News
ރާއްޖެއާއި ޗައިނާ ބައްދަލު ކުރިމެޗް ޗައިނާ ކާމިޔާބުކޮށްފި
10 ސެޕްޓެމްބަރު 2019
ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ޗައިނާ އާއި ރާއްޖެ ބައްދަލުކުރި މެޗް ޗައިނާއިން 5-0 އަކުން ރާއްޖެ ބަލިކޮށްފި އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ޗައިނާ އިން ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު ފަސް ވަނަ މިނިޓްގައި ޒެން ލިންޕެންގް ޖެހި ބޯޅަ ދިޔައީ ބޭރަށެވެ. އޭގެ ފަހުން ޗައިނާ ހާފް ތެރެއިން ދަގަނޑޭ އަށް ކުރި ފައުލަކަށް ލިބުނު ހިލޭ ޖެހުމަކުން ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ނެގި ހުރަސް އެއްވެސް ކުޅުންތެރިއެއްގެ ފައިގައި ލައްވާލާ ގޮތެއްނުވި އެވެ.
ޗައިނާ އިން ލީޑުނެގީ މެޗުގެ 33 ވަނަ މިނިޓްގައި އެ ޓީމުގެ މިޑްފީލްޑަރު ވޫ ޝީ ޖެހި ގޯލުންނެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ފޮނުވާލަން އުޅުމުގެ ތެރޭގައި ރާއްޖޭގެ ކެޕްޓަން އަކޫ އަށް އަނިޔާވެގެން ވެއްޓީފައި އޮތް ވަގުތު އަލުން އެ ބޯޅަ ހޯދައި ޗައިނާގެ ލީ ލޭ ނެގި ހުރަހަކުން އޭރިއާ ތެރެއިން ވޫ ވަނީ ބޮލުން ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިފަ އެވެ.
ރާއްޖޭގެ މެދުތެރެއިން ގިނަ ގޯސްތަކެއް ހެދުނު ވަގުތުގައި ޗައިނާ އިން އޭގެ އެޑްވާންޓޭޖް ނަގައި ފުރަތަމަ ހާފް ނިމުމުގެ ކުރިން ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. މެޗުގެ 43 ވަނަ މިނިޓްގައި މި ގޯލު ޖެހީ ވޫ ލީ އެވެ.
ރާއްޖޭން ދެ ވަނަ ހާފަށް ނުކުތީ ބަދަލަކާ އެކު އެވެ. ދަގަނޑޭގެ ބަދަލުގައި ހަސަން ނާއިޒު (ދާދު) ވަނީ ކުޅެން އަރުވައިފަ އެވެ. މިބަދަލާ އެކު ރާއްޖޭގެ އެޓޭކްތައް އަވަސްވެ ޗައިނާގެ ފަހަތަށް ކޮންމެވެސް ވަރަކަށް ޕްރެޝަރު ބޮޑުވާން ފެށި އެވެ. މި މެޗްގައި ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ ގިނަ ހަމަލާތަކެއް މަތަކޮށް ފައެވެ.
ދާދު އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ލިބޭ ބޯޅަތަކުގައި އެ ކުޅުންތެރިން ދިޔައީ ރަނގަޅު އެޓޭކް އުފައްދަން މަސައްކަތްކުރަމުންނެވެ. އެ ގޮތުން މެޗުގެ 55 ވަނަ މިނިޓްގައި އަކޫ ޖެހި ހިލޭޖެހުމެއް ހުރަސް ދަނޑީގައި ޖެހިފައި ކުޅުމުގެ ތެެރެއަށް އައި ވަގުތު ދާދު ޖެހި ބޯޅަ ބޭރަށް ދިޔައީ ޗައިނާ ކީޕަރު އަތުގައި ޖެހިފައި ދަނޑީގައި ވެސް ޖެހިފަ އެވެ. އޭގެ މިނިޓެއް ފަހުން ރާއްޖޭގެ އިބްރާހިމް އައިސަމް އަށް ލިބުނު ފުރުސަތުން އޭނާ ބޮލުން ޖެހި ބޯޅަ ވެސް އަމާޒުވީ ގޯލްކީޕަރު އަތަށެވެ.
އަނިޔާވުމުގެ ސަބަބުން މެޗުގެ 60 ވަނަ މިނިޓްގައި ރާއްޖޭން ވަނީ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް)ގެ ބަދަލުގައި ސަމޫހު އަލީ (ސަމުއްޓެ) ކުޅެން އަރުވައިފަ އެވެ. ރާއްޖޭން މެޗުގެ ތެރެއަށް ވަދެ ރަނގަޅަށް ކުޅެމުން ދަނިކޮށް ޗައިނާގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 63 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޔާން ޝޫ އެވެ. އެ ޕެނަލްޓީ ދިން ގޮތާ މެދު ރާއްޖޭގެ ބެންޗުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ. ޗައިނާގެ ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ 83 ވަނަ މިނިޓްގައި އެލްކެސަން އެވެ. މެޗުގެ އިތުރު ވަގުތުގައި ޗައިނާގެ ފަހު ގޯލު ޖެހީ އެލްކެސަން އެވެ.
އެންމެ ފަހުން މާލޭގައި ޗައިނާ އިން 2001 ވަނަ އަހަރު ރާއްޖެ ބަލިކުރީ 1-0 އިންނެވެ. މި މޮޅާ އެކު ޗައިނާ ވަނީ ކޮލިފައިން ގްރޫޕް އޭގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތީ ސީރިއާ އެވެ. ތިން ވަނައިގައި އޮތީ މިއަދު ގުއާމް އަތުން 4-1 އިން މޮޅުވި ފިލިޕީންސް އެވެ. ރާއްޖެ އޮތީ ހަތަރު ވަނައިގަ އެވެ. ފަސް ވަނައިގައި އޮތީ ގުއާމް އެވެ.
ފޮޓޯ: މިހާރު ނިއުސް
Maldives National Team