News
ގައުމީ ވޮލީ ޓީމާއި ލަންކާގެ ގައުމީޓީމް ކުޅޭ މެޗް ބަލަން ހިލޭ ވަދެވޭނެ
6 އޯގަސްޓް 2019
ރާއްޖޭގެ ފިރިހެން ގައުމީ ވޮލީ ޓީމާއި ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ސްރީ ލަންކާގެ ފިރިހެން ގައުމީ ވޮލީ ޓީމު މިމަހުގެ 13 ވަނަ ދުވަހު ޔޫތުސެންޓަރުގައި ކުޅޭ މެޗަށް ވީހާވެސް ގިނަ ސަޕޯޓަރުން އައިސްދިނުމަށް ގައުމީޓީމުން ވަނީ އެދިފައެވެ. މިމެޗް ބަލަން ވަންނަން އެއްވެސް ފީ އެއް ދަކާކަށް ނުޖެހޭނެއެވެ.
މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފްގެ ދައުވަތަކަށް ސްރީ ލަންކާގެ ގައުމީ ފިރިހެން ވޮލީ ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 އިން 15 އަށެވެ.
ވޮލީ ބޯޅަ އެސޯސިއޭޝަނާއި ޔޫތު މިނިސްޓްރީން އެދެނީ ވީހާވެސް ގިނަ ސަޕޯޓަރުން ދިވެހި ޓީމަށް ސަޕޯޓް ކޮށްދިނުމަށް އެދުވަހު އިންޑޯއަށް ދިއުމަށެވެ.
މި މެޗަކީ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ގައުމީ ޓީމަށް ވާދަވެރި މެޗުތަކެއް ކުޅުމަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން މިނިސްޓަރ މަޙްލޫފް ހޯއްދަވައިދެއްވި ފުރުސަތެކެވެ. އެގޮތުން ސްރީ ލަންކާގެ ގައުމީ ޓީމުން ރާއްޖެއާ ދެކޮޅަށް ތިން އެކުވެރިކަމުގެ މެޗު ކުޅޭނެއެވެ.
މިނިސްޓަރ މަޙްލޫފް ވިދާޅުވީ ސެންޓްރަލް ޒޯން މުބާރާތުގެ ޗެމްޕިއަންކަން ގައުމީ ޓީމުން ހޯދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން ގައުމީ ފިރިހެން ވޮލީ ޓީމުން ވަނީ ސާބިއާގައި ޓްރެއިނިންގ ކޭމްޕެއް ފުރިހަމަކޮށްފައެވެ. މިއީ މިނިސްޓަރ ސާބިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ހޯއްދަވައިދެއްވި ފުރުސަތެކެވެ.