News
އިރާދަކުރެއްވިޔާ މިރޭ މީ ދިވެހިންގެރޭ، ސޯޝަލް ސެންޓަރަށް ވަޑައިގަންނަވާ: މިނިސްޓަރ މަހްލޫފް
14 އޯގަސްޓް 2019
އިރާދަކުރެއްވިޔާ މިރޭ މީ ދިވެހިންގެރޭ ކަމަށާއި 20:15 އަށް ވީހާވެސް ގިނަ ސަޕޯޓަރުން ރާއްޖޭގެ ގައުމީ ވޮލީޓީމަށް ސަޕޯޓް ކޮށްދެއްވުމަށް ސޯޝަލް ސެންޓަރަށް ވަޑައިގެން ދެއްވުމަށް ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް އެދިވަޑައިގެންފިއެވެ.
ރާއްޖޭގެ ޤައުމީ ފިރިހެން ވޮލީ ޓީމާއި ސްރީލަންކާގެ ޤައުމީ ފިރިހެން ވޮލީ ޓީމާ ދެމެދު ކުޅެވެމުންދާ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން މިރޭގެ މެޗު ޝަަފްވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް އެވެ. މި މެޗަކީ މި ދެޓީމުގެ މެދުގައި ކުޅެވޭ އެންމެ ފަހު މެޗު ކަމަށްވާއިރު މިއީ އޭވީސީ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ކުޅޭނެ ބައިނަލްއަގްވަމީ އެކުވެރިކަމުގެ ފަހު މެޗެވެ. އަންގާރަ ދުވަހުގެ ރޭ ދެ ޓީމު ކުޅުނު މެޗު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ޝަރަފުވެރިކޮށްދެއްވިއިރު ރޭގެ މެޗަށް ސޯޝަލް ސެންޓަރު އޮތީ ފުރިފައެވެ. މިރޭގެ މެޗަށް ވެސް ވީހާވެސް ގިނަ ސަޕޯޓަރުން ދިޔުމަށް މިނިސްޓަރ މަހްލޫފްގެ އިތުރުން ވޮލީ ފެމިލީން އިން ވަނީ އެދިފައެވެ.
ރާއްޖެވަނީ ކުޅުނު އެކުވެރިކަމުގެ ދެމެޗުންވެސް ރާއްޖެވަނީ ވަރުގަދަ ލަންކާ އަތުން ބަލިވެފައެވެ. ނަމަވެސް ފުރަތަމަ މެޗާއި ޚިލާފަށް ރާއްޖެވަނީ ދެވަނަ މެޗުގައި ރަނގަޅު ކުޅުމެއްދައްކާ ލަންކާ އަތުން ސެޓެއް ހޯދާފައެވެ.
Volleyball