News
މާޒިޔާގެ 14އަހަރުންދަށުގެޓީމް ބައިވެރިވި ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
4 އޯގަސްޓް 2019
އިންޑިއާ ގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީ ޔޫތު މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ އެކަޑަމީގެ 14 އަހަރުން ދަށުގެ ޓީމު ހޯދައިފި އެވެ.
މާޒިޔާ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލުގައި ބެންގަލޫރު އެފްއޭ އާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުން ބެންގަލޫރު އެފްއޭ ބަލިކޮށްގެންނެވެ. ބެންގަލޫރު އެފްއޭއިން ގޯލެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި 3 ލަނޑުކާމިޔާބު ކޮށް މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާއިންވަނީ ހޯދާފައެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ވަނީ ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ މެޗުން 2-1 އިން ރިލަޔަންސް އެކެޑަމީ އަތުން ބަލިވި ނަމަވެސް ދެ ވަނަ މެޗުގައި ފަސްޓް ކިކް އެސްއެސްއޭ 6-0 އިން ވަނީ ބަލިކޮށްފަ އެވެ. މާޒިޔާ އަށް ސެމީގެ ޖާގައެއް ކަށަވަރުވީ އިއްޔެ ކުޅެން އޮތް ގްރޫޕުގެ ފަހު މެޗަށް ސްޕޯޓްޒް ނޭޝަން ހާޒިރުނުވުމުންނެވެ.
އެޓީމު ހާޒިރުނުވުމުން މާޒިޔާ އަށް މެޗު ލިބުނީ 2-0 އިންނެވެ. ސެމީ ފައިނަލުގައި މިއަދު ހެނދުނު މާޒިޔާ ޔޫތު ޓީމު ވަނީ ވަރުގަދަ ޗެންނާއީން އެފްސީ 2-1 ބަލިކޮށްފަ އެވެ. މުބާރާތުގެ ފައިނަލަށް ބެންގަލޫރު ދަތުރުކުރީ ސެމީގައި ރިލަޔަންސް އެފްސީ ޕެނަލްޓީ ޖަހައިގެން 5-4 އިން ބަލިކޮށްގެންނެވެ.
މިއީ ރާއްޖޭގެ ކްލަބަކުން ތަމްރީނުކުރާ ޔޫތު ޓީމެއް ރާއްޖޭން ބޭރުގެ މިފަދަ މުބާރާތަކުން ޗެންޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި މާޒިޔާ ޓީމު ވާދަކުރާއިރު އެޓީމުގެ ކޯޗަކީ މުހައްމަދު އާރީފް (އާރިއްޕެ) އެވެ. މުބާރާތުގައި މާޒިޔާ އިން ޗެމްޕިއަންކަން ހޯދުމަކީ ރާއްޖޭގެ ފުޓްބޯޅަ އަށް ލިބިގެން ދިޔަ ބޮޑު ކާމިޔާބީ އެކެވެ.
Maziya Academy