News

ރަށްވެހި ޗެލެންޖް 16 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަންވެސް ފަހުލަވާން ހޯދައިފި

6 ސެޕްޓެމްބަރު 2019






ރަށްވެހި ގްރޫޕުން އިސްނަގައިގެން ޖަމްޢިއްޔަތުއްޝަބާބު ނިލަންދޫއާއި ނިލަންދޫ އިޖްތިމާޢީ މަރުކަޒު ގުޅިގެން ބޭއްވި 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަންވެސް އަޟްޙާ ޢީދުގައި ބޭއްވި ރަށްވެހި ޗެލެންޖްގެ ޗެމްޕިއަންކަން ހޯދި ސްޕޯރޓްސް ކްލަބް ފަހުލަވާނުން ހޯދައިފިއެވެ.
2 ވަނަ ޓާރމް ސެމިސްޓަރ ބްރޭކާއި ދިމާކޮށް ނިލަންދޫގައި ބޭއްވި 6 ޓީމަކުން ވާދަކުރި މުބާރާތުގެ ފައިނަލް މެޗްގައި އިއްޔެ ހަވީރު އެސްޖީސީއާއި ވާދަކޮށް ފަހުލަވާނުން މެޗް ކާމިޔާބުކުރީ 4 ލަނޑު 0 ލަނޑުންނެވެ. ގިނަޢަދަދެއްގެ ސަޕޯޓަރުން ޙާޟިރުވި މެޗްގައި ފުރަތަމަ ހާފު 2 ޓީމުންވެސް ރަނގަޅު ކުޅުމެއް ދެއްކިއިރު ފަހުލަވާނުގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ މުޅިމުބާރާތުގައި ތަފާތު މޮޅުކުޅުމެއް ދައްކާ ރަންބޫޓު ޙާޞިލްކުރި ޖާރޒީ ނަމްބަރު 12 މާޒިން މުޙައްމަދުއެވެ.

2 ވަނަ ހާފްގައިވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނުނަމަވެސް ފަހުލަވާނުންވަނީ ކުރިޔަށްޖެހި އިތުރު 3 ގޯލްޖަހާ ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. ގޯލްތައް ކާމިޔާބުކޮށް ދިނީ ފުރތަމަ ގޯލްޖެހި މާޒިންގެ އިތުރުން ޖާރޒީ ނަމްބަރު 11 އިބްރާހިމް މުނީޒްއާއި ޖާރޒީ ނަމްބަރު 17 މައިސާން މުޙައްމަދު ޚަލީލްއެވެ.
ފައިނަލް މެޗް ނިމުމުން މުބާރާތުގެ ވަނަވަނަ ހޯދި ކުޅުންތެރިންނަށާއި ޓީމުތަކަށް ޓްރޮފީއާއި މެޑަލް އަދި ހަނދާނީލިޔުން ބައްސަވައިދެއްވީ ފ.އަތޮޅު ކޮމާންޑަރ ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، ޔޫތު އެސޯސިއޭޓް މުޙައްމަދު ޚަލީލު، ބޭންކް އޮފް މޯލްޑިވްސް ނިލަންދޫ ބްރާންޗްގެ މެނޭޖަރ އަޙުމަދު ރައުޝާން، ފ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހިމް ޚަލީލްއާއި ނިލަންދޫގެ ކުރީގެ މޮޅުކުޅުންތެރިއެއް އަދި މިހާރުގެ އިސްރައްވެސެއްކަމަށްވާ އަދި ޕްރެމިއަރ ލީގުގައި ވާދަކުރަމުންދާ ނިލަންދޫ ސްޕޯރޓްސް ކްލަބްގެ ކެޕްޓަން ފަރުހާދު އިސްމާޢީލްގެ ބައްޕަ އިސްމާޢިލް މަނިކުއެވެ.


ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފަހުލަވާނުގެ ކެޕްޓަން ރަޒާން އިބްރާހިމްއެވެ. މުބާރާތުގެ މޮޅު 7 ކުޅުންތެރިންނަކީ ފަހުލަވާނުގެ ރަޒާން އިބްރާހިމް، މާޒިން މުޙައްމަދު، އާހިލް މުޙައްމަދުއާއި އެސްޖީސީގެ ޢަބްދުﷲ ޝާފިޢު، އަމްރު އިދުރީސްއާއި އެންވައިޖީގެ މުޞްލިޙު މޫސާގެ އިތުރުން އެސްޖީސީ ޖޫނިއާރސްގެ ކީޕަރ ޒައިދާން މޫސާއެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ފަހުލަވާނުގެ އިޔާޒު އަޙުމަދު ހޮވުނުއިރު 29 ގޯލް ޖަހައިގެން ރަންބޫޓް ޙާޞިލްކުރީ ފަހުލަވާޏުގެ މާޒިން މުޙައްމަދުއެވެ.

މޮޅު ކޯޗަކަށް ފަހުލަވާނުގެ ޢާދިލް ޢަލީ ހޮވުނުއިރު ފެއަރޕްލޭ ޓީމަކަށް ހޮވުނީ އެސްޖީސީ ޖޫނިއަރސްއެވެ. ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފަހުލަވާނު ޓީމުގެ ފަހަތް ބެލެހެއްޓުމުގައި ތޫނުފިލިކަން ދެއްކުމުގެ އިތުރުން ކުރިޔަށް އަރާ މުހިންމު ގޯލްތަކެއްވެސް ކާމިޔާބުކޮށްދިން އެޓީމުގެ އާހިލް މުޙައްމަދުއެވެ.
މިމުބާރާތަކީ ނިލަންދޫގައި ހުނަރުވެރި މޮޅުކުޅުންތެރިންތަކެއް އުފައްދައި ކުރިމަގުގައި ނިލަންދޫ ޓީމު ތަމްސީލު ކުރާނެ ޒުވާނުންތަކެއް ބިނާކުރުމުގެ މަޤްޞަދުގައި ރަށްވެހި ގްރޫޕުން އިސްނަގައިގެން ކުރިޔަށް ގެންދެވުނު މުބާރާތެކެވެ. އަދި މީގެ އިތުރުން ކުދިންގެ އަޚްލާޤާއި ސްލޫކު ރަނގަޅުކުރުމަކީވެސް މުބާރާތް ރާވާ ހިންގާ ފަރާތްތަކުން އެންމެ އިސްކަންދޭ އެއްކަމެވެ.

ރަށްވެހި ގްރޫޕަކީ މިއަހަރު މުޅިން އަލަށް ނިލަންދޫގައި މުބާރާތްތަށް ރާވާހިންގަންފެށި ގްރޫޕެއް ނަމަވެސް ގާތްގާތުގައި ބޭއްވި 2 މުބާރާތާއި އަދި 2 މުބާރާތްވެސް ވިސްނުންތެރިކަމާއެކު ކުރިޔަށްގެންގޮސް ވަރަށްވެސް ކާމިޔާބުކަމާއެކު ނިންމާލެވުމާއި ގުޅިގެން ގިނަބައެއްގެ ތަޢުރީފް ލިބިގެންދާ ގްރޫޕެއް ގޮތުގައި ނިލަންދޫގެ އިތުރުން ފ.އަތޮޅުގައިވެސްވަނީ ފާހަގަކޮށްލެވިފައެވެ.

ރަށްވެހި ގްރޫޕްގެ މިހާރު އެންމެ ބޮޑު އަމާޒަކީ 2020 ވަނަ އަހަރު ކުރިޔަށް ގެންދާނެ މުބާރާތްތަށް ރަނގަޅު ތާވަލަކާއެކު އެކުލަވާލުމަށްފަހު ވީހާވެސް އަވަސް މުސްތަޤްބަލެއްގައި އިޢުލާނުކުރުމެވެ. އެހެން ނަމަވެސް މިއަހަރު އަދި އިތުރު މުބާރާތެއް ކުރިޔަށް ގެންދިއުމަށް ޤަޞްދުކޮށް މިއަދުވަނީ އެކަންވެސް އިޢުލާނުކޮށްފައެވެ. އެގޮތުން މިއަހަރުގެ ބޮޑުބަންދާއި ދިމާކޮށް ފ.އަތޮޅަށް ހުޅުވާލައިގެން އަންހެން ވޮލީބޯޅަ މުބާރާތެއް ބޭއްވުމަށްވަނީ ނިންމާފައެވެ.

F.Nilandhoo

Leave a Comment:

Comments will be published after moderation.