News

މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ނުވަ ޓީމް

24 ޖެނުއަރީ 2019






އެފް.އޭ.އެމް އިން ބުނާގޮތުން މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި 9 ޓީމް ވާދަކުރާނެއެވެ. މިއީ މިދިޔަ ދެ އަހަރުގެ މުބާރާތައް ބަލާނަމަ ވަރަށް ބޮޑު ކުރިއެރުމެކެވެ. މިދިޔަ ދެ އަހަރުގައިވެސް ބައިވެރިވީ 4 ޓީމެވެ. މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރާނީ ކްލަބް އީގަލްސް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ޓީސީ ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ޑަ ގްރާންޑޭ އަމިގޯސް ނިއު ޖެނެރޭޝަން (ޑަ ގޭންގް)، ފޯކައިދޫ ފުޓުބޯލް ކްލަބް އަދި އޭދަފުށި ކްލަބެވެ.

ދެ އަހަރަށްފަހު ޓީސީ އަދި ވިކްޓަރީ މުބާރާތުގައި ބައިވެރިވިއިރު އޭދަފުށި އަނެއްކާވެސް ޔޫތު ޗެމްޕިއަންޝިޕްގައި އެ ކުލަބުގެ ހުނަރު ދައްކާލުމަށް ތައްޔާރަށް އެބަތިއްބެވެ. މިމުބާރާތުގައި މުޅިން އަލަށް ވާދަކުރާ ކުލަބުތަކަކީ ފޯކައިދޫއާއި ޑަ ގޭންގްއެވެ.

ޓީމްތަކުގެ ކޯޗުންނަށް ތިބި ބޭފުޅުންނަށް ބަލާލާއިރު އީގަލްސްގައި މިއަހަރުވެސް ކުރީ އަހަރެކޭ އެއްފަދައިން އިބްރާހީމް ސައީދް (ކަކާ) އެވެ. ކަކާއަކީ އީގަލްސް ސީނިއަރ ޓީމް ކޯޗިންގ ޓީމްގެ ބޭފުޅެކެވެ. ވިކްޓަރީގެ ކޯޗަކަށް ހުންނާނީ އެޓީމްއިން ކުޅުންތެރިއެއްގެ ގޮތުގައި ވިދާލި މިހާރުގެ އަރަމުން އަންނަ ކޯޗުންގެ ތެރޭގައި ހިމެނޭ މުޙައްމަދު ފަރީދު ފަރިއްޓެއެވެ.

މާޒިޔާގެ ކޯޗަކަށް އިސްކޮށް ހުރީ މާޒިޔާގެ ސީނިއަރ ޓީމްގެ އެސިސްޓަންޓް ކޯޗް ކަމަށްވާ އަހްމަދު ސުޒައިރު (ކޮއްކޮ)އެވެ. މިދިޔަ އަހަރު ސެކަންޑް ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާ ޕްރިމިއަރ ލީގަށް ފުރަތަމަ ފަހަރަށް ޕްރޮމޯޓްވެ، އަލަށް ޒުވާން މުބާރާތުގައި ވާދަކުރާ ޑާ ގޭންގްގެ ކޯޗަކަށް ހުންނާނީ އަހްމަދު ނާޝިދު (ނާދު) އެވެ. ނާދުވަނީ މީގެ ކުރިން ދިވެހި ސިފައިންގެ ކުލަބަށާއި، ޒެފްރޯލް، އޭ.ވައި.އެލް، އަދި ވިކްޓަރީއަށް ކުރިން ކޯޗް ކޮށްދީފައެވެ.

ނިއުގެ ކޯޗަކަށް ހުންނާނީ އަލަށް ސީނިއަރ ފަންތީގައި ކޯޗްކުރަން ނިކުންނަ އޭ.އެފް.ސީ-އޭ ކޯޗިންގ ލައިސަންސް ހޯދައިފައިވާ، އިންޓަރސްކޫލް މުބާރާތްތަކާއި ވައި.ޑީ.ޕީގައި ކޯޗިންގެ ތަޖުރިބާހޯދައިފައިވާ މުއާވިޔަތު އިލްހާމްއެވެ. ގްރީން ސްޓްރީޓްސްގެ ކޯޗަކަށް ހަމަޖައްސައިފައިވަނީ ކުރީގެ ނިއުގެ އެސިސްޓަންޓް ކޯޗް އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ.

ފޯކައިދޫ ޓީމް ގެ ކޯޗަކަށް ހުރީ ކުރީގެ ބީޖީ އަދި އީގަލްސްގެ އެސިސްޓަންޓް ކޯޗް އަލީ ނިޝްތާރު މުޙައްމަދެވެ. ޒުވާން އޭދަފުށީ ޓީމްގެ ކޯޗަކީ ކުރީގެ ކުޅުންތެރިޔާ މުޙައްމަދު ޒާހިދް (ބައްޓޭ) އެވެ.

ހުރިހާ ޓީމްތައްވެސް ވަނީ މިއަހަރުގެ މުބާރާތަށް ފަރިތަކުރުންތަށް ފަށާފައެވެ. އަދި ބައެއް ޓީމްތަކުން ޓްރަޔަލްތަކަށްފަހު މުބާރާތަށް އެޓީމްތަކުގެ ފައިނަލް ސްކޮޑްވަނީ އިއުލާންކޮށް އެކުޅުންތެރިންނާއެކު ފަރިތަކުރުންތައް ފަށާފައެވެ.

މިއަހަރުގެ މުބާރާތް ވެގެންދާނީ ފޯރިގަދަ މުބާރާތަކަށްކަމާމެދު ޝައްކެއްވެސް ނެތެވެ. ޓީމްތައް ގިނަވުމާއި ޓީމްތައް ކުރިއަށް ގެންދިއުމަށް ތިބި ކޯޗުންގެ ތަޖުރިބާކާރުކަމުގެ ސަބަބުންނެވެ. މިއީ ދިވެހި ފުޓުބޯޅައަށް ކުރިން އޮތް ފޯރި އަލުން އާލާކުރުމަށް ހުޅުވިގެންދާ ދޮރެކެވެ.

ފޮޓޯ: މާޒިޔާ ޓްވިޓަރ

Club Eagles Club Green Streets Da-GANG Eydhafushi Football Team FAM U-21 Youth Championship Foakaidhoo Sports Club Maziya Sports and Recreation Club New Radiant Sports Club TC Sports Club Victory Sports Club

Leave a Comment:

Comments will be published after moderation.