News
ފޭދޫ އިއްބެގެ ލަނޑުން ރާއްޖެއިން ގުއާމް ބަލިކޮށްފި
5 ސެޕްޓެމްބަރު 2019
ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް އޭގައި ގުއާމް އާއި ދެކޮޅަށް ރަށުންބޭރުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ.
ގުއާމްގައި ކުޅުނު މެޗު ރާއްޖެ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރާއްޖޭގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.
އޭޝިއާގެ ގަދަބާރު ޗައިނާ އާއި ސީރިއާ އަދި ފިލިޕީންސް ހިމެނޭ މި ގްރޫޕުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ކޯޗު ޕީޓާ ސެގާޓް ބޮޑަށް ފުރުސަތު ދިނީ ޒުވާން ކުޅުންތެރިންނަށެވެ. މެދުތެރެ ބެލެހެއްޓީ އިބްރާހިމް އައިސަަމް އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި މުހައްމަދު ނާއިމް އެވެ.ކުރިއަށް ކުޅުނީ އަސަދުﷲ އަބްދުﷲ އާއި ނާއިޒު ހަސަން (ދާދު) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) ފުރަތަމަ އެގާރައިގައި ނުހިމެނޭއިރު، ފަހަތަށް ކުޅުނީ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ)ގެ އިތުރުން އަހުމަދު ނޫމާން (ހެލްމެޓް) އާއި ހުސެއިން ޝިފާއު (ކުރޯ) އަދި ހައިޝަމް ހަސަން އެވެ. ގޯލުބެލެހެއްޓީ މުހައްމަދު ފައިސަލް އެވެ.
ރާއްޖެ އަށް ލީޑުނަގަން މެޗުގައި ފުރަތަމަ ހުސް ފުރުސަތު ލިބުނީ އަސަދުﷲ އަށެވެ. މެޗުގެ 16 ވަނަ މިނިޓްގައި ފޭދޫ އިއްބެ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ހުރަސްކޮށްލި ބޯޅަ އަސަދުﷲ އަށް އެންމެ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. ރާއްޖޭން ލީޑުނެގީ މެޗުގެ 26 ވަނަ މިނިޓްގައި ފޭދޫ އިއްބެ ޖެހި ގޯލުންނެވެ. އޭރިއާތެރެއިން ފޭދޫ އިއްބެ ވަނީ ހަމަޖެހިލާފައި ތިރިތިރިން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ފުރަތަމަ ހާފުގެ ފަހު ފުރުސަތު ލިބުނީ ގުއާމްގެ ކެޕްޓަން ޖޭސަން ކަންލީފް އަށެވެ. ރާއްޖެ އޭރިއާ ތެރެއިން އޭނާ ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ ކުރިން އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލަން އުޅުމުގެ ތެރޭގައި އޭނާ ވަނީ ކީޕަރު ފައިސަލަށް ފައުލުކޮށްފަ އެވެ.
ގުއާމުން ދެ ވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތްކުރިއިރު، ރާއްޖޭގެ އަސަދުﷲ އާއި ކުރޯ ވަނީ ދެ ހަމާލާއެއް ފޮނުވާލައިފަ އެވެ. ކުރޯ ޖެހި ބޯޅަ ގުއާމް ކީޕަރު ޑަލާސް މަތަކުރިއިރު، އަސަދުﷲ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ރާއްޖޭން ވަނީ މެޗުގެ ފަހު 20 މިނިޓަށް އަސަދުﷲގެ ބަދަލުގައި ހަސަން ނަޒީމް (ޗޯޓް) ކުޅެން އަރުވައިފަ އެވެ. މިއީ ޗޯޓު ގައުމީ ޓީމަށް ނެގި ފުރަތަމަ ފަހަރެވެ. މި މެޗްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ޗޯޓުވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ކޮލިފައިންގައި މި ގްރޫޕްގެ އަނެއް މެޗުގައި މިރޭ ފިލިޕީންސް އަމިއްލަ ދަނޑުގައި ނުކުންނާނީ ސީރިއާއާ ދެކޮޅަށެވެ. ފަސް ޓީމު ކުޅޭ މި ގްރޫޕްގައި ދެން ރާއްޖެ ކުޅެންޖެހޭނީ ޗައިނާ އާއި ދެކޮޅަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު ރާއްޖޭގައެވެ.
ފޮޓޯ: އެފްއޭއެމް
Maldives National Team