News

ޓީސީގެ ބިދޭސީ ކުޅުންތެރިޔާ އެންހެލް އެޓީމުން ދޫކޮށްލައިފި

4 ސެޕްޓެމްބަރު 2019






ޓީސީ ސްޕޯޓް ކްލަބަށް ކުޅެމުންދާ ބިދޭސީ ކުޅުންތެރިޔާ އެންހެލް ކަރަސްކޯސާގެ ކޮންޓްރެކްޓް އުވާލައި އެކަން އެޓީމުން އެފްއޭއެމް އަށް ހުށަހަޅައިފިއެވެ. 

ޓީސީ ސްޕޯޓްސް ކްލަބުގެ ރައީސް އަހްމަދު އައްބާސް(އައްބު) ބޯޅައެމްވީ އަށް ވިދާޅުވީ އެންހެލް އާއި އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައި އެކަން އެފްއޭއެމް އަށް ހުށަހަޅާފައިވާ ކަމަށެވެ. އެންހެލް ދޫކޮށްލީ ކީއްވެގެންތޯ އެހުމުން އައްބު ވިދާޅުވީ ޓީމުގެ ހުއްދަ އެއް ނެތި މާލޭގައި އަމިއްލަ ބަޔަކުބޭއްވި މުބާރާތެއްގައި އެންހެލް ބައިވެރި ވެފައި ވުމުން، އޭނާއާއި އެކު ހަދާފައިވާ ކޮންޓްރެކްޓާއި އޭނާ ޚިލާފު ވެފައިވާކަމަށެވެ. އެހެންކަމުން އޭނާއާއި މެދު ކުލަބުން ފިޔަވަޅު އެޅީކަމަށެވެ.

" އެންޖަލް އާއި އެކު ހަދާފައިވާ ކޮންޓްރެކްޓްގައި އޮންނާނެ ޓީމުން ރިލީސް ލިބިގެން ނޫން ގޮތަކަށް އެއްވެސް މުބާރާތެއްގައި ވާދަ ނުކުރެވޭނެކަމަށް. އެހެން ނަމަވެސް އެންޖަލް ވަނީ ޓީމުން ހުއްދަ ނުނަގާ ކުޑަ ހެންވޭރު މުބާރާތް ވެސް ކުޅެފަ" އައްބު ވިދާޅުވިއެވެ. 

މި ކަމާއި ގުޅޭގޮތުން އެންހެލް އާއި ބޯޅައެމްވީ ސުވާލު ކޮށްލުމުން އޭނާ ބުނީ އީދު ބަންދާއި ދިމާކޮށް ބޭއްވި މުބާރާތެއްގައި ކުޅުމަށް ހުރިހާ ކުޅުންތެރިންނަށް ވެސް ކޯޗް ހުއްދަ ދީފައިވާ ކަމަށެވެ. އަދި އެ މުބާރާތުގައި އެޓީމުގެ ގިނަ ކުޅުންތެރިން ބައިވެރި ވެފައިވާކަމަށާއި ނަމަވެސް ފިޔަވަޅު އެޅީ ހަމައެކަނި އޭނާ އަށްކަމަށެވެ. އެންހެލް އިތުރަށް ބުނީ އޭނާއާއި ޓީސީ ކޮންޓްރެކްޓް ހަދާފައިވަނީ މިއަހަރުގެ ސީޒަން ނިމެންދެންކަމަށެވެ. ނަމަވެސް ސީޒަންގެ މެދުތެރެއިން ޓީމުން ދޫކޮށް ލުމުން ޓްރާންސްފާ ޕީރިއަޑް ނިމިފައިވުމުން އެހެން ޓީމަކަށް ދެވެންވެސް ނެތް ކަމަށެވެ. އެހެންކަމުން މީ އޭނާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަމުން މި މައްސަލަ ފީފާއަށް ހުށަހަޅަން އޭނާ ނިންމާފައިވާކަމަށެވެ. 

ޓީސީގެ ރައީސް އައްބު އިތުރަށް ވިދާޅުވީ ޕްރިމިއަރ ލީގްގެ ބްރޭކް ލިބި ޕްރެކްޓިސްތައް ހުއްޓިފައި އޮތުމުން ކުޅުންތެރިން ފިޓްކޮށް ތިބުމަށްޓަކައި އެދުވަސްކޮޅު ކުޅެލަން ދިޔަސް އެންމެ ރަނގަޅުކަމަށް ކުޅުންތެރިން ކައިރީ ބުނެފައިވާނެކަމަށެވެ. ނަމަވެސް އެންހެލް ކުޅެފައިވަނީ މިދިޔަ މަހު ކުޑަހެންވޭރު ޓީމުން ބޭއްވި ސްޓްރީޓް މުބާރާތެއް ކަމަށް އައްބު ވިދާޅުވިއެވެ. 

ޓީސީ އަކީ ނިމިދިޔަ އަހަރުވެސް ކާމިޔާބު ކަމާއި އެކު ސީޒަން ނިންމާލި އެއްޓީމެވެ. މިދިޔަ ސީޒަނުގައި އެޓީމަށް ކޯޗްކަން ކޮށްދީފައިވަނީ މިހާރުގެ 16 އަހަރުންދަށުގެ ގައުމީ ޓީމުގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ނަމަވެސް މިއަހަރުގެ ސީޒަންގައި އެޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވަމުންދަނީ ކުރީގެ ގައުމީ އަންހެންޓީމުގެ ކޯޗް މުހައްމަދު އާތިފް(އާތި) އެވެ. 

DPL2019-20 TC Sports Club

Leave a Comment:

Comments will be published after moderation.