News

ފޯކައިދޫގެ އެންމެ ޒުވާން ދެކުޅުންތެރިން ސީނިއަރ ގައުމީޓީމުން ޖާގަ ހޯދައިފި

1 ސެޕްޓެމްބަރު 2019






މިފަހަރު އަލަށް ގައުމީ ޓީމުން ޖާގަ ހޯދި ކުޅުންތެރިންގެ ތެރޭގައި ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ ޒުވާން ދެކުޅުންތެރިންކަމަށްވާ ފޯވަޑް ހަސަން ނަޒީމް (ޗޯޓް) އާއި މުހައްމަދު ޖައިލަމް (އޮގީ) ވޯލްޑްކަޕް ކޮލިފިކޭޝަންގެ 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑުން ޖާގަ ހޯދައިފި އެވެ.

އާލީޓަޗް އެކެޑެމީ(އީޓީއެފްއޭ)ގެ ތެރެއިން ފުޓްބޯޅައިގެ ތެރެއަށް ނުކުތް ޗޯޓް ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދީ މުޅިން އަލަށެވެ. އޭނާ އަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިޔެކެވެ. އުމުރުން އެންމެ 18 އަހަރުގެ ޗޯޓް ވަނީ ނިމިދިޔަ އަހަރު ފޯކައިދޫ ޓީމަށް ޕްރިމިއަރ ލީގްގުގައި މޮޅު ކުޅުމެއްދައްކައިދީފައެވެ. ޗޯޓު އަކީ މިފަހަރު ގައުމީޓީމުގައި ހިމެނުނު އެންމެ ހަގު ކުޅުންތެރިޔާ ވެސް މެއެވެ.

19 އަހަރުގެ މުހައްމަދު ޖައިލަމް (އޮގީ) އެންމެ ފުރަތަމަ ފެނިގެން ދިޔައީ ބީޖީ ސްޕޯޓްސްގެ ސެލެކްޝަނަކުންނެވެ. ވަރަށް ޅައުމުރުގައި އޮގީވަނީ ބޮޑު ދެކްލަބަކަށް ކުޅެފައެވެ. ބީޖީގެ އިތުރުން ކްލަބު ވިކްޓްރީ އަށްވެސް އޮގީ ވަނީ ކުޅެފައެވެ. އެހެންނަމަވެސް އުމުރުގެ ކުޑަކަމާއިއެކު އޭރު އޮގީގެ ކުޅުން ދައްކާލަން އެހާގިނަ ފުރުސަތެއް ނުލިބުނެވެ. އެހެން ނަމަވެސް އޭރުވެސް އޮގީ އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެކެވެ. ފޯކައިދޫ ޓީމުގައި އޮގީ އަދި ޗޯޓުދަނީ ފަހަގަ ކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ފައިނަލު ސްކޮޑުން ޖާގަ ހޯދި އެހެން ޒުވާން ކުޅުންތެރިންގެ ތެރޭގައި، ގްރީން ސްޓްރީޓްގެ އަބްދުﷲ ޔާމީން (ޔާން) އާއި އީގަލްސްގެ ހައިޝަމް ހަސަންގެ އިތުރުން ޓީސީގެ އިބްރާހިމް އައިސަމް ހިމެނެ އެވެ. ގައުމީ ޓީމުން އަލަށް ޖާގަ ހޯދި ދަ ގުރޭންޑޭގެ އަޔާޒު އަހްމަދު (އަޔާ) ވެސް ވަނީ ފައިނަލު ސްކޮޑުން ޖާގަ ހޯދާފަ އެވެ. މި ކުޅުންތެރިންވެސް ވަނީ ނިމިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މިފަހަރު ގައުމީޓީމަށް ނެގި ބައެއް ސީނިއަރ ކުޅުންތެރިން ވަނީ އަމިއްލަ ސަބަބުތަކާއި ހެދި ޓީމުން ވަކިވެފައެވެ. އޭގެތެރޭގައި އަލީ އަޝްފާގު ދަގަނޑޭ ފިޔަވައި ދެންއެންމެ މޮޅު ދެކުޅުންތެރިން ކަމަށްވާ ކްލަބް އީގަލްސްގެ ސެންޓޭ އަދި ރިޒޭ ވަނީ އަމިއްލަ ސަބަބު ތަކާއި ހެދި ޓީމުން ވަކިވެފައެވެ. އަދި އިބްރާހިމް ވަހީދު (އިއްބެ) ވެސް ކުރިޔަށް އޮތް ގުއާމް މެޗްގައި ނުކުޅޭނެއެވެ. އިއްބެގެ އާއިލާގެ ގިނަ މެންބަރުން ތަކެއް ކުލިގޮތަކަށް ނިޔާވުމާއި ގުޅިގެން އިއްބެ ނިންމީ އާއިލާއަށް ކުރިމަތިވި ބޮޑު ހިތާމައިގައި ބައިވެރި އާއިލާއި އެކު މަޑު ކުރުމަށެވެ. އަދި ގައުމީ ޓީމުންވެސް ވަނީ އެކަން އެގޮތަށް ބަލައިގެންފައެވެ. 

މިފަހަރުގެ ގައުމީ ޓީމަކީ ކޯޗް ޕީޓަރ ސެގަރޓް ބޭނުންވިކަހަލަ ޒުވާން ގިނަ ކުޅުންތެރިން ހިމަނައިގެން އެކުލަވާލާފައިވާ ޒުވާން ޓީމެކެވެ. 

ފޮޓޯ: ފޯކައިދޫ އެފްސީ ފޭސްބުކް ޕޭޖް

 

Foakaidhoo Sports Club

Leave a Comment:

Comments will be published after moderation.