News

ފުރުސަތު ލިބިޖެނަމަ ދަގަނޑޭ އަދިވެސް ހުރީ ގައުމީ ޓީމަށް ކުޅެން ތައްޔާރަށް

6 އޯގަސްޓް 2019






ދިވެހި ގައުމަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފާނެ ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ. 

 ރޭގެ އެވޯޑާއި އެކު މިހާރު އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ދަގަނޑޭ ވަނީ 6 ފަހަރު ހޯދާފައެވެ. މިހާރު އެވޯޑްސްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓު ހޯދުމަށް ފަހު ދަގަނޑޭ ކުރި ޓްވީޓުގައި ބުނެފައިވަނީ 18 އަހަރުވީ ކެރިއަރުގައި މިދިޔަ އަހަރު އޭނާ އަށް ވަރަށް ހާއްސަ ކަމަށެވެ.

"އަޅުގަނޑުގެ 18 އަހަރުވީ ޕްރޮފެޝަނަލް ކެރިއަރުގައި 2019 އަކީ ވަރަށް ހާއްސަ އަހަރެއް. ތަފާތު ދެ ކްލަބަކާ އެކު ބެސްޓް ޕްލެޔާ އަދި ޓޮޕް ސްކޯރަރ ހޯދުމަކީ ވަރަށް ހާއްސަ ކަމެއް. ދިމާވި ހުރިހާ ދަތިތަކާ އެކު ވެސް މި ކާމިޔާބީ މިންވަރު ކޮށްދެއްވީތީ މާތް ރަސްކަލާނގެއަށް ހަމްދު ކުރަން. އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް މިގޮތުގަ ދެމި ހުރުން، އަދި ގައުމަށް ހިދުމަތް ކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައި ވެސް އުފަލާއެކު ހިފާނަން!. ހުރިހާ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" ދަގަނޑޭ މިއަދު ކުރި ޓްވީޓުގައި ބުނެފައިވެ އެވެ.

 ދަގަނޑޭ ވަނީ  2003، 2007، 2009، 2011 އަދި 2013 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައެވެ.

މިދިޔަ ސީޒަނުގެ މާލޭ ލީގު ނިއު ރޭޑިއަންޓާ އެކު ކާމިޔާބު ކުރިއިރު ސީޒަނުގެ ފަހު ބައިގައި ދަގަނޑޭ ފެނުނީ ޓީސީ ސްޕޯޓްސް ކްލަބުންނެވެ. ޓީސީން ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކުރިއިރު ދަގަނޑޭ ވަނީ އެ ކްލަބަށް 22 ގޯލު ލީގުގައި ކާމިޔާބުކޮށްދީފަ އެވެ. ދަގަނޑޭގެ މޮޅު ކުޅުން މިދިޔަ ސީޒަނުގައި ތަކުރާރުކޮށް އޭނާ ރަން ބޫޓު ހޯދީ 42 ގޯލު ޖަހައިގެންނެވެ.

ދަގަނޑޭ ވަނީ އޭނާ އޭނާއަށް ލިބުނު ކާމިޔާބާއެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބުގެ މެނޭޖްމަންޓް އަދި ސަޕޯޓަރުންނަށް ޝުކުރުއަދާކޮށްފަ އެވެ.

އެވޯޑު ލިބުމުގެ އުފަލުގައި ދަގަނޑޭ މިއަދު ކުރި ޓްވީޓުގައި ގައުމަށް ހިދުމަތް ކުރަން ލިބޭ ފުރުސަތުގެ ބޭނުން ހިފާނެކަމަށް މާނަކޮށްފައިކަމަށް ބެލެވެނީ ގައުމީ ފުޓްބޯޅަ ޓީމުގައި އަލުން ހިމެނި ކުޅުމަށް ކަމަށް ބެލެވެ އެވެ.

ދަގަނޑޭ އަށް މިހާރު ގައުމީ ޓީމުން ފުރުސަތު ނުލިބޭއިރު އޭނާ އަކީ މިހާރު ވެސް އެއް ވަނަ ޑިވިޝަނުގައި ކުޅޭ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ދަގަނޑޭ އަލުން ގައުމީ ޓީމުގައި ހިމެނުނީ މުޅި ފުޓްބޯޅަ އަށް ސަޕޯޓް ކުރާގިނަ ފަރާތްތަކުގެ އުއްމީދެކެވެ.

 

Club Green Streets Maldives National Team

Leave a Comment:

Comments will be published after moderation.