News
ހުޒާމްގެ ކެޕްޓަންކަމުގައި ކުޅޭ ފުރަތަމަ މުބާރާތް، މިއަދުގެ މެޗަށް ނިކުންނާނީ ހިއްވަރާއެކު މޮޅުވާން
20 އޯގަސްޓް 2019
އޭވީސީ މެންސް ސީނިއާ ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމުގެ ފުރަތަމަ މެޗުގައި މިއަދު ކިރިގިސްތާނާ ދެކޮޅަށް ނިކުންނައިރު މިއަދުގެ މެޗަށް ނިކުންނާނީ ހިއްވަރާއެކު މޮޅުވާން ކަމަށް ޓީމުގެ ކެޕްޓަން ހުޒާމް އަލީ (ހުޒާންޓެ) ބުނެފިއެވެ.
މިމުބާރާތަކީ ހުޒާމްގެ ކެޕްޓަންކަމުގައި ކުޅޭ ފުރަތަމަ ބޮޑު މުބާރާތެވެ. ބޯޅައެމްވީ އަށް މައުލޫމާތު ދެމުން ހުޒާންޓެ ބުނީ މިއަދުގެ މެޗަށް ނިކުންނާނީ ހިއްވަރާއެކު މޮޅުވާން ކަމަށާއި، މިއަދުގެ މެޗުން މޮޅުވާން ކުރެވެން ހުރިހާކަމެއް ކުރާނެކަމަށެވެ.
"ހިއްވަރާއި އެކު ކުޅެފިއްޔާ މޮޅުވެވޭނެ. މޮޅުވާން ކުރެވެން އޮތް ހުރިހާކަމެއް ކުރާނަން" ހުޒާންޓެ ބުންނެވެ.
ސެންޓްރަލް ޒޯން މުބާރާތުގެ ތާރީހުގައި ރާއްޖޭން ވަނީ އެއް ފަހަރު ރިހި އަދި ލޯ މެޑަލް ހޯދައިފަ އެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު ދެ މުބާރާތުގައި ރާއްޖެއަށް ނަތީޖާ ނެރެވިފައެއްނުވެ އެވެ.
2017 ވަނަ އަހަރު ރާއްޖޭގައި ބޭއްވި މުބާރާތުގައި ކިރިގިސްތާނާއި ނޭޕާލް އަތުން ވެސް ރާއްޖެ ވަނީ ބަލިވެފަ އެވެ. ނަމަވެސް މިފަހަރު ރާއްޖޭގެ އަމާޒަކީ ރަން މެޑަލް ހޯދުމެވެ. މިފަހަރުގެ މުބާރާތަށް ތައްޔާރުވުމަށް ވޮލީ ޓީމުން ވަނީ ސާބިޔާގައި ޓްރެއިނިންތަކެއް ކޮށް އަދި ރާއްޖޭގައި ސްރީލަންކާ އާއި ދެކޮޅަށް އެކުވެރިކަމުގެ މެޗްތަކެއް ކުޅެފައެވެ.
ރާއްޖެއާ ކިރިގިސްތާން ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 6:15 ގަ އެވެ. މި މެޗު ޔެސް ޓީވީން ވަގުތުން ދުރަށް ދައްކާނެ އެވެ.
ފޮޓޯ: މިހާރު ސްޕޯޓްސް
Volleyball