News
ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަޑައިގެން ޓީމަށް ސަޕޯޓް ކުރުމަކީ ވަރަށް މުހިއްމުކަމެއް: ކީޕަރ އިންމަ
9 ސެޕްޓެމްބަރު 2019
ގަލޮޅު ދަނޑުގައި ގައުމީޓީމު ނެރެފައިވާ އާދަޔާޚިލާފް ނަތީޖާތަކުގެ އެންމެ މުހިއްމު ފަރާތަކީ 12 ވަނަ ކުޅުންތެރިޔާ ކަމަށާއި، ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަޑައިގެން ޓީމަށް ސަޕޯޓް ކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އަދި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފިއެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަދި ގައުމީޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް އަލުން ގައުމީޓީމުގައި ހިމެނުމާއި ގުޅިގެން، އިންމަގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި އޭނާ ވަނީ 12 ވަނަ ކުޅުންތެރިޔާ ވަރަށް މުހިއްމު ކަމަށާއި ވީހާވެސް ގިނަ ސަޕޯޓަރުން ގަލޮޅު ދަނޑު ފުރާލުމަށް އެދިފައެވެ.
" ގަލޮޅު ދަނޑުގައި ގައުމީޓީމު ނެރެފައިވާ އާދަޔާޚިލާފް ނަތީޖާތަކުގެ އެންމެ މުހިއްމު ފަރާތަކީ 12 ވަނަ ކުޅުންތެރިޔާ، ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަޑައިގެން ޓީމަށް ސަޕޯޓް ކުރުމަކީ ވަރަށް މުހިއްމުކަމެއް. " އިންމަ ބުނެފައިވެއެވެ. އިންމަ ވަނީ އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ޓީމުގައި ހިމެނުމަށް ކޯޗް ނިންމާފައިވާތީ އެކަމާ އުފާފާޅުކޮށް ޓީމަށް ކާމިޔާބަށް އެދިފައެވެ.
" މިއަދަކީ ވަރަށް އުފާވެރި ދުވަހެއް، އަލީ އަޝަފާގާއި އެކު ދިވެހި ފުޓުބޯޅަ ޓީމަށް ވަރަށް ފޮނި ކާމިޔާބީ އަކަށް އެދެން" ކަމަށް އިންމަ ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވެއެވެ.
ވޯލްޑްކަޕް ކޮލިފައިންގައި އޭޝިއާގެ ގަދަބާރު ޗައިނާއާއި ދެކޮޅަށް މާލޭގައި ކުޅޭ މެޗަށް ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގައުމީޓީމުގައި ހިމަނައި އޭނާ މިހާރު ވަނީ ޗައިނާ މެޗަށް، ރާއްޖޭގެ ގައުމީ ޓީމު ކޭމްޕުކުރަމުންދާ ހޮޓެލް ޖެންގައި ޓީމާއި ގުޅިފައެވެ.
މިއީ 2017 ވަނަ އަހަރަށްފަހު ދަގަނޑޭ ގައުމީ ޓީމާއި ގުޅުނު ފުރަތަމަ ފަހަރެވެ. ދަގަނޑޭއަށް ފުރުސަތު ގެއްލުނީ ވޯލްޑްކަޕް ކޮލިފައިންގައި މާލޭގައި ކުޅުނު މެޗެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވިކަމަށް ބުނެއެވެ. ދަގަނޑޭއަކީ ވޭތުވެ ދިޔަ ދެއަހަރުވެސް ރާއްޖޭގެ މޮޅު ކުޅުންތެރިއާއެވެ. އެހެންކަމުން ގައުމީޓީމުގައި އޭނާ ނުހިމެނުމުން ސަޕޯޓަރުންގެ ނުރުހުންވަނީ އެފްއޭއެމްއާއި ކޯޗައް އަމާޒުވެފައެވެ.
2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށާއި 2023 ވަނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެ ކުޅެންޖެހޭ މެޗް ތަކުގެ ތެރެއިން މާދަމާ ރޭ ގަލޮޅު ދަނޑުގައި ޗައިނާ އާ ދެކޮޅެއް ކުޅެން ހަމަޖެހިފައިވާ މެޗްގެ ހުރިހާ ޓިކެޓެއް މިހާރުވަނީ ވިކި ހުސްވެފައެވެ. ކޮލިފިކޭޝަން ބުރުގައި ރާއްޖެ ކުޅޭ ދެވަނަ މެޗްގެ ޓިކެޓް ވިއްކަން ފެށީވެސް އިއްޔެ ހަވީރު އެވެ.
Maldives National Team