News

ރަށްވެހި ޗެލެންޖްކަޕްގެ ޗެމްޕިއަންކަން ސްޕޯރޓްސް ކްލަބް ފަހުލަވާން ހޯދައިފި

16 އޯގަސްޓް 2019






ފ.ނިލަންދޫ ޖަމްޢިއްޔަތުއްޝަބާބާއި ނިލަންދޫ ޒުވާނުންތަކެއް ގުޅިގެން އަޟްޙާ ޢީދުގެ މުނާސަބަތުގައި ނިލަންދޫގައި ކުރިޔަށްގެންދިޔަ "ރަށްވެހި ޗެލެންޖް" ފުޓްސަލް މުބާރާތުގެ ފައިނަލްމެޗްގައި ޓެލެންޓް އެސް.ސީއާއި ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު ސްޕޯރޓްސް ކްލަބް ފަހުލަވާނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އިއްޔެ ހަވީރު ނިލަންދޫ ފުޓްސަލް ދަނޑުގައި ނިލަންދޫގެ ގިނަޢަދަދެއްގެ ރައްޔިތުން 2 ޓީމަށްވެސް ތަރުޙީބުދެމުންދިޔަ މިމެޗްގައި ފުރަތަމަ ހާފް ނިމިގެން ދިޔައީ 2 ޓީމުން ކުރެ 1 ޓީމަކަށްވެސް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ފައިނަލް މެޗަށް ނުކުތްއިރު ޓެލެންޓަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ މުޅިމުބާރާތުގައި މޮޅުކުޅުމެއް ދައްކަމުން އައި ޓެލެންޓްގެ ދިފާޢީ މައިތަނބުގެ ގޮތުގައި ފާހަގަކުރެވުނު އިބްރާހިމް ސިނާހު 2 ކާޑުހަމަވެގެން ނުކުޅެވުމެވެ.

އެހެން ނަމަވެސް ކުރީމެޗްތަކާއި ޚިލާފަށް ޓެލެންޓްގެ އެހެން ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ ހިތްވަރުގަދަ ކުޅުމެކެވެ. ޚާއްޞަކޮށް ވާއްޕެ އާއި ސައްދާމް އަދި އަކޭގެ ކުޅުން ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ.

2 ވަނަ ހާފް ފެށިގެން ގިނަ އިރުތަކެއް ނުވެ އެސް.ސީ.އެފްގެ ނަބީލް ފޮނުވާލި ބޯޅައެއް ސައްދާމުގެ ގައިގައިޖެހި މިސްރާބުބަދަލުވެ ގޯލަށް ވަނުމާއެކު ޓެލެންޓުން ކުރިޔަށްޖެހި ގޯލެއް ކާމިޔާބު ކުރުމަށް އިތުރު މަސައްކަތް ކުރިތަން ފެނިގެން ދިޔަ ދަނޑިވަޅުގައި ހުރިހާ ކުޅުންތެރިން ކުރިއަރާ ތިއްބާ ނަބީލް އަށް ލިބުނު ބޯޅަ ހިފައިގެންވަދެ އޭރިޔާ ތެރެއިން ހުސްކޮށްލުމަށްފަހު ޢާދިލް އަށް ޖައްސާލުމުން 2 ފަހަރަކަށް ކީޕަރުކައިރިން ނައްޓާލުމަށް ފަހު ގޯލް ޖަހާ ޢާދިލްވަނީ މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއަށް ދޭ ރަންބޫޓު ކަށަވަރުކޮށްފައެވެ.

އެސް.ސީ.އެފުން 2 ގޯލްގެ ލީޑެއް ނެގުމުންވެސް ޓެލެންޓުން ހިތްވަރުކޮށް މެޗް ނިމުމުގެ ކުރިން އަކޭގެ ރީތި ގޯލަކުން ތަފާތު ކުޑަކުރިނަމަވެސް މެޗް ނިމިގެން ދިޔައީ މިސްކޯރއިންނެވެ.

މެޗްނިމުމާއެކު މުބާރާތުގެ އެކިވަނަވަނަ ޙާޞިލް ކުރި ފަރާތްތަކަށާއި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ތައްޓާއި މެޑަލް ހަނދާނީ ލިޔުމާއި ފައިސާގެ ޢިނާމު ޙަވާލުކޮށް ދެއްވީ ޝަބާބުގެ 3 މުއައްސިސުން ކަމަށްވާ ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުލް މުޙުސިން ޙަމީދު (ޖޭ4)އާއި ޑރ. ޢަބްދުﷲ ޚަލީލްއާއި އަންވަރު ޢަލީގެ އިތުރުން ފ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސާރވިސް އިބްރާހިމް ޚަލީލްއާއި ބޭންކް އޮފް މޯލްޑިވްސް ނިލަންދޫ ބްރާންޗްގެ މެނޭޖަރ އަޙުމަދު ރައުޝާންގެ އަދި ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ނަޞްރުﷲ ޖަލީލްއެވެ.

ފައިނަލް މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ އެސް.ސީ.އެފްގެ އަޙުމަދު ޒައިދުއެވެ. މުބާރާތުގެ މޮޅު 5 ކުޅުންތެރިންނަކީ އެސް.ސީ.އެފްގެ އަޙުމަދު ނަބީލް، ޓެލެންޓް އެސް.ސީގެ އިބްރާހިމް ސިނާޙު، އެސް.ސީ.އެފްގެ އަޙުމަދު ރާބިޢު، އެސް.ޖީ.ސީގެ އިބްރާހިމް ޝަނޫންގެ އިތުރުން އެސް.ސީއެފްގެ ޢަދިލް ޢަލީ އެވެ.

14 ގޯލާއެކު ރަންބޫޓުވެސް ޙާޞިލް ކުރީ ޢާދިލް ޢަލީއެވެ. ޓީމަށް އެންމެ ފައިދާ ހޯދަދިން ކޯޗަކަށް ޓެލެންޓް އެސް.ސީ ގެ ކޯޗް އިބްރާހިމް އިސާރު ހޮވުނު އިރު 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފަހުލަވާނުގެ މުޙައްމަދު ޒީދާން ޒުހުރީއެވެ. ފެއާރޕްލޭ ޓީމަކަށް ހޮވުނީ ވައިޕާރސް އެފް.ސީއެވެ.

ރަސްމިއްޔާތު ނިމުމުގެ ކުރިން ރަށްވެހި ޗެލެންޖްގެ ފަރާތުންވަނީ މިއަހަރުގެ 2 ވަނަ ޓާރމް ސެމިސްޓަރ ބްރޭކްގައި 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތެއް ބާއްވާނެކަންވެސް އިޢުލާނުކޮށްފައެވެ.

އަދި މިފަދަ އިތުރު މުބާރާތްތަށް ކުރިމަގުގައި ބާއްވާނެކަމުގެ ޔަޤީންކަންވެސް ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ދީފައެވެ. ޗެމްޕިއަންޓީމަށް 15000 ހާސްރުފިޔާގެ ފައިސާގެ ޢިނާމެއް ހުށަހަޅައިގެން ކުރިޔަށް ގެންދިޔަ މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ އަލަނާސި ކެފޭ އެންޑް ބިސްޓްރޯއެވެ.

ކޯ ސްޕޮންސަރ އަކީ ބޭންކް އޮފް މޯލްޑިވްސް އަދި އާން އަކްއާ ސްޕޯރޓްސްއެވެ. ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ ފަހުމިނެޓެވެ.

F.Nilandhoo

Leave a Comment:

Comments will be published after moderation.