News

ރާއްޖެ ކުޅޭ ފުރަތަމަ މެޗް އަންނަ އަންގާރަ ދުވަހު ކިރްގިސްތާނާއި ދެކޮޅަށް

17 އޯގަސްޓް 2019






ނޭޕާލްގައި އަންނަ ހޯމަދުވަހު ފަށާ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) މެންސް ސީނިއާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ކިރްގިސްތާނާޢި ދެކޮޅަށް އަންނަ އަންގާރަ ކުޅެން ޖެހިއްޖެ އެވެ.

މުބާރާތުގައި ރާއްޖެ ލައްވާލާފައިވަނީ ގްރޫޕް އޭގައެވެ. ތިން ޓީމު ހިމެނޭ ގްރޫޕް އޭ ގައި ރާއްޖެއާއެކު ހިމެނޭ ގައުމުތަކަކީ މުބާރާތް ބާއްވާ ނޭޕާލްގެ އިތުރުން ކިރްގިސްތާނެވެ. 

ރާއްޖޭގެ ފުރަތަމަ މެޗުގައި ކިރްގިސްތާނާއި ދެކޮޅަށް މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ މެޗުގައި ނޭޕާލާއި ދެކޮޅަށް މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ ބުދަ ދުވަހުގައެވެ. މީގެކުރިން ނެރުނު ޝެޑިއުލްގައި މުބާރާތުގެ އަންނަ ހޯމަ ދުވަހު ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި އޮތީ ނޭޕާލާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ރާއްޖެ ކުޅުމަށް ހަމަޖެހިފައި އޮތީ ކިރްގިސްތާނާއި ދެކޮޅަށެވެ.

ރާއްޖޭގެ ވޮލީ ޓީމުގެ މެނޭޖަރ އަޝްރަފް އަލީ ވިދާޅުވީ މިހާރު ލިބިފައިވާ ޝެޑިއުލަށް ބަދަލު އަންނަނަމަ މިއަދު ހަވީރު އޮންނަ ޓެކިނިކަލް މީޓިން އިން އެނގިގެންދާނެކަމަށެވެ.  

ކިރްގިސްތާނަކީ 2017 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ތުރުކުމެނިސްތާން ބަލިކޮށްގެންނެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ބަންގާޅުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފައިވަނީ ތުރުުކުމެނިސްތާނެވެ. 

މިއަހަރުގެ މުބާރާތުގައި ޖުމްލަ 7 ޓީމު ވާދަކުރެއެވެ. ގްރޫޕް އޭ ގައި ތިން ޓީމު ހިމެނޭއިރު ގްރޫޕް ބީ ގައި ހިމެނޭ ޓީމުތަކަކީ ތުރުކުމެނިސްތާނާއި ބަންގްލަދޭޝްގެ އިތުރުން އުޒްބަކިސްތާނާއި އަފްގާނިސްތާނެވެ. 

މި މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ނޭޕާލަށް އައީ ހުކުރުދުވަހުގެ ހެނދުނުގައެވެ. މި މުބާރާތަށް ތައްޔާރު ވުމަށްޓަކައި ރާއްޖޭގެ ވޮލީޓީމްވަނީ ލަންކާގެ ވޮލީ ޓީމާއި އެކު އެކުވެރި ކަމުގެ މެޗްތަކެއް މާލޭގައި ކުޅެފައެވެ. 

Volleyball

Leave a Comment:

Comments will be published after moderation.