News

ވޮލީ ޓީމަށް ހިއްވަރުދީ، "ސަޕޯރޓް" ކުރަން ދާން ތައްޔާރުތަ؟

10 އޯގަސްޓް 2019






ރާއްޖޭގައި މިފަހުގެ ތާރީޚެއްގައި ގައުމީ ވޮލީބޯޅަ ޓީމް ކުޅޭ އެކުވެރި ކަމުގެ މެޗް މި މަހުގެ 13 ވާ އަންގާރަ ދުވަހުގެ ރޭ 20:00ގައި ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި އޮންނާނެއެވެ. 

މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަވަށްޓެރި ސްރީލަންކާގެ ގައުމީ ޓީމާއި ދެކޮޅަށެވެ. މި މެޗްވެގެންދާނީ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ދިވެހި ގައުމީ ވޮލީ ޓީމަށް ލިބިގެންދާނެ ރަނގަޅު ތަޖުރިބާ ތަޖުރިބާ އަކަށެވެ. ސްރީލަންކާގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ރާއްޖޭގެ މުބާރާތްތަކުގައި ކުޅެފައިވާ ކުޅުންތެރިންނެވެ. އެހެންކަމުން އެކުޅުންތެރިންގެ ކުޅުން ރާއްޖޭގެ ވޮލީ ސަޕޯޓަރުންނަށް ކިޔައިދޭން ޖެހޭނެ ހެނެއް ހިޔެއްނުވެއެވެ.

މި މެޗާއި ގުޅޭގޮތުން ބޯޅަ އެެމެވީއަށް މައުލޫމާތު ދެމުން ގައުމީ ޓީމުގެ ކޯޗް މުހައްމަދު ސާޖިދު (ބޮޑު ކާއްޓެ) ބުނީ "މި މެޗަކީ ސެންޓްރަލް ޒޯންގެ ކުރިން ޓީމް ރާވާލަން ލިބުނު ރަނގަޅު ފުރުސަތެއް" ކަމަށެވެ. ކާއްޓެ ބުނީ މިމެޗް ވަރަށް ފޯރި ގަދަވާނެ ކަމަށާއި ވީހާވެސް ގިނަ ފަރާތްތަކުން ގައުމީ ޓީމަށް ސަޕޯޓް ކޮށްދިނުމަށް އިންޑޯއަށް އައިސް ދިނުމަށެވެ. 

ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވި 12 ކުޅުންތެރިންގެ އިތުރުން، އިތުރު 2 ކުޅުންތެރިން މިފަހަރު ޓީމުގައި ހިމެނިފައިވާ ކަމަށެވެ. އެ ދެކުޅުންތެރިންނަކީ ސެންޓަރ ބްލޮކަރ ހުސައިން ޔޫސުފްގެ އިތުރުން ލިބަރޯ އަލީ ޖަވާމް އެވެ. 

ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފް މި ފުރުސަތު ހޯދައިދިން ކަމަށްޓަކައި ކާއްޓެ ވަނީ މިނިސްޓަރ މަހްލޫފް އަށާއި ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ. މި މެޗް ބައްލަވާލެއްވުމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ޔޫތު މިނިސްޓްރީ އިން ވަނީ ވަރަށް ގިނަ ހަރަކާތް މި މެޗް ކުރިޔަށްދާއިިރު މެޗްގެ ފޯރި އިތުރު ކުރުމަށްޓަކައި ރަވާފައެވެ. މިނިސްޓަރ މަހްލޫފްގެ އިތުރުން ގައުމީޓީމުން އެދެނީ ވީހާ ވެސް ގިނަ ސަޕޯޓަރުން ރަތް ކުލައިގައި އެދުވަހު ހޯލު ފުރާލުމަށެވެ. 

 

Volleyball

Leave a Comment:

Comments will be published after moderation.