News

ކުޑަކާއްޓެގެ އެނބުރި އައުން ވަަރަށް ހިތްގައިމު!

22 އޯގަސްޓް 2019






ރާއްޖޭގައި އުފެދުނު މޮޅުކުޅުންތެރިންގެތެރޭގައި ހިމެނޭ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު އެނބުރި ގައުމީޓީމަށް އައުމަށްފަހު ކުޅުނު މެޗްތަކުގައި ތަފާތު ކުޅުމެއްދަނީ ދައްކަމުންނެވެ. 

އެވީސީ ސެންޓްރަލް ޒޯންގައި ރާއްޖޭގެ ގައުމީޓީމް ނޭޕާލާއި އެކު ނޭޕާލްގެ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅެ ސީދާ ތިންސެޓުން ބަލި ކުރި އިރު ކާއްޓޭވަނީ މުޅި މެޗްގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗްގެ ސްޓެޓިސްޓިކަށް ބަލާއިރު ކާއްޓޭވަނީ މެޗްގެ ޓޮޕް ސްކޯރާއަކަށް ހޮވިފައެވެ. އެ މެޗްގައި ކާއްޓޭ ވަނީ ގައުމީ ޓީމަށް 20 ޕޮއިޓް ހޯދަދީފައެވެ. އަދި މި މެޗްގެ ޓޮޕް ސްޕައިކަރ އަކަށް ވެސް ހޮވިފައިވަނީ ކާއްޓެއެވެ. ކާއްޓެގެ ކުޅުމަށް އެތައްބަޔަކު ވަނީ ތައުރީފް ކޮށްފައެވެ. 

ފާއިތުވި ދެއަހަރު ކާއްޓެ ފެނިގެންދިޔައީ ގައުމީ ބީޗްވޮލީޓީމުންނެވެ. ބީޗް ވޮލީ ޓީމްގައި ހިމެނި ކާއްޓެވަނީ ރާއްޖެއިން ބޭރުގައި ގައުމު ތަމްސީލް ކޮށްދީފައެވެ. އަދި ކާއްޓެއަކީ މޮޅު ބީޗް ވޮލީ ކުޅުންތެރިއެކެވެ. ކާއްޓެވަނީ މިދިޔަ އަހަރުއޭޝިއަންގޭމްސް އަދި އޭވީސީ ބީޗް ވޮލީ މުބާރާތް ގައުމީ ޖޯޒީގައި ކުޅެފައެވެ. 

ކުޑަ ކާއްޓެ އާއި ގުޅޭގޮތުން ސުވާލު ކޮށްލުމުން ބީޗް ވޮލީ ޓީމުގެ ކޯޗް އަބްދުއްﷲ ނަޝީދު(އަބުޅޯ) ބޯޅަ އެމްވީއަށް ބުނީ ކާއްޓެ އަކީ ބީޗް ވޮލީ އަދި އިންޑޯ ވޮލީގައި ވެސް ރާއްޖެއިން އެންމެ މޮޅު މީހަކީ ކުޑަ ކާއްޓެކަމަށެވެ. " ކުޑަކާއްޓެ އަކީ ވަރަށް ޑިސިޕްލިން ވަރަށް މޮޅު ކުޅުންތެރިއެއް. ރާއްޖޭގައި ވޮލީގައި މިހާރު ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކުޑަކާއްޓެ އަކީ" އަބްދުއްﷲ ނަޝީދު(އަބުޅޯ) ބުންޏެވެ. އަބުޅޯ ބުނީ ބީޗް ޓީމުގައި ހުއްޓާ އިންޑޯ ވޮލީ ޓީމަށް ކުޑަ ކާއްޓެ މުހިއްމު ވުމުން އެޓީމަށް މިއަހަރު ގެންދިޔައީ ކަމަށެވެ. 

ގައުމީ ޓީމުގައި ގިނަ ދުވަސްތަކެއް ވަންދެން ކޯޗެއްގެ ގޮތުގައި މަސައްތަކް ކޮށްފައިވާ މުހައްމަދު ޝަރަފު ބުނީ ކާއްޓެ އަކީ " އަހަރެން ގަބޫލު ކުރާގޮތުގައި ކުޑަކާއްޓެއަކީ މިހާރު ރާއްޖޭގައި އޭނާ ކުޅޭ މަގާމަށް އެންމެ މޮޅު މީހާ" ކަމަށެވެ. ޝަރަފް އިތުރަށް ބުނީ ކާއްޓެ އަކީ އެންމެ ޕްރެޝަރ މެޗްތަކުގައި ވެސް އެންމެ މޮޅަށް ކުޅޭ މީހާކަމަށެވެ. އަދި އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެއް ކަމަކީ ކުޑަކާއްޓެ އަކީ ވަރަށް ހިންހަމަ ޖެހިފަ ހުރެއްޖެނަމަ ވަރަށް މޮޅަށް ކުޅޭ މީހެއްކަމަށެވެ. އަދި ކުޅުމުގެ ސްކިލްސް އަށް ބަލާނަމަ ބްލޮކް، ސްޕައިކް އަދި ޑިފެންސް ވެސް ވަރަށް މޮޅު ކުޅުންތެރިއެއްކަމަށެވެ.

 

ކުޑަކާއްޓެ އާއި ގުޅޭ ގޮތުން މިހާރުގެ ކޯޗްގެ ބަހެއް ވެސް ހޯދާލީމެވެ. " އިންޓަރނޭޝަނަލް މުބާރާތެއް އެންމެ މޮޅަށް ކުޅުނު އެއްފަހަރުމީ. ޚާއްސަކޮށް ރިސީވް އަދި ސްޕައިކް ފާހަގަ ކޮށްލަން. އަދި ޝާހުގެ ލީޑަރޝިޕަކީ ޓީމަށް ވަރަށް މުހިއްމު އެއްޗެއް، ކުރިއަށް ވުރެ އެކަންވެސް ރަނގަޅުކަމަށް ފާހަގަވި" ގައުމީ ޓީމުގެ މިހާރުގެ ކޯޗް އަދި ކުޑަކާއްޓެގެ ބޭބެ މުހައްމަދު ސާޖިދު ބުންޏެވެ. 

މިއަހަރު ކުޑަކާއްޓެ ގައުމީ ޓީމަށް އެނބުރި އައުމުން ވޮލީ ޓީމްގެ ކުޅުންތެރިންގެ އިތުރުން ވޮލީ އަށް ސަޕޯޓް ކުރާ ގިނަ ފަރާތްތަކެއްގެ ހިތްތަކަށް ފިނިކަމެއް ލިބިގެންދިޔައެވެ. ކާއްޓެ ގައުމީޓީމަށް އެނބުރި އައުމަށްފަހު ކުޅުނު ދެމުބާރާތުން ބަލިވި ނަމަވެސް ކާއްޓެވަނީ މޮޅު ކުޅުމެއް ދައްކަދީފައެވެ. އިންޑޯވޮލީ އިން ނުފެނުނު ކަމުގައި ވިޔަސް ކާއްޓެވަނީ މިހާރު އެވޯޑްްސްގެ ނިމިދިޔަ އަހަރުގެ 3 ވަނަ އަށް އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފައެވެ. ހުރިހާއެންމެންގެ ވެސް އުއްމީދަކީ ކުރިޔަށް އޮތް ސާފް ގޭމްސްގައިވެސް މޮޅު ކުޅުމެއް ކުޅެ ގައުމަށް ރީތިނަން ހޯދައި ދިނުމެވެ.

ކުޑަކާއްޓެ ދަންނަ އެންމެންވެސް ފާހަގަ ކުރާގޮތުގައި އޭނާ އަކީ ބަސްމަދު ރަނގަޅު ޑިސިޕްލިން އަދި މޮޅު ކުޅުންތެރިއެއްގެ ގޮތުގައެވެ. ވޮލީ އާއިލާ އަކަށް އުފަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ދެބޭބެގެ އިތުރުން ކޮށްކޮވެސް ވޮލީ ކުޅުނެވެ. ބޯޅައެމްވީ އިން އެދެނީ ކުރިޔަށް ހުރިމުބާރާތްތަކުން ވެސް ކުޑަކާއްޓެ އަށް ކުރި އެރުމާއި ކާމިޔާބަށެވެ. 

 

 

 

 

 

Volleyball

Leave a Comment:

Comments will be published after moderation.