News

ރާއްޖޭގެ ވޮލީ އަށް ދެންވާނީ ކިހިނެއް؟

7 ސެޕްޓެމްބަރު 2019






ފުޓުބޯޅަ ފިޔަވައި ރާއްޖޭގައި އެންމެ މަގުބޫލު ކުޅިވަރަކަށް ވެފައިވަނީ ވޮލީ ބޯޅައެވެ. އަހަރު ނިމިގެން މިދަނީ ވޮލީގެ މާކަބޮޑު ހަރަކާތެއް ނުބޭވިއެވެ. މީހަމަ ގައިމުވެސް ވޮލީ ދެކެ ލޯބިވާ ބަޔަކު ރުހޭނެ އަދި ބޭނުން ވާނެ ގޮތެއްވެސް ނޫނެވެ. ވޮލީބޯޅަ އެސޯސިއޭޝަން އޮތީ ސްޕޯޓްސް ކޮމިޝަނުން ނޯމަލައިޒް ކޮށްފައެވެ.

ވީއޭއެމްގެ އެކްސްކޯއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެ، އެ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފްގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށް ކޮމިޝަނަރާ އޮފް ސްޕޯޓްސް އިން ވީއޭއެމް ނޯމަލައިޒޭޝަން ކޮމިޓީ އަކާއި ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.

ވޮލީބޯޅަ އެސޯސިއޭޝަނަށް އެންމެ ފަހުން އިންތިޚާބުވި މުހައްމަދު ލަތީފް އެ އިދާރާ ހިންގުމުގައި ގޯސްތަކެއް ހަދާފައިވާކަމަށް ބުނެ ސަރުކާރުގެ ކުޅިވަރުގެ އެންމެ މަތީފަރާތް ކަމުގައިވާ އަދި ރާއްޖޭގައި ހިންގާ ހުރިހާ ކުޅިވަރެއްގެ ބަލަދުވެރި ފަރާތްކަމުގައިވާ ސްޕޯޓްސްކޮމިޝަނުން ވަނީ ވޮލީބޯޅަ އެސޯސިއޭޝަނުގައި މައްސަލަތަކެއް އުޅޭކަމަށް ބެލެވޭތީ އެކަން ބެލުމަށް ކޮމިޓީއެއްހަދައި އެކޮމިޓީއަށް އެކަންކަން ބެލުމަށާއި، އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ފަހު އިންތިޚާބެއް ބާއްވާން ޖެހޭކަމުގައިވާނަމަ އެކަންކުރުމަށް އަންގާފައެވެ. 

ސްޕޯޓްސް ކޮމިޝަނުން އެކުލަވާލި ފަސް މެންބަރުންގެ ކޮމިޓީގައި ހިމެނެނީ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ކުރީގެ ނައިބް ރައީސް އަބްދުﷲ އާމިރު އާއި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން އަދި ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ހުސައިން މުޙައްމަދު އާއި އޮލިމްޕިކް ކޮމެޓީގެ އެކްސްކޯ މެމްބަރު އަދި ހޭންޑް ބޯލް އެސޯސިއޭޝަންގެ ރައީސް އަޙްމަދު އިސްމާއީލްގެ އިތުރުން ކުޅިވަރު މިނިސްޓްރީގެ ދެބޭފުޅުންނެވެ.

މިކަން މިހެން އޮވައި ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހިންގުމާއި ހަވާލުވެ، އެ އިދާރާގެ މަސައްކަތްތައް ކުރަމުންގެންދާ ނޯމައިޒޭޝަން ކޮމިޓީއަކީ ސައްހަ ކޮމިޓީއެއް ނޫންކަމަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ ކަމަށްވާ އެފްއައިވީބީން ވަނީ ނިންމާފައެވެ. މިކަން ހާމަކޮށް އެފްއައިވީބީގެ ޖެނެރަލް ޑިރެކްޓަރގެ ސޮޔާއިއެކު ނޯމަލައިޒޭޝަން ކޮމެޓީގެ ރައީސް އަބްދުﷲ އާމިރަށް އެޑްރެސްކޮށް ސިޓީއެއް ވަނީ ފޮނުވާފައެވެ. މި ސިޓީގެ ކޮޕީއެއް ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއަށްވެސް ފޮނުވާފައެވެ. 

އެފްއައިވީބީން ފޮނުވި ސިޓީގައިވާ ގޮތުން އެ އިދާރާގެ ހިންގުން މިހާރުން މިހާރަށް ވޮލީބޯޅަ އެސޯސިއޭޝަނަށް އިންތިހާބުކުރެވިފައިވާ ފަރާތްތަކަށް ހަވާލުކުރުމަށް ވަނީ އަންގާފައެވެ. އަދި ނޯމަލައިޒޭޝަން ކޮމެޓީން ނިންމާ އެއްވެސް ނިންމުމެއް އެފްއައިވީބީން ގަބޫލުނުކުރާނެ ކަމަށާއި އިންތިހާބުކޮށްފައިވާ ފަރާތަށް ހަވާލުނުކޮށްފި ނަމަ ރާއްޖެއަށް ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުން ފުރުސަތު ނުދީ ސަސްޕެންޑުކުރަން ޖެހިދާނެ ކަމަށްވެސް އެފްއައިވީބީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. 

ދުނިޔޭގެ އޮލިމްޕިކް ޗާރޓާއާއި އެއްގޮތްވާގޮތުގެ އެފްއައިވީބީގެ މެމްބަރު އެސޯސިއޭޝަންތަކުން އެ އެސޯސިއޭޝަންތައް ހިންގަން ވާނީ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެއީ ސިޔާސީ ނުފޫޒުތަކުން އެއްކިބާކުރުމަށް ހަދާފައިވާ ގާނޫނުތަކެއް ކަމަށްވެސް ބަޔާނުގައިވެއެވެ. އަދި ވޮލީބޯޅަ އެސޯސިއޭޝަނުގެ ނަމުގައި އެއްވެސް އެހެން ބަޔަކަށް މަސައްކަތް ނުކުރެވޭނެ ކަމަށާއި ނޯމަލައިޒޭޝަން ކޮމެޓީން ވޮލީބޯޅަ އެސޯސިއޭޝަނުގެ ނަމުގައި ފަށާފައިވާ ހުރިހާ ހަރަކާތެއް ހުއްޓާލުމަށް ވަނީ އަންގާފައެވެ. 

ނަމަވެސް ރާއްޖެއަކީ އެފްއިވީބީއިން މާގިނަ ކަންކަން ކޮށްދޭ ތަނެއް ނޫނެވެ. ރާއްޖޭގެ ވޮލީއަށް ޚަރަދު ކުރަނީ ރާއްޖޭގެ ސަރުކާރުންނެވެ. ރާއްޖޭގެ ކުޅިވަރު މައި އިދާރާއިން ޚަރަދުތައް ކުރާއިރު އެ ފައިސާ ބޭނުން ކުރެވެނީ ވޮލީ އަށް ފައިދާ ވާގޮތަށްތޯ އެފަރާތްތަކުންވެސް ބަލާނެކަން ގަބޫލުކުރަންޖެހޭނެއެވެ. ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލީ އެގޮތުންކަމުގައި ވެސް ވެދާނެއެވެ. އަދި އެކޮމިޓީގެ މަސައްކަތެއް ވެސް ނުނިމެއެވެ. ގޯސްތަކެއް އުޅޭކަން ވެސް ނޫޅޭކަން ވެސް އެނގިގެންދާނީ އެކަން ނިމުމުންނެވެ.   

ކަން މިހެން އޮތް އިރު އަދި ސްޕޯޓްސް ކޮމިޝަނުން މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް އަދި މީޑިއާ ތަކަށް ބުނެފައެނުވެއެވެ. އަދި ފެންނަ ފެނުމަށް ދެފަރާތުންވެސް ތިބީ ގޮތް ދޫކުރާކަހަލަ ގޮތަކަށް ނޫނެވެ. ނަމަވެސް މިއީ ރާއްޖޭގެ ވޮލީއަށް ލިބިގެންދާނެ ވަރަށް ބޮޑު ދެރައަކަށް ވެގެންދާނެއެވެ. ކޮންވެސް އެއްގޮކަށް މިކަން އަވަސް ގޮތެއްގައި ނިމެންޖެހޭކަން އެއީ އެންމެންވެސް ގަބޫލު ކުރާގޮތެވެ. އަދި ބައިނަލް އަގުވާމީ މުބާރާތްތަކުން ޖިވެހިރާއްޖެ ސަސްޕެންޑް ވުމަކީ އެއްވެސް ދިވެއްސަކު އެދޭނެ ގޮތެއްވެސް ނޫނެވެ.

 

 

 



Leave a Comment:

Comments will be published after moderation.