News
އަޝްފާގަކީ އަދިވެސް މެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު ކުޅުންތެރިޔާ ކުޅެންޖެހޭ: މާއްޓެ
8 އޯގަސްޓް 2019
އަޝްފާގަކީ އަދިވެސް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާކަމަށާއި، އަޝްފާގު އަދިވެސް ކުޅެންޖެހޭކަމަށް މައުރޫފް އަޙްމަދު (މާއްޓެ) ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ މެޗްތަކަށް ރަޖިސްޓްރީ ކުރި 50 ކުުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހިމެނިފައި ނުވާތީ އެކަމާއި ގުޅިގެން ބޯޅަ އެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރާއްޖޭގައި އުފެދުނު މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ، ފުޓުބޯޅަ އެސޯސިއޭޝަން(އެފްއޭއެމް)ގެ ކުރީގެ ޓެކްނިކަލް ޑިރެކްޓަރ އަދި މިހާރު ސްޕޯޓްސް ކޯޕަރޭޝަންގެ ޑިރެކްޓަރ މައުރޫފް އަޙްމަދު (މާއްޓެ) ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި އަޝްފާގަކީ އަދިވެސް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. އެހެންކަމުން އެންމެ މޮޅު ކުޅުންތެރިޔާ ގައުމީޓީމުގައި ހިމެނެން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް މާއްޓެ ވިދާޅުވިއެވެ. އަޝްފާގްވަނީ މިހާރު ނޫހުން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މިއަހަރު ހޯދާފައެވެ. އަދި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައި ވަނީ އަޝްފާގެވެ.
އެހެން ނަމަވެސް ނިމިދިޔަ އަހަރު މޮޅު ކުޅުމެއް ދިވެހި ޕްރިމިއަރ ލީގްގައި ދައްކާފައިވާ އަޝްފާގް، ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ނެގި ލިސްޓުގައި ވެސް ހިމެނިފައެއް ނުވެއެވެ. އެހެންކަމުން އެކަމާ ގިނަ ފަރާތްތަކުން ނުރުހުން ފާޅުކުރުމުން ގައުމީ ޓީމުގެ ކޯޗް ޕީޓަރ ސެގަރޓް ބުނެފައިވަނީ އޭނާގެ ޓީމް ބައްޓަން ކުރަމުން ދަނީ މުސްތަގުބަލަށް ވިސްނާ ޒުވާން ޓީމެއް އެކުލަވާލާ ޒުވާން ކުޅުންތެރިންނަށް ތަޖްރިބާ ހޯދައި ދިނުމަށްކަމަށެވެ. އޭގެ ފައިދާ ދެތިން ހަތަރު އަހަރުގެތެރޭ ފެނިގެން ދާނެކަމަށް އޭނާ ގަބޫލުކުރެއެވެ.
އެހެންނަމަވެސް މިދިޔަ އަހަރު އެންމެ މޮޅަށް ކުޅުނު ޒުވާން ބައެއް ކުޅުންތެރިން ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނިފައި ނުވާކަން ގިނަ ބަތަކު ފާހަގަ ކުރެއެވެ. އޭގެތެރޭ މިއަހަރު "މިހާރު" ސްޕޯޓްސް އެވޯޑް ހާސިލް ކުރި ކްލަބް އީގަލްސްގެ ހަސަން ރާއިފް އަހްމަދު (ހައްނަ) ހިމެނިފައެއް ނުވެއެވެ.
ނަމަވެސް ފުޓުބޯޅައިގެ ތަޖްރިބާ ކާރުންނާއި ފުޓުބޯޅައަށް ލޯބިކުރާ ގިނަފަރާތްތަކުން ބުނަމުންދަނީ މުބާރާތް ތަކަށް ތައްޔާރުވާއިރު ޓީމް ހޮވަން ވާނީ އެއިރެއްގައި ގައުމުން ނެގެން ހުރި އެންމެ މޮޅު ކުޅުންތެރިން ހިމަނައިގެން ކަމަށެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ މުބާރާތް ނިންމާލީ އެއްވެސް މެޗަކުން މޮޅުނުވެ ޕޮއިންޓެއް ނުލިބިއެވެ.
Maldives National Team