News
ފީފާ އިން އަނެއްކާވެސް ނިއު އަށް މުހުލަތެއް ދީފި
12 ސެޕްޓެމްބަރު 2019
ނިއު ރޭޑިއަންޓުން އެ ކްލަބުގެ ކުރީގެ ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒް ދޭން ޖެހޭ ފައިސާ ދައްކަން ފީފާ އިން އެންގި އެންގުމަށް އަމަލުކޮށްފައިނުވާތީ އިތުރު 30 ދުވަހުގެ މުހުލަތެއްދީފިއެވެ.
އެ މުއްދަތުގައި އެ ފައިސާ ނުދައްކައިފި ނަމަ ކުޅުންތެރިން ނުގެނެވޭ ގޮތަށް އަދަބުދޭނެ ކަމުގެ އިންޒާރު ފީފާ އިން ވަނީ ނިއުރޭޑިއަންޓަށް ދީފައެވެ. ފީފާއިން ބުނެފައިވާ ގޮތުގައި މުސާރައިގެ ގޮތުގައި އެޓީމުގެ ޓަވަރޭޒަށް ދޭން ޖެހޭ 4000 އެމެރިކާ ޑޮލަރު (61،680ރ) އާއި ނިއު އިން ހަދާފައިވާ ކޮންޓްރެކްޓާއި ހިލާފުވެފައިވާތީވެ ބަދަލެއްގެ ގޮތުން ދޭން ޖެހޭ 20،000 އެމެރިކާ ޑޮލަރު (308،400ރ) އަދި ފީފާ އަށް ދޭން ޖެހޭ 8000 ސްވިސް ފްރެންކްސް (124087ރ.) އާއި ޖޫރިމަނާގެ ގޮތުގައި 5000 ސްވިސް ފްރެންކް (77,557ރ.) 30 ދުވަހުގެ ތެރޭގައި ދައްކަން އަންގާ ކަމަށެވެ. އިންޓްރެސްޓްތަކާ އެކު މި އަދަދު އިތުރުވާނެ އެވެ.
މި ފައިސާ 30 ދުވަހުގެ ތެރޭގައި ނުދައްކައިފި ނަމަ އިތުރު އެންގުމެއް ނެތި ނިއުގެ މައްޗަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް އަދަބު ތަންފީޒްވާނެ އެވެ. އަދި އެ އަދަބު އެފްއޭއެމުން ތަންފީޒްނުކޮށްފި ނަމަ އެފްއޭއެމަށް ވެސް ފިޔަވަޅު އަޅާނެ އެވެ. އަދަބު ތަންފީޒްކުރަމުން އަންނަނިކޮށް ވެސް އެ ފައިސާ ދައްކައިފިއްޔާ ކުޅުންތެރިން ގެނައުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ނިއުރޭޑިއަންޓުން ފައިސާ ނުދީގެން ދިވެހި ބައެއް ކުޅުންތެރިން އެފްއޭއެމްގައި މައްސަލަ ޖެއްސުމުން އެފްއޭއެމް އިން ވަނީ އެކުލަބު ސަަސްޕެންޑް ކޮށްފައެވެ. ނިއުރޭޑިއަންޓަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބެވެ.
Dhivehi Premier League New Radiant Sports Club