News

ދަގަނޑޭގެ މައްސަލައިގައި ގައުމީ ކޯޗްގެ ރާގު އެކިފަހަރު އެކި ގޮތަށް! މިފަހަރު މުޅިން އެހެން ވާހަކައެއް!

18 އޯގަސްޓް 2019






މި އަހަރުގެ އޭޝިއަން ކަޕްގެ އެންމެ ފަހު ކޮލިފިކޭޝަން މެޗުގައި، މިދިޔަ އަހަރު ބޫޓާން އާ ދެކޮޅަށް މާލޭގައި ކުޅެން އޮތް މެޗުގެ ޕްރެސްއަށް ހާޒިރު ނުވުމުން ޓީމުގެ އޭރުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ޓީމުން ބާކީ ކުރުމަށް، ކޯޗް ޕީޓާ ސެގަރޓް ނިންމި އެވެ.

ޕްރެސްއަށް ހާޒިރު ނުވުމުން، އޭނާ ޓީމުން ބާކީ ކުރުމަށް ފަހު، މިދިޔަ އަހަރު މާޗް މަހު މީޑިއާ އަށް ދިން އިންޓަވިއުގައި ސެގަރޓް ބުނެފައި ވަނީ، އެއްވެސް ކުޅުންތެރިޔަކާ މެދު ފިޔަވަޅު އަޅަނީ އަދަބެއް ދިނުމުގެ ގޮތުން ނޫން ކަމަށާއި ކޮންމެ ފިޔަވަޅެއް އަޅާނީވެސް އެ ކުޅުންތެރިޔަކު ޒިންމާދާރު ކުރުވުމަށް ކަމަށެވެ. 

ދުވަސްކޮޅެއް ފަހުން ދަގަނޑޭ ޓީމުގައި ނުހިމުނު ސަބަބާ ގުޅިގެން ކޯޗު ޕީޓާ ސެގަޓް ބުނީ އޭނާއާއި ދަގަނޑޭއާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ދަގަނޑޭ ނުނެގި އެއް ސަބަބަކީ ދަގަނޑޭގެ އުމުރު ކަމަށެވެ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ދަގަނޑޭ ސްކޮޑްގައި ނުހިމެނީކަމަށް ކޯޗް ވަނީ ބުނެފައެވެ. ޒުވާން ޓީމެއް ބިނާ ކުރުމުގެ މަގުސަދުގައެވެ. 

އެހެން ނަމަވެސް ދަގަނޑޭގެ ކުޅުމުން އެންމެ ތަންކޮޅެއްވެސް ދަށްކޮށް ނުފެންނައިރު، ގައުމުގައި އުފެދުނު އެންމެ  އެންމެ މޮޅު ކުޅުންތެރިޔާގެ އުމުރަށް ބަލާ، ޓީމުން ބޭރުކޮށްލުން މިއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ ޒުވާން ހުނަރުވެރި ކުޅުންތެރިންނާއި ވާދަކޮށް ދަގަނޑޭ ވަނީ ފާއިތުވި ދެއަހަރުވެސް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. 

މި މައްސަލައާއި ގުޅޭގޮތުން ކޯޗް މިވަނީ އަނެއްކާވެސް އެހެން ވާހަކަ އެއް ދައްކާފައެވެ. އަނެއްކާވެސް އޭނާގެ ރާގު ބަދަލުވީ އެވެ. ބަހަނާ އަކަށް ފަހު ބަހަނާއެކެވެ.  މި މައްސަލާގައި ފުރަތަމަ ޑިވިޝަނުގެ ކޯޗުން ކަންބޮޑުވުން ފާޅުކުރުމުން ކޯޗް ބުނެފައިވަނީ ދަގަނޑޭ އެކަނި ޓީމަށް ނަގައިގެން ފަރުޖެއްސޭކަށް ނެތް ކަމަށެވެ. ދަގަނޑޭ ނަގައިފި ނަމަ އޭނާގެ ރައްޓެހިންވެސް ޓީމަށް ނަގަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް މީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކަ އެއްކަމުގައި އެއްވެސް ކޯޗަކު ގަބޫލެއް ނުކުރިއެވެ. ކޯޗް ދައްކާ އެވާހަކަ ތައް ގަބޫލު ކުރަން އުދަގޫވެގެން މިއުޅެނީ އެކި ފަހަރު އެކި ގޮތަށް ވަަހަކަ ދައްކާތީއެވެ. ކޮންމެ ވެސް އެއްބަހެއްގައި ހިފަހައްޓާލައިގެން ހުންނަ މަނަވެސް އޭނާ ދައްކާ ވާހަކަ ގަބޫލުކުރަން ފަހަރެއްގައި ފަސޭހަ ވެދާދާނެއެވެ. 

މި މައްސަލަ އާއި ގުޅިގެން ރާއްޖޭގެ ފުޓުބޯޅައިގެ ތަޖްރިބާކާރުން ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު، ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފައިވަނީ ގައުމީ ޓީމަށް ނަގަން ވާނީ އެވަގުތެއްގައި އެންމެ ރަނގަޅަށް ޕާފޯމްކުރާ ކުޅުންތެރިން ކަމަށް ދެކޭ ކަމަށާއި އެ އުސޫލުން ބަލާއިރު މިދިޔަ ސީޒަނާއި މި ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލީ އަޝްފާގް (ދަގަނޑޭ) އަށް ގައުމީ ޓީމުން ޖާގަ ނުލިބެންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ. 

ހަމަ މިއާއިއެކު ރާއްޖޭގެ ފުޓުބޯޅައިގައި ހުރި އެންމެ އިލްމީ އެއް ބޭފުޅާ، ލެޖެންޑަރީ ފުޓުބޯޅަ ކުޅުންތެރިޔާ އަދި މިހާރުގެ ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީ މައުރޫފް އަހުމަދު (މާއްޓޭ) ބުނެފައިވަނީ "ކޮންމެ ގައުމެއްގެވެސް ސީނިއާ ޓީމުގައި ކޯޗު ހިމަނާނީ އެގައުމެއްގެ އެންމެ ރަނގަޅު ކުޅުންތެރިން. ކޯޗާއި މެނޭޖަރުންނަށް ޓީމު ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަބޫލުކުރަން. ފުރަތަމަ 11އެއް ނަގާހެން، ކޯޗަށް ފެންނަ އެންމެ މޮޅެތި ކުޅުންތެރިން ނަގާނީ. ދަގަނޑޭގެ ކޭސްއަށް ބަލާއިރު، އޭނާއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ. އެންމެ މޮޅު ކުޅުންތެރިޔާ މި މާނަ ކުރަނީ ޓެކްޓިކަލީ، ޓެކްނިކަލީ، ފިޒިކަލީ، އަދި ސައިކޮލޮޖިކަލީ. އެއީ ލީޑާޝިޕާ ޓީމް ވޯކްވެސް ހިމަނައިގެން،" ކަމަށެވެ.

މި މައްސަލައިގައި ރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު ވެސް ވަނީ އޭނާ މިކަމުގައި ދެކޭގޮތް ހާމަކޮށްފައެވެ. މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހްމަދު މަހުލޫފު ވިދާޅުވެފައިވަނީ ދަގަނޑޭއަކީ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނެންޖެހޭ ކުޅުންތެރިއެއް ކަމަށާއި، ދިވެހި ރައްޔިތުންގެ ކަންބޮޑުވުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ރަސްމީކޮށް ހިއްސާކުރާނެ ކަމަށެވެ.

" އަޅުގަނޑުގެ ފުރަތަމަ އެގާރައިގައި އަލީ އަޝްފާގް ހިމެނޭނެ. ދަގަނޑޭ އަކީ ގައުމީ ޓީމުގައި ހިމެނެންޖެހޭ ކުޅުންތެރިއެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. ދިވެހި ސަޕޯޓަރުންގެ އެދުން އެފްއޭއެމް އާއި ރަސްމީކޮށް ހިއްސާކޮށްދޭނަން” މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

މިއަދު ހުތުރު ގޮތަކަށް މި ބާކީ ކޮށްލީ ރާއްޖެ ދުއް އެންމެ މޮޅު ކުޅުންތެރިޔާއެވެ. އެތައް ދިވެހި ރައްޔިތުންނެއްގެ ލޯބި ލިބިފައިވާ ފުޓުބޯޅަިގެ ރަސްގެފާނެވެ. ގައުމު ފަޚުރުވެރި ކޮށްދިން ދަރިއެކެވެ. މާދަމާ މިގޮތަށް ބާކީ ކޮށްލާނީ ކޮން ކުޅުންތެރިއެއް ކަމެއް ނޭގެއެވެ. ކިތައްމެ މޮޅަށް ކުޅުނަސް ޓީމުން ބޭރުކޮށްލާނީ ކޮންއިރަކުކަމެއް ނޭގެއެވެ. ކުޅުންތެރިން ތިބީ މާޔޫސްކަމެއްގެތެރޭގައެވެ.

 

 

 

Maldives National Team

Leave a Comment:

Comments will be published after moderation.