News
ރެކޯޑު އަދަދެއްގެ ބައިވެރިންނާއެކު ގޯލްކީޕަރުން ތަމްރީންކުރުމުގެ ކޯހެއް ފަށައިފި
21 ޖެނުއަރީ 2019
ގޯލްކީޕަރުން ތަމްރީންކުރުމުގެ ކޯހެއް އެފް.އޭ.އެމް އިން އިންތިޒާމް ކޮށްގެން ފަށައިފިއެވެ. އެފް.އޭ.އެމްގެ ތާފް ދަނޑުގައި ކުރިއަށް ގެނދާ މި ކޯހުގައި ރެކޯޑު އަދަދެއްގެ ބައިވެރިން ތަމްރީން ކުރެވިގެންދާނެއެވެ.
ހަތަރު އަންހެން ގޯލްކީޕަރ ތްރެއިނީޒްއާ ލައިގެން މުޅިއަކު 30 ބައިވެރިންނާއެކު ފެށުން މިކޯސް ފަށާފައިވަނީ އިއްޔެ ހެނދުނުއެވެ. އިރާނުގެ ތަގުރިބާކާރު އޭ.އެފް.ސީ އިންސްޓރަކްޓަރެއް ކަމަށްވާ ބަޝަރަދް މަހްބޫބީ އިސްކޮށް ހުރެ މިމަހުގެ 20ވަނަ ދުވަހުން ފެށިގެން 24ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ކޯހުގެ ކޯޑިނޭޓަރ އަކަށް ހުންނެވީ ޤައުމީ ޓީމްގެ ގޯލްކީޕިންގ ކޯޗް އަސްލަމް އަބްދުއްރަހްމާންއެވެ. މި ތަމްރީންގެ ބައިވެރިންގެ ތެރެއިން ފާހަގަ ކޮށްލެވޭ ބައެއް ބައިވެރިންގެ ތެރޭގައި ކުރީގެ ޤައުމީ ޓީމް ކީޕަރ އިމްރާން މުހައްމަދު (އިންމަ)، މިހާރުގެ ޤައުމީ ޓީމްގެ ކީޕަރ ތޮލާލް ހަސަން، ކުރީގެ ވެލެންސިއާ ކީޕަރުން ކަމަށްވާ ހަސަން އަލީ، ހުސައިން ހަބީބް، މުހައްމަދު އަކްރަމް އަދި މީގެ އިތުރުން ދިވެހި ޕްރިމިއަރ ލީގުގެ ގޯލްކީޕަރ ކޯޗުން ހިމެނެއެވެ.
އެފް.އޭ.އެމް އިން ބުނާގޮތުން މިކޯހުގެ ބޭނުމަކީ ދިވެހި ގޯލްކީޕަރ ކޯޗުންގެ ފެންވަރު މަތިކުރުމެވެ. މިއީ މޮޅެތި ގޯލްކީޕަރުން ކުރިއަށް އޮތްތާ މިޤައުމުގައި އުފެއްދުމަށް އެޅޭ ބިންގަލެއް ކަމުގައި އެފް.އޭ.އެމް އިން ދެކެއެވެ.
ކުރިއަށް އޮތް ތާނގައި ގޯލްކީޕަރ އެކެޑަމީއެއް ޤާއިމްކުރުމަށް އެފް.އޭ.އެމް އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެފް.އޭ.އެމް އިން ބުނާގޮތުގައި މިކޯހުގެ ސަބަބުން ގޯލްކީޕަރ ކޯޗުންނާއި ގޯލްކީޕަރުންގެ ޑާޓާބޭސްއެއް ޤާއިމްކުރުމަށް މަގުފަހިވެގެންދާނެއެވެ. މިއަހަރުގެ ކުޜިކޮޅު އެފް.އޭ.އެމް އިން ވަނީ ސެޓްފިކޭޓްލިބިފައި ނުވާ ގޯލްކީޕަރުންނަށް ކުލަބުތަކުގައި ގޯލްކީޕަރ ޓްރެއިނަރުންގެ ގޮތުގައި މަސައްކަތް ނުކުރެވޭން އުސޫލެއް ކަނޑައަޅާފައެވެ.
ފޮޓޯ؛ ވަގުތު/ އެފް.އޭ.އެމް ފޭސްބުކް
Club Valencia Dhivehi Premier League FAM Imran Mohamed(Imma)