News

އިންޑިއާގެ ޖޯއީ ކަޕުގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ

1 އޯގަސްޓް 2019






އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީގެ ތިން ވަނަ އެޑިޝަން ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ރިލަޔަންސް ޔަންގް ޗޭމްސްއާ ވާދަކޮށް ރާއްޖޭގެ މާޒިޔާ ބަލިވެއްޖެ އެވެ.

 

މިއީ އިންޑިއާގައި 14 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އިންޑިއާގެ ކެލަމްބަކަމް ގެ ޗެޓިނާދް ސްކޫލުގައި މިއަދު ހެނދުނު ކުޅުނު އެ މެޗުން މާޒިޔާގެ މައްޗަށް އިދިކޮޅު ޓީމުން ކުރި ހޯދީ 1-2 ގެ ނަތީޖާ އަކުންނެވެ. މި މުބާރާތަކީ ރާއްޖޭގެ ޒުވާން އެކެޑެމީ ޓީމެއް މިފަދަ ބޮޑު ބައިނަލް އަގުވާމީ މުބާރާތެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.

މިއަދު ހެނދުނު މުބާރާތް ފެށުމުގެ ގޮތުން ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ މާޒިޔާއިންނެވެ. މެޗު ފެށިގެން ކުޑަ އިރަކޮޅެއް ތެރޭ  އެ ޓީމަށް ލީޑު ނަގައިދިނީ މާޒިޔާގެ މުހައްމަދު ޝިބްތްއެވެ. ނަމަވެސް އެ ގޯލާ އެކު އިދިކޮޅު ޓީމުގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ގޯލު ޖަހައި ލީޑު އެ ޓީމުގެ ކޮޅަށް އަނބުރާލައިފަ އެވެ.

މާޒިޔާގެ ޒުވާން ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވަމުން އަންނަނީ މުހައްމަދު އާރިފް (އާރިއްޕެ) އެވެ. އެ ޓީމުން ބައްދަލު ކުރާ ދެވަނަ މެޗު އޮންނާނީ މާދަން ހެނދުނު އެވެ. އެ މެޗުގައި އެ ޓީމުން ބައްދަލު ކުރާނީ ފަސްޓް ކިކް އެސްއެސްއޭއާ އެވެ.

އިންޑިއާގެ ޔޫތް އެކެޑެމީތަކަކީ އޭސީ މިލާނާއި ލިވަޕޫލާއި ބެންފީކާ އަދި ބަޔާން މިއުނިކް ފަދަ ދުނިޔޭގެ ނަން މަޝްހޫރު ކުލަބުތަކާ ގުޅިގެން ހިންގާ ބޮޑެތި އެކެޑެމީތަކަކަށް ވާ އިރު އެގައުމުގެ ޒުވާން ޓީމުތައް އަންނަނީ ފަހަކަށް އައިސް ބައިނަލް އަގުވާމީ މުބާރާތްތަކުގައި ވެސް ވާދަ ކޮށް ރަނގަޅު ނަތީޖާތަކެއް ވެސް ހޯދަމުންނެވެ.



Leave a Comment:

Comments will be published after moderation.