News

ކޯޗުންނާއި ސަޕޯޓަރުންގެ އާދޭހަކީ ދަގަނޑޭއަށް އަލުން ގައުމީ ޓީމުން ޖާގަ ދިނުން!

14 އޯގަސްޓް 2019






ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް(ދަގަނޑޭ) ކުރިޔަށް އޮތް ވޯލްޑްކަޕް ކޮލިފިކޭޝަންގައި ކުޅޭ މެޗްތަކަށް ގައުމީ ޓީމުގައި ހިމެނިފައި ނުވާތީ ރާއްޖޭގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް ސޯޝަލް މީޑިޔާގައި ނުރުހުން ފާޅުކުރަމުންނެވެ. މި މައްސަލައިގައި ގިނަ ފަރާތްތަކުން ބުނަމުން އަންނަނީ އެފްއޭއެމް ނުވަތަ ގައުމީ ޓީމުގެ ކޯޗް ދަގަނޑޭ އާއި ޒާތީ ވަނީ ކަމަށެވެ. ދަގަނޑޭ ވަނީ ނިމިދިޔަ 2 އަހަރުވެސް ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. ރާއްޖޭގައި އަދިވެސް ދަނގަޑޭ އަކީ ނަންބަރ ވަންއެވެ. ރާއްޖޭގެ ނަންބަރ ވަން ކުޅުންތެރިޔާ ގައުމީ ޓީމުގައި ހިމެނަން ޖެހޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. 

އެހެންކަމުން ދިވެހި ފުޓުބޯޅައަށް ސަޕޯޓް ކުރާ ފަރާތްތަކުން ދަނީ އެފްއޭއެމް ފެއިލް ވެއްޖެ ކަމަށް ބުނެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާއަށް ގޮމުންނެވެ. އެފްއޭއެމް ޓެކްނިކަލީ ފެއިލް ވެފައިވާ ކަމަށް ފުޓުބޯޅައިގެ މާހިރުން ދަނީ ބުނަމުންނެވެ. 

ގިނަ ސަޕޯޓަރުންނާއި ފުޓުބޯޅައިގައި މަސައްކަތް ކުރާ ކޯޗުން ކަންބޮޑުވުން ފާޅުކުރަމުންދާތީ ބޯޅައެމްވީ އިން ވަނީ ބޯޅައެމްވީގެ ފޭސްބުކް ޕޭޖްގައި ޕޯލް އެއް ނަގާފައެވެ. މިޕޯލް އަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގިނަ ކޯޗުންނާއި އަދި ފުޓުބޯޅައިގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކުން ވަނީ ވޯޓް ކޮށްފައެވެ. މި ޕޯލް އަށް ވޯޓް ކުރި މީހުންގެ ތެރެއިން %95 މީހުން ބުނެފައިވަނީ ދަގަނޑޭއަށް ގައުމީ ޓީމުން ޖާގަ ނުދިނީ ޒާތީ ކަމެއްގެ ސަބަބުންކަމަށެވެ.  އަދި ބާކީ %5 މީހުން ބުނެފައި ވަނީ ރަނގަޅު ޕާޕޯމަންސް ނުދެއްކުނީމަ ކަމަށް ބުނެފައެވެ. އަދި ހަމަ މިއާއިއެކު ބައެއް ސަޕޯޓަރުން އަންނަނީ އެފްއޭއެމްއިން އަޝްފާގް ޓީމަށް ނުނެގުމާއި ގުޅިގެން ފޭސްބުކާއި ޓްވިޓާރ މެދުވެރިކޮށް ޕޭޖްތައް ހަދާ އެކަމާއި ނުރުހުން ފާޅު ކުރަމުންނެވެ. 

އެހެންކަމުން ސަޕޯޓަރުންގެ އުދާސްތައް މި ލިޔުުގައި ހިމަނާލެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަމެވެ. މިހިމަނާލަނީ ބައެއް ސަޕޯޓަރުން މި މައްސަލައާއި މެދު އެކި އެކި ނޫސްތަގު އިތުރުން ސޯޝަލް މީޑިޔާގައި ފާޅުކޮށްފައިވާ ޝުއޫރުތަކެވެ. 

ފޭސްބުކް ޕޭޖެއްގައި ކޮށްފައިވާ ޕޯސްޓެއް: " ޒާތީ ގޮތުން ޖެހިގަނެގެން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ކެރިއަރގެ ފަހުކޮޅު ކޯޗްހިންގަމުންގެންދާ ޖަރީމާއަށް އެފްއޭއެމްއިން ބީރުކަންފަތެއް. ކޮބައިތޯ ޓެކްނިކަލް ޑިޕާޓްމަންޓް ކޮބައިތޯ އެގްޒެކްޓިވް ކޮމިޓީ؟ ކްލަބްތަކާއި ސަޕޯޓަރުން އެފްއޭއެމް ޒިންމާ ދާރުކުރަން ނިކުންނަން ވެއްޖެ." 

ފޭސްބުކް ޕޭޖަކަށް ކިޔުންތެރިއެއް ކޮށްފައިވާ ކޮމެންޓެއް: " ދަގޭވަރު ކުޅުންތެރިއެއް ރާއްޖޭގެ ތާރީޚްގައި އަދި ނެތް. ރީތި ގޮތުގައި ރިޓަޔަރ ވާން ފުރުސަތު ދިނުމަކީ އެންމެ އެދެވިގެންވާ ގޮއިކަމަށް ދެކެން. ދަގޭގެ ޓެލެންޓާއި އެކްސްޕީރިއަންސް މިވަގުތު ގައުމީ ޓީމަށް މުހިއްމު." 

ނޫހަކަށް ކިޔުންތެރިއެއް ކޮށްފައިވާ ކޮމެންޓެއް: " އުމުރުން 40 އަހަރުވެފައި ތިބި ކުޅުންތެރިންވެސް ވޯލްޑްކަޕް ކުޅެފައި ހުރީ! މި ކުޅުންތެރިންގެ ފަރާތުން ގައުމަށް ފައިދާއެއް ނުހޯދުމުގެ ޒިންމާ ބައްސާމް ނަގަންޖެހޭނެ!"

ނޫހަކަށް ކިޔުންތެރިއެއް ކޮށްފައިވާ ކޮމެންޓެއް: "މިކޯޗް އަސްލު ވަރަށް ޒާތީ . ދެކޮޅު ނުޖެހޭ ވާހަކަ ދަށްކަނި. ދަގޭ އަކީ އަދިވެސް ރާއްޖޭގެ ނަންބަރ ވަން. އެކަމެއް ބަދަލު ނުވާނެ."

ނޫހަކަށް ކިޔުންތެރިއެއް ކޮށްފައިވާ ކޮމެންޓެއް: " މިކަން ސިޔާސީކުރަންނޫޅޭ! ޙަޤީޤަތަށް ބަލާ! ޒުވާންކުއްޖެއްގެ ހިތްވަރާއި ފަންވަރާއި ބުންވަރު ދަގަނޑޭގެ ހުރިކަމުގައިވާނަމަ، 34 އަހަރުވުމަކީ ބަލަންވީއެއްޗެއްނޫން. ހަމަގައިމުވެސް ދަގަނޑޭކިބައިގާހުރި ތަޖުރިބާއެއް ފަހަތުންއަރާ ޒުވާނެއްގެކިބައިގަ ނުހުންނާނެ. ކޮންމެކަމެއްގައިވެސް ތަޖުރިބާއަކީ ކާމިޔާބީއަށް މުހިންމުއެއްޗަކަށްވޭ!
ޙަޤީޤަތަށް ވިސްނާފަ ނިންމުމެއްނިންމާ!"

މިގެނެސްދެވުނީ އަދި ހަމަ ކުޑަ މިންވަރެކެވެ. ނަމަވެސް ގަބޫލު ކުރަން ޖެހޭ ކަމަކީ އެގައުމެއްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ގައުމީ ޓީމުން ފުރުސަތުދޭންޖެހޭނެކަމަށެވެ. އެއީ ވަކި އަލީ އަޝްދާގް ދަގަނޑޭ ވެގެންނެއް ނޫނުނެވެ. ރާއްޖޭގެ މޮޅު ކުޅުންތެރިޔާއަށް ވީމައެވެ. 

އެފްއޭއެމްގެ ބައެއް ނިންމުންތަކާއި މެދު ހިންހަމަ ނުޖެހި ސަޕޯޓަރުން ދިވެހި ފުޓުބޯޅަ މަތިން ފޫހިވެފައިވާކަމަށް ފުޓުބޯޅައިގައި މަސައްކަތް ކުރާ ގިނަ ކޯޗުން ވެސް އެއްބަސްވެއެވެ. ރާއްޖޭގެ ނަން މައްޝޫރު ކްލަބްތައް ކަމަށްވާ ނިއުރޭޑިޔަންޓާއި ވެލެންސިޔާ އެއް މިއަދަކުނެތެވެ. ދެން އެންމެ ބޮޑު ކްލަބް ވިކްޓްރީ ވުޖޫދުގައި އޮތް ނަމަވެސް އެޓީމުވެސް ގެއްލެން މާގިނަ ދުވަހެއް ނެތް ހެންހީވާކަހަލައެވެ. މި ކްލަބް ތަކަކީ ރާއްޖޭގެ ފުޓުބޯޅަ މިޖީލާއި ހަމައަށް ވާސިލް ކޮށްދިނުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްދީފައިވާ ކްލަބްތަކެވެ. އަދި ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް ތައްވެސްމެއެވެ. މިކްލަބްތައް މިހާރު ގޮސްފައިވާ ހާލަތަށް ދިޔުމުގެ ޒިންމާ ފުޓުބޯޅަ އެސޯސިއޭޝަނުން ނަގަންޖެހޭކަމަށް ކަމަށް ކުޅިވަރުގެ ފަރާތް ތަކުން އަންނަނީ ބުނަމުންނެވެ.

 

 

FAM

Leave a Comment:

Comments will be published after moderation.