News

ގައުމީޓީމް މާދަމާ ރޭ ކުޅޭ މެޗްގެ ހުރިހާ ޓިކެޓެއް ވިކި ހުސްވެއްޖެ

9 ސެޕްޓެމްބަރު 2019






2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށާއި 2023 ވަނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެ ކުޅެންޖެހޭ މެޗް ތަކުގެ ތެރެއިން މާދަމާ ރޭ ގަލޮޅު ދަނޑުގައި ޗައިނާ އާ ދެކޮޅެއް ކުޅެން ހަމަޖެހިފައިވާ މެޗްގެ ހުރިހާ ޓިކެޓެއް 5 ގަޑި އިރު ތެރޭ އިއްޔެ ވިކި ހުސްވެއްޖެއެވެ. 

ގާތްގަނޑަކަށް ހަތްހާހަށްވުރެ ގިނަ މީހުންނަށް ވަދެވޭ ވަރުގެ ޖާގަ އޮންނަ ގަލޮޅު ދަނޑުގެ އިރުމަތީ ފަރާތު ސިޑިބަރިއާއި ދެކުނު ފަރާތުގެ ސިޑިބަރި ބަންދުކޮށްފައި އޮތުމާއެކު މާދަމާ ރޭ ޗައިނާ އާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅޭ މެޗަށް ވިއްކާ ގޮތަށް ހަމަޖެހިފައި އޮތީ ގާތްގަނޑަކަށް 3،400 ޓިކެޓެވެ.

ނަމަވެސް ފީފާގެ ގަވައިދު ބުނާ ގޮތުން ވޯލްޑް ކަޕް ކޮލިފައިން މެޗްތަކުގެ ޓިކެޓް ވިއްކާއިރު އަވޭ ޓީމަށް ވަކި އަދަދަކަށް ޓިކެޓް ވިއްކަން ޖެހޭކަމުން ރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކައިފައިވަނީ ގާތްގަނޑަކަށް 2400 ޓިކެޓެވެ. މި ހުރިހާ ޓިކެޓެއް ރޭ ވިކި ހުސްވެފައިވާ ކަން އެފްއޭއެމް އިން މީޑިޔާ ތަކަށް ވަނީ މައުލޫމާތު ދީފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ޗައިނާޓީމަށް ވިއްކަން ހަމަޖެހިފައިވާ ހުރިހާޓިކެޓެއްވެސް ވަނީ ވިކި ހުސްވެފައެވެ. މާދަމާ ރޭ ކުޅޭ މެޗް ބަލަން ޗައިނާގެ ހާހެއްހާ ސަޕޯޓަރުން ގަލޮޅު ދަނޑަށް ވަދެއްޖެ ނަމަ މިއީ ރާއްޖޭގައި ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި އެންމެ ގިނަ އަދަދަކަށް އަވޭ ސަޕޯޓަރުން ވަންނަ ފުރަތަމަ ފަހަރަށް ވާނެއެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ރަށުން ބޭރުގައި މިދިޔަ ބުރާސްފަތި ދުވަހު ގުއާމް ބަލިކޮށްފަ އެވެ. ދުނިޔޭގެ ރޭންކިންގެ 190 ވަނައިގައި އޮތް ގުއާމް އަތުން މޮޅުވި މެޗުގައި ރާއްޖޭގެ ގޯލު ކާމިޔާބުކޮށްދިނީ މާޒިޔާގެ ފޯވާޑް އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. ރާއްޖެއާ ޗައިނާ ބައްދަލުކުރާ މެޗު ފަށާނީ މާދަމާރޭ 20:00 ގައެވެ.

Maldives National Team

Leave a Comment:

Comments will be published after moderation.