News

ވ.އަތޮޅަށް ނިސްބަތްވާ ތިން ބެއިންގެ އެހީތެރިކަމާއިއެކު ރާއްޖޭގެ ވޮލީޓީމް ސެމީއަށް

21 އޯގަސްޓް 2019






ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސީދާ ތިން ސެޓުން ނޭޕާލް ބަލިކޮށް ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމް އޭވީސީ އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ. 

މި ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ކަށަވަރު ކުރީ ތިން ސެޓުން ރާއްޖެ އާއި ނޭޕާލް ވެސް ބަލިކުރި ކިރްގިސްތާން އެވެ. ކިރްގިސްތާން އަތުން އިއްޔެ ކުޅުނު މެޗުން ބަލިވި ނަމަވެސް ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި ރާއްޖެ އަށް ސެމީގެ ޖާގައެއް ޔަގީންވީ މިއަދުގެ މެޗުން މޮޅުވުމުންނެވެ. ނޭޕާލާ ދެކޮޅަށް ރާއްޖޭން ސެޓުތައް ގެންދިޔައީ 25-22، 25-21 އަދި 25-14 އިންނެވެ.

މިއަދުގެ މެޗްގައި ވ. އަތޮޅަށް ނިސްބަތްވާ އެއްބަނޑު އެއްބަފާ ތިންބެއިން ކަމަށްވާ އަލީ ހުޒާމް (ކެޕްޓަން)، ހަސަން ނިލާމް އަދި ހުސެއިން ވިޝާމް ވަނީ މޮޅު ކުޅުމެއް ކުޅެދީފައެވެ. މިއީ އަލީ ހުޒާމްގެ ކެޕްޓަންކަމުގެ ދަށުން ކުޅޭ ފުރަތަމަ މުބާރާތުގައި މޮޅުވި ފުރަތަމަ މެޗެވެ. މީގެ އިތުރުން އިސްމާއިލް ސާޖިދު(ކުޑަކާއްޓެ) ވެސް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. މިއަދުގެ މެޗްގައި ޓީމުގެ އޯވަރޯލްކޮށް ހުރިހާ ކުޅުންތެރިންވެސް ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. ގައުމީޓީމުގެ ގިނަ ކުޅުންތެރިން ނިސްބަތްވަނީ ވ. އަތޮޅަށެވެ. 

ރާއްޖެ ވަނީ އެންމެ ފަހުން މި މުބާރާތުގައި ނޭޕާލާ ދެކޮޅަށް ކުޅުނު ދެ ފަހަރު ވެސް ބަލިވެފަ އެވެ. މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގައި ނޭޕާލް އަތުން ބަލިވިއިރު ރާއްޖޭގައި 2017 ވަނަ އަހަރު ކުޅުނު މުބާރާތުގައި ރާއްޖެ ވަނީ ތިން ސެޓު އެއް ސެޓުން ބަލިވެފަ އެވެ. 

ސެމީ ފައިނަލުގައި ރާއްޖޭ ކުޅޭ މެޗު އޮންނާނީ މާދަމާ ރާއްޖެ ގަޑިން 3:45 ގަ އެވެ. މި މެޗުގައި ރާއްޖެ ބައްދަލުކުރާނީ ގްރޫޕް ބީ އިން އެއް ވަނަ ހޯދި އުޒްބަކިސްތާނާ އެވެ.

Volleyball

Leave a Comment:

Comments will be published after moderation.