News

ދަގަނޑޭ ގައުމީ ޓީމުގައި ނުހިމެނުމަކީ ޒާތީ ނޫނީ ޖަޒުބާތީ ކަމެއް: ސުޒައިން

10 އޯގަސްޓް 2019






ގައުމު ތަމްސީލު ކުރަން ކުޅުންތެރިން ނަގަން ވާނީ ޒާތީ ހަސަދަ އާއި ޖަޒުބާތުން ދުރުވެހުރެ ގައުމަށް އެންމެ ފައިދާ ހުރިގޮތަށް ކަމަށް ގްރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒައިން ބުނެފިއެވެ. 

ރާއްޖޭގައި އުފެފުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ކުރިޔަށް އޮތް ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ މެޗްތަކަށް ރަޖިސްޓްރީ ކުރި 50 ކުުޅުންތެރިންގެ ތެރޭގައި ހިމެނިފައި ނުވާތީ އެކަމާއި ގުޅިގެން ބޯޅަ އެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ސުޒައިން ބުނީ " ތިއީ ސުވާލު އުފައްދަން ޖެހޭ ކަމެއްކަމަށް ނުދެކެން، ގައުމީ ޓީމަށް ނަގަން ވާނެ ކަމަށް ގަބޫލު ކުރެވެނީ މި ގައުމުގައި ތިބި އެންމެ މޮޅެތި ކުޅުންތެރިން. ގައުމު ތަމްސީލް ކުރަން ކުޅުންތެރިން ނަގަންވާނީ ޒާތީ ހަސަދަ އާއި ޖަޒުބާތުން ދުރުވެހުރެ އެންމެ ގައުމަށް ފައިދާ ހުރި ކުޅުންތެރިން" ކަމަށެވެ.

ސުޒައިން ބުނީ ދަގަނޑޭ މޮޅުކަމަށް މިރާއްޖޭގެ ފުޓުބޯޅައިގައި މަސައްކަތް ކުރާ %99 މީހުން ގަބޫލު ކުރާއިރު ގައުމީ ޓީމަށް ނުނަގާނީ ހުނަރާއި ގުޅުމެއް ނެތްކަމެއްގައި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެން ކަމަށް ވާނަމަ އެއީ ޒާތީ ނުވަތަ ޖަޒުބާތީ ކަމެއްކަމަށް ސުޒެއިން ބުންޏެވެ.

ނިމިދިޔަ އަހަރު މޮޅު ކުޅުމެއް ދިވެހި ޕްރިމިއަރ ލީގްގައި ދައްކާފައިވާ އަޝްފާގް، ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ނެގި ލިސްޓުގައި ވެސް ހިމެނިފައެއް ނުވެއެވެ. އެހެންކަމުން އެކަމާ ގިނަ ފަރާތްތަކުން ނުރުހުން ފާޅުކުރުމުން ގައުމީ ޓީމުގެ ކޯޗް ޕީޓަރ ސެގަރޓް ބުނެފައިވަނީ އޭނާގެ ޓީމް ބައްޓަން ކުރަމުން ދަނީ މުސްތަގުބަލަށް ވިސްނާ ޒުވާން ޓީމެއް އެކުލަވާލާ ޒުވާން ކުޅުންތެރިންނަށް ތަޖްރިބާ ހޯދައި ދިނުމަށްކަމަށެވެ. އޭގެ ފައިދާ ދެތިން ހަތަރު އަހަރުގެތެރޭ ފެނިގެން ދާނެކަމަށް އޭނާ ގަބޫލުކުރެއެވެ. 

އެހެންނަމަވެސް މިދިޔަ އަހަރު އެންމެ މޮޅަށް ކުޅުނު ޒުވާން ބައެއް ކުޅުންތެރިން ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނިފައި ނުވާކަން ގިނަ ބަތަކު ފާހަގަ ކުރެއެވެ. އޭގެތެރޭ މިއަހަރު "މިހާރު" ސްޕޯޓްސް އެވޯޑް ހާސިލް ކުރި ކްލަބް އީގަލްސްގެ ހަސަން ރާއިފް އަހްމަދު (ހައްނަ) ހިމެނިފައެއް ނުވެއެވެ.

ނަމަވެސް ފުޓުބޯޅައިގެ ތަޖްރިބާ ކާރުންނާއި ފުޓުބޯޅައަށް ލޯބިކުރާ ގިނަފަރާތްތަކުން ބުނަމުންދަނީ މުބާރާތް ތަކަށް ތައްޔާރުވާއިރު ޓީމް ހޮވަން ވާނީ އެއިރެއްގައި ގައުމުން ނެގެން ހުރި އެންމެ މޮޅު ކުޅުންތެރިން ހިމަނައިގެން ކަމަށެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ މުބާރާތް ނިންމާލީ އެއްވެސް މެޗަކުން މޮޅުނުވެ ޕޮއިންޓެއް ނުލިބިއެވެ. 

 

 

 

Club Green Streets Maldives National Team

Leave a Comment:

Comments will be published after moderation.