News

މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށް، އަންނަ މަހު 1 ވަނަ ދުވަހު މުބާރާތް ފަށަނީ

10 އޯގަސްޓް 2019






ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ވެސް ބާއްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ކުރިން މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 18 ވަނަ ދުވަހެވެ. ނަމަވެސް ގިނަ ބަންދު ދުވަސްތަކެއް އަންނާތީ މިހާރު މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 25 ވަނަ ދުވަހެވެ.

އެފްއޭއެމް ބުނެފައިވަނީ ބައިވެރިވާން ބޭނުންވާ ޓީމުތަކުން މިމަހުގެ 25 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން ލިޔުމަކުން އެފްއޭއެމް އަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ލިޔުން ހުށަހެޅުމަށް އީމެއިލް ކުރަން ޖެހޭނީ [email protected]  އަށްކަމަށެވެ. 

މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ބައިވެރިވެވޭނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކޮށްފައިވާ ޓީމުތަކަށެވެ.

މި މުބާރާތުގެ ފުރަތަމަ ޗެމްޕިއަންކަން ހޯދި ސ. ފޭދޫ ޓީމަށް އެ އަހަރުގެ ގައުމީ ފުޓްބޯޅަ މުބާރާތުން ފުރުސަތު ދިން ނަމަވެސް ޖެހިގެން އައި އަހަރުގެ ކަލަންޑަރަށް އައި ބޮޑު ބަދަލާ އެކު ޗެމްޕިއަންކަން ހޯދި އޭދަފުށީ ޓީމަށް ފުރަތަމަ ޑިވިޝަނުގެ މުބާރާތަކުން ފުރުސަތު ލިބިފައެއްނުވެ އެވެ.

ނަމަވެސް 2017 ވަނަ އަހަރުން ފެށިގެން އެފްއޭއެމް އިން ވަނީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ދޭން ނިންމައިފަ އެވެ. އެ އަހަރު ގަދަ ހަތަރެއްގައި ހިމެނިގެން ލީގުގައި ކުޅުނީ ޗެމްޕިއަން ކުޑަހުވަދޫ އާއި ރަނަރަޕް ގދ. ތިނަދޫ، ށ. މިލަންދޫ އަދި އއ. މާޅޮހެވެ. މިދިޔަ އަހަރުގެ ލީގުގައި ވާދަކުރީ ޗެމްޕިއަން ތިމަރަފުއްޓާއި ރަނަރަޕް ށ. ފޯކައިދޫ، ބ. ފެހެންދޫ އަދި ފ. ނިލަންދޫ އެވެ. މި ހަތަރު ޓީމުގެ ތެރެއިން މިދިޔަ އަހަރުގެ ލީގުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ނިލަންދޫ އާއި ފޯކައިދޫ އަށް ވަނީ މި އަހަރުގެ ލީގުން ވެސް ފުރުސަތު ލިބިފަ އެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ.

Minivan Championship

Leave a Comment:

Comments will be published after moderation.