News

ކޯޗިންގައި ޝިޔާނާގެ ފުރަތަމަ އިންޓަރނޭޝަނަލް މުބާރާތް ވަރަށްވެސް ޚާއްސަ

1 އޯގަސްޓް 2019






ރާއްޖޭގައި ފުޓުބޯޅައިގައި މާކަ ގިނަ އަންހެން ކޯޗުންނެއް ހަރަކާތް ތެރިވާތަން ފެނިފައެއް ނުވެއެވެ. ޒަމާން ތަކެއްވަންދެން ދަނޑުމަތިން އަންހެން ކޯޗެއްގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ މީގެ ކުރިން ގައުމީޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވަމުން ގެންދިޔަ މަރިޔަމް މުހައްމަދު( މާޔަން) އެވެ. ނަމަވެސް މިހާރު މަދުމަދުން ފުޓުބޯޅަ ކޯޗިންގެ ތެރެއަށް ޒުވާން އަންހެން ކޯޗުން ނިކުންނަމުން ދާތަން އެބަ ފެނެއެވެ. 

އޭގެ ތެރެއިން އެކަކަށް ވެގެންދާނީ މިހާރު އިންޑިޔާގައި ކުރިޔައްދާ ސްޕެޝަލް އޮލިމްޕިކް އިންޓަރނޭޝަނަލް ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި ބައިވެރިވާ އަންހެންޓީމުގެ ހެޑްކޯޗް އާމިނަތު ޝިޔާނާ އެވެ. ޝިޔާނާ ވަނީ ޤައުމީ އަންހެން ޓީމުގެ ގޯލްކީޕަރެއްގެ ގޮތުގައި ގައުމީ ޓީމުގައި ހިމެނި ގައުމު ތަމްސީލްކޮށްފައެވެ. އަދި ޝިޔާނާ އަކީ މޮޅު ފުޓްސަލް ގޯލްކީޕަރެއް ވެސް މެއެވެ. ޝިޔާނާ ކުޅުން ހުއްޓާލަން ޖެހުނީ ޝިޔާނާގެ ކޮނޑަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކޮނޑު އޮޕަރޭޝަން ކުރުމަށްފަހުގައެވެ. އެއަށްފަހު ޝިޔާނާ ވަނީ އެފްއޭއެމް އިން ހިންގި ސީލައިސަންސް ކޯޗިންކޯސް ފުރިހަމަ ކޮށްފައެވެ. އަދި ހަމަ އެއާއިއެކު އޮލިމްޕިކް ކޮމިޓީއިން އިން ލިބުނު ފުރުސަތެއްގައި ޔޫރަޕުންވެސް ޝިޔާނާ ވަނީ ކޯހެއް ފުރިހަމަކޮށްފައެވެ. 

ޔޫރަޕްގައި ކޯސް ފުރިހަމަ ކުރުމަށްފަހު އެންމެ ފުރަތަމަ ވެސް ޝިޔާނާ މިވަނީ ޓީމަކާއި ހަވާލުވެ އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރުމަށް ގޮސްފައެވެ. ޝިޔާނާ ހަވާލުވެފައި މިވަނީ ވަރަށް ޚާއްސަ ޓީމަކާއެވެ. ޚާއްސަ އެހީއަށް ބޭނުންވާ ޓީމަކާއި ހަވާލު ވާން އެފްއޭއެމް އިން ފުރުސަތު ދިނުމުން ޝިޔާނާ ހުރީ ވަރަށް އުފާވެފައެވެ. ސަރުކާރުން މިފަދަ ކުދިންނަށް މިކަހަލަ ފުރުސަތެއް ހޯދައިދިން ކަމަށްޓަކައި ޝިޔާނާ ވަނީ ސަރުކާރާއި އެފްއޭއެމްއަށް ޝުކުރު އަދާކޮށްފައެވެ. 

ޝިޔާނާ ބުނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ ވެސް މުޖުތަމައުން ހަމަ ހަމަ ފުރުސަތުތަކެއް ލިބެންޖެހޭ ކުދިން ތަކެއްކަމަށާއި އެކުދިންނާއި އެކު މަސައްކަތް ކޮށްލަން ލިބުމަކީ ވަރަށް އުފާވާކަމެއްކަމަށެވެ. އަދި މިކުދިން ޓްރެއިން ކުރުމަށް ލިބުނީ ދެމަސް ކަމަށެވެ. އެކުދިންނަކީ ކުޅިވަރަށް މުޅިން އައު ކުދިންކަމަށް ވެސް ޝިޔާނާ ބުންޏެވެ. ނަމަވެސް އުއްމީދަކީ މުބާރާތުން ރަނގަޅު ކާމިޔާބީ އެއް ހޯދުންކަމަށެވެ. 

މީ ރާއްޖޭގައި މިފަދަ ކުދިންތަކެއް ފުޓުބޯޅައިގައި ވާދަ ކުރާ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. ޒަމާންތަކެއް ކުރިން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ މުޖުތަމައުގައި އެކަހެރިވެފައިވާ ބައެކެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުންނާއި އަދި މިސަރުކާރުން ދަނީ މިފަދަ ކުދިން މުޖުތަމައުގެ އެކި ކަން ކަމުގައި ބައިވެރި ކުރުމަށް ޚާއްސަ ސަމާލުކަމެއް ދެމުންނެވެ. 



Leave a Comment:

Comments will be published after moderation.