News
އިއްބެގެ އާއިލާއަށް ފޫނުބެއްދޭ ބޮޑު ހިތާމައެއް، އިއްބެ ކޭމްޕް މެދުކަނޑާލައި އެނބުރި ގައުމަށް
29 އޯގަސްޓް 2019
ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމަދޫ އަށް ދަތުރުކުރަނިކޮށް ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަންގެ އާއިލާ މެމްބަރުން ހިމެނޭތީ މިވަގުތު ސްރީ ލަންކާގައި ތަމްރީން ކުރަމުންދާ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް އޭނާ ރާއްޖެ އަންނަން ދަތުރު ފަށައިފި އެވެ.
މިހާދިސާގައި ނިޔާވެފައިވަނީ އިއްބެގެ ބޮޑުބޭބެ އާއި އޭނާގެ އާއިލާގެ 3 މެންބަރުންނެވެ. އިއްބެގެ ބޮޑުބޭބެގެ އާއިލާގެ މެމްބަރުންގެ މަރާ އެކު ކުރިމަތިވި ހިތާމަވެރި ހާދިސާގައި ބައިވެރިވެ ހިތާމަ ފާޅުކުރުމުގެ ގޮތުން ގައުމީ ޓީމުގެ ތަމްރީން ވެސް މިވަގުތު ވަނީ މެދުކަނޑާލާފައެވެ.
ލަންކާގައި ގައުމީ ޓީމު ތިބީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހުގެ ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗަށް ދިއުމަށް ވިސާ ނެގުމަށެވެ. ޔޫއެސް ވިސާ ނަގަން ދިގު މުއްދަތެއް ނަގާތީ ގައުމީ ޓީމުގެ ތަމްރީންތައް ލަންކާގައި ކުރިއަށްގެންދަނީ އެވެ.
އިއްބެ ކުޅޭ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަންގެ ފަރިތަކުރުންތައް ވެސް ވަނީ މިއަދު ކެންސަލްކޮށްފަ އެވެ. އިއްބެ އަކީ ގައުމީ ޓީމުގެ އިތުރުން މާޒިޔާގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. މިފަނާކުރުރަނިވި ދުނިޔެއާއި ވަކިވެގެންދިޔަ އިއްބެގެ އާއިލާގެ މެންބަރުންނަށް މާތް ﷲ ސުވަރުގެ މިންވަރު ކޮށްދެއްވުން އެދި ބޯޅައެމްވީ ޓީމުގެ ފަރާތުން ދުޢާ ދަންނަވަމެވެ.