 2005 ވަނަ އަހަރު ބަދަލުކުރީ ތ. ބުރުނި އަށެވެ. ނަމަވެސް ބުރުނީގައި އުޅެމުންވެސް ޖެހިގެން އައި އަހަރު ވިލުފުއްޓަށް ނިސްބަތްވާ ޓީމެއް އަތޮޅު ޗެމްޕިއަންޝިޕްގައި ބައިވެރިވެ ދިރާގް ދިވެހި ޕްރިމިއަރ ލީގާއި ހަމައަށް ދިޔައެވެ.
2009 ވަނަ އަހަރު ވިލުފުށި އަލުން ހަދައި އޭރުގެ ސަރުކާރުން އެރަށުމީހުން އަނެއްކާވެސް އަމިއްލަ ރަށައް ބަދަލުކުރިއެވެ. ނަމަވެސް ސުނާމީ އެރުމުގެ ކުރިން އެރަށުގައި އޮތް ފުޓުބޯޅަ ދަނޑު އޮތީ ހަލާކުވެފައެވެ. އެރަށް މީހުން ބަދަލު ކުރި އިރު ފުޓުބޯޅަ ދަނޑެއްގެ ގޮތުގައި އޮތީ ހިއްކި ބިމެކެވެ. އެހެންކަމުން ކުރިން އެރަށުގައި ކުރިޔަށް ގެންދިޔަ ފުޓުބޯޅައިގެ ހަރަކާތްތައް މުޅިންހެން ހުއްޓުނެވެ.
މިހެން ކަމުން ރަށުގެ ޒުވާނުން ވެގެން ދަނޑުހެދޭތޯ މަސައްކަތްތަކެއް ފެށިއެވެ. އެގޮތުން އެރަށުގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ރެއިޒިން ސްޓަރސް ފޯރ ވިލުފުށި ރެކްރިއޭޝަން (އާރް.އެސް.ވީ.އާރް) އިސްނަގައިގެން 2013 ވަނަ އަހަރުން ފެށިގެން އަންނަނީ އެކި ގޮތްގޮތުން މަސައްކަތް ތަކެއް ކުރަމުންނެވެ. ރަށުގައި އެއިރު ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ފެށި މަސައްކަތުންވެސް ދަނޑުގައި ކުޅެވޭވަރެއް ނުވިއެވެ.
އެހެންކަމުން ރަށުގެ ޒުވާނުން ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނެސް ސަރުކާރުން އެދަނޑު ހެދުމަށް އެމްޓީސީސީ އާއި ހަވާލު ކުރެވުނެވެ. ނަމަވެސް އެމަސައްކަތް ވަކި ހިސާބަކަށް ދިޔަ ތަނާ ކޮންމެވެސް ކަމެއް މެދުވެރިވެ އެމަސައްކަތް ހުއްޓުނެވެ. އެއަށްފަހު ކުރީގެ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ އެމްއާރްޑީސީ އާއި ހަވާލު ކުރެވުނެވެ. އެއަށްފަހު އެމްއާރްޑީސީންވަނީ އެދަނޑުހެދުމަށް ސަބްކޮންޓްރެކްޓަށް އަމިއްލަ ބަޔަކާއި ހަވާލު ކުރިއެވެ. ނަމަވެސް އެމީހުންނާއި ހަވާލުކޮށްގެންވެސް އެމަސައްކަތް ނުކުރެވުމުން ފަހުން އެމްއާރްޑީސީ އިން ވަނީ އެމަސައްކަތް ދެވަނަ ފަހަރަށް ވެސް ކުރަން މަސައްކަތް ކޮށްފައެވެ.
ނަމަވެސް ކޮންމެ ބަޔަކު މަސައްކަތާއި ހަވާލުވެ މަސައްކަތް ފަށައި ދަނޑުކޮނެ މަސައްކަތް ފުރިހަމަ ނުކޮށް ހުއްޓާލުމުން ދަނޑުގެ ހާލަތު އިތުރަށް ގޯސްވެ ދަނޑު އިތުރަށް ޗަކަވެގެން ދިޔައެވެ.
މިހާހިސާބުން އެރަށުގެ އާރް.އެސް.ވީ.އާރް އިން އިސްނަގައިގެން ގިނަ ޒުވާނުންގެ އެއްބާރުލުމާއިއެކު "ހައްލަކޫ ޓާރފް" ގެ ނަމުގައި 2018 ވަނަ އަހަރުގެ މެދުތެރޭގައި ބޮޑުކެމްޕެއިންއެއް ފެށިއެވެ. އެޖަމިއްޔާ އާއި އެރަށުގެ ޒުވާނުންގެ މައިގަނޑު ވިސްނުމަކީ ކުރެންދޫ ޒުވާނުން އިސްނަގައިގެން އެރަށުގެ ޓާރފް ދަނޑު ހެދުމަށް ކުރިފަދަ ފަންޑްރައިޒިން މަސައްކަތެއްފަށައި އަމިއްލައަށް ދަނޑު ހެދުމުގެ ކަންކަން ކުރިޔަށް ގެންދިއުމެވެ.
އެގޮތުން އެކިއެކި ފަރާތްތަކާއި ބައްދަލު ކުރަމުން ގޮސް އޭރުގެ އެދާއިރާގެ މަޖިލިސް މެމްބަރ ރިޔާޒް ރަޝީދާއި އަދި އޭރުގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި އެރަށުގެ ޒުވާނުން ބައްދަލު ކުރުމުން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިން ދަނޑު ހެދުމަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވާނެކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ސްޓެލްކޯއިންވަނީ ދަނޑަށް ބޭނުންވާ ޓަރފް އެރަށަށް ގެންގޮސްފައެވެ.
ސަރުކާރު ބަދަލުވެ މިސަރުކާރުގެ ޔޫތު މިނިސްޓަރ ވަނީ ދަނޑުގެ ސަބްބޭސް ހެދުމަށްޓަކައި އެމްޓީސީސީ އާއި އަނެއްކާވެސް ހަވާލު ކޮށްފައެވެ. ނަމަވެސް އަދިވެސް އަމަލީ މަސައްކަތް ފެށިފައި ނުވާކަން އެރަށު ޒުވާނުން ފާހަގަ ކުރެއެވެ. އެރަށުގެ ކުދި ބޮޑު އެންމެންގެ އެދުމަކީ އަވަހަށް މަސައްކަތް ފަށައި ރަނގަޅު ފެންވަރުގެ ދަނޑެއްގައި އަވަސް މުސްތަގުބަލެއްގައި ކުޅެލުމުގެ ފުރުސަތު ލިބިގެން ދިޔުމެވެ.
ގިނަ ދަތިތަކާއި އެކުވެސް އާރް.އެސް.ވީ.އާރްގެ ޒުވާނުން އިސްނަގައި ޒުވާން ކުޅުންތެރިން އުފެއްދުމަށްޓަކައި އެރަށުގައި ދަނީ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ހިންގަމުންނެވެ. ނަމަވެސް އަދި ކުރިޔަށް ގެންދަނީ އެންމެ އުމުރުފުރާއެކެވެ. މެޓް ފުޓްސަލް ދަނޑެއްގައި ކުރިޔަށް ގެންދާ މި މަސައްކަތުގައި ދަނޑުގެ ކުޑަކަމާއި އެކި އެކި ދަތިތަކާއި ގޮންޖެހުންތަކުގެ ސަބަބުން ގިނަ ކުދިންނަށް ވަނީ ފުރުސަތު ގެއްލިފައެވެ.
އަދި ހަމައެއާއިއެކު ދިވެހި ޕްރިމިއަރ ލީގުގައި މީގެކުރިން ވާދަކޮށްފައިވާ ވިލުފުށި ފާއިތުވި 3 އަހަރު މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިފައި ނުވަނީ ފަރިތަކުރާނެ ދަނޑެއްނެތުމުގެ ސަބަބުންނެވެ. ވިލުފުށީ ޒުވާނުން ބުނީ މިނިވަން ޗެމްޕިއަން ޝިޕް ކަހަލަ ބޮޑެތި މުބާރާތްތައް ބާއްވަން އެރަށުގައި ގިނަ ވަސީލަތްތައް އެބަހުރިކަމަށެވެ. ނަމަވެސް ނެތީ ރަނގަޅު ފެންވަރުގެ ދަނޑެެކެވެ. މިހެންވުމުން މުބާރާތްތައް ހޯސްޓް ކުރުމުގެ ފުރުސަތުން ވެސް އެރަށް މިވަނީ މަހުރޫމްވެފައެވެ.
ހުނަރުވެރި ޒުވާނުންތަކެއް ދިރިއުޅޭ ވިލުފުށީގެ ކުދި ބޮޑު އެންމެންގެ އުއްމީދަކަށް ވެފައިވަނީ ވީހާވެސް އަވަހަށް އެރަށުގައި ރަނގަޅު ފެންވަރުގެ ޓާފް ދަނޑެއް ގާއިމު ކުރެވި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ކުރިޔަށް ގެންގޮސް ފުޓުބޯޅައިން ގިނަ ކާމިޔާބުތައް ރަށާއި ގައުމަށް ހޯދައިދޭނެ ޒުވާން ކުޅުންތެރިން އުފެއްދުމެވެ. އަދި ކުރިން އޮތް ވަރުގެ ވަރުގަދަ ޓީމަކާއި އެކު ޕްރިމިއަރ ލީގުގައި ވާދަކޮށްލުމަކީ އެރަށުގެ ޒުވާނުންނާއި ކުދިބޮޑު އެންމެންގެ އުއްމީދެކެވެ.