News
ރާއްޖޭގެ ގުޑީސްއަށް ލަންކާއި ބާއްވާ ޔޫތު މުބާރާތެއްގައި ބައިވެރި ވުމުގެ ފުރުސަތު ލިބިއްޖެ
22 އޯގަސްޓް 2019
ސްރީލަންކާގެ ނެޝަނަލް ޔޫތު ސާވިސް ކައުންސިލާއި ސްރީލަންކާގެ ވޮލީބޯލް ފެޑެރޭޝަންގެ އިތުރުން ސްރީލަންކާގެ ރުޕަވަހިނި ކޯޕަރޭޝަން ގުޅިގެން އަންނަމަހުގެ 1 އިން 6 ގެ ނިޔަލަށް ބާއްވާ ޔޫތު މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖޭގެ ގުޑީސް ސްޕޯޓްސް ކްލަބަށް ލިބިއްޖެއެވެ.
އަންހެން އަދި ފިރިހެން ހިމެނޭގޮތަށް ބާއްވާ ރުޕަވަހިނި ވޮލީބޯލް ޗެމްޕިއަންޝިޕްއިން ލިބުނު ދައުވަތު ގުޑީސް ސްޕޯޓްސް ކްލަބުންވަނީ ގަބޫލުކޮށްފައެވެ. ގުޑީސް އިން ބޯޅަ އެމްވީއަށް މައުލޫމާތު ދެމުން އެ ކުލަބުން ބުނީ އަންހެން އަދި ފިރިހެން ދެބައިގައި ވެސް ވާދަ ކުރާނެކަމަށެވެ.
މި މުބާރާތުގައި ބައިވެރި ވެފައިވަނީ ލަންކާގެ 5 ޓީމުގެ އިތުރުން ރާއްޖޭގެ ގުޑީސްއެވެ. 25 އަހަރުންދަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި ފޮރިން ދެކުޅުންތެރިންްނަށް ކުޅެވެއެވެ.
މި މުބާރާތާއި ގުޅިގެން ގުޑީސް އިން ބުނީ މުބާރާތް ބައްވާ ފަރާތުން ލަންކާގައި ތިބޭ މުއްދަތުގައި އެކަމަޑޭޝަންގެ ހުރިހާކަމެއް ހަމަޖައްސައިދޭ ކަމަށެވެ. ނަމަވެސް ޓިކެޓާއި އަދި އެހެނިހެން ޚަރަދުތައް ކުރަންޖެހެނީ ބައިވެރިވާ ޓީމްތަކުގެ އަމިއްލަ ޚަރަދުގައެވެ. އެހެންކަމުން މިކަމަކީ ވަރަށްގިނަ ޚަރަދު ހިގާނެ ކަމަކަށްވާތީ ސްޕޮންސަރ ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް އަދި އެއްވެސް އެއްޗެއް ލިބިފއި ނުވާކަމަށެވެ.
" ޔޫތު މިނިސްޓްރީންނާއި އެސޯސިއޭޝަންގެ އެއްވެސް އެހީތެރިކަމެއް ނުލިބުނުކަމުގައި ވިޔަސް ގުޑީސްޓީމް ދާނީ މުބާރާތުގައި މޮޅު ކުޅުމެއްދައްކައި މުބާރާތް ކާމިޔާބުކޮށް ގައުމަށް ރީތި ނަން ހޯދައި ދިނުމުގެ މަގުސަދުގައި" ކަމަށް ގުޑީސްއިން ބުންޏެވެ.
މި މުބާރާތުގައި ރާއްޖޭގެ ޒުވާން ގިނަ ކުޅުންތެރިން ފެނިގެންދާނެކަމަށް ގުޑީސްއިން ބުނެއެވެ. އޭގެތެރޭގައި ގައުމީ ސީނިއަރ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންގެ އިތުރުން މިއަހަރުގެ ބީޗް ވޮލީ ޓީމުގެ ދެކުޅުންތެރިން ހިމެނެއެވެ.
ގުޑީސްއިން ބުނީ މި ފުރުސަތުގެ ބޭނުން ހިފަން ނިންމީ މީ ޒުވާން ކުޅުންތެރިންނަށް ލިބިގެންދާނެ ރަނގަޅު ތަޖުރިބާއަކަށް ވާނެތީކަމަށެވެ. އަދި ގައުމީ ޓީމްތަކަށް މީގެ ސަބަބުން ފައިދާތަކެއް ކުރާނެކަމަށް އެޓީމުން ގަބޫލުކުރެއެވެ.
މި މުބާރާތް އަންނަ ސެޕްޓެމްނަރު މަހުގެ 1 އިން 6 އަކަށް ބާއްވާއިރު ގުޑީސް ޓީމް ފުރުމަށް ހަަމަޖެހިފައިވަނީ 31 އޯގަސްޓްގައެވެ. އަދި އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ.
Volleyball