News
ޑަ ގޭންގް ޔޫތު ޓީމް ކޯޗު ކަމަށް ނާދު
22 ޖެނުއަރީ 2019
އަންނަ މަހު ފެށުމަށް ތާވަލު ކުރެވިފައިވާ ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވާ ޑަ ގޭންގްގެ ކޯޗުކަމަށް އަހްމަދު ނާޝިދު (ނާދު) ހަމަޖައްސައިފިއެވެ.
ނާދުވަނީ ކުރިން ދިވެހި ސިފައިންގެ ކުލަބަށް 2017ގައި ކޯޗުކަން ކޮށްދީފައެވެ. މީގެ އިތުރުން ހަމަ އެ އަހަރު ދެވަނަ ޑިވިޝަންގެ ތަށި ޒެފްރޯލު ހޯދީ އޭނާގެ ކޯޗުކަމުގެ ދަށުންނެވެ. ނާދުވަނީ މީގެ ކުރިން ވިކްޓަރީ، ޔުނައިޓެޑް ވިކްޓަރީ އަދި އޭ.ވައި.އެލް ގައި މަސައްކަތް ކޮށްފައެވެ. އެންމެ ފަހުން އޭނާ ހަރަކާތްތެރިވެފައިވަނީ މިދިޔަ އަހަރު ޔޫ.އެން ފްރެންޑްސް އާ އެކުގައެވެ.
ޑަ ގޭންގެ ހިމެނޭގޮތަށް 9 ޓީމް ވާދަކުރާ ޔޫތު ޗެމްޕިއަންޝިޕް ފެށޭނީ އަންނަ ފެބްރުވަރީ މަހުގެ 3 ގައެވެ. މިއަހަރުގެ މުބާރާތަކީ 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ބައިވެރިވެވޭ މުބާރާތެކެވެ. ޔޫތު ޗެމްޕިއަންޝިޕުގެ ފޯމެޓުވނީ މިދިޔަ އަހަރު ބަދަލު ކުރެވިފައެވެ. އެގޮތުން ކޮންމެ ދެ އަހަރަކުން އެއް އަހަރަކު 19 އަހަރުން ދަށުގެ މުބާރާތެއް އިންތިޒާމް ކުރެވޭނެއެވެ. އަދި އޭގެ އަނެއް އަހަރު ކުޅެވޭނީ 21 އަހަރުން ދަށުގެ މުބާރާތެކެވެ.
ފާހަގަ ކޮށްލަންޖެހޭ ކަމަކީ ޑަ ގޭންގްއަކީ މިއަހަރު އަލަށް ދިވެހި ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގެ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއަރ ލީގުގައި ވާދަ ކުރާ ކުލަބެއްކަމެވެ. އާ ސީޒަން އަންނަ ޖޫން މަހުގައި ފެށުމަށް އެފް.އޭ.އެމް އިން ވަނީ ހަމަޖައްސާފައެވެ. މި ބަދަލު ގެނެވިފައިވަނީ ހުރިހާ ޓީމްތަކާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށް ފަހުގައެވެ.
ފޮޓޯ: ވީނިއުސް
Da-GANG Dhivehi Premier League DSC FAM U-21 Youth Championship United Victory Victory Sports Club