News
ސްޕެޝަލް އޮލިމްޕިކްސްގައި ވާދަކުރާ ޓީމު އިންޑިއާ އަށް ފުރައިފި
31 ޖުލައި 2019
އިންޑިއާގެ ޗެންނާއީގައި އޮންނަ ސްޕެޝަލް އޮލިމްޕިކްސް އިންޓަނޭޝަނަލް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގެ އަންހެން އަދި ފިރިހެން ފުޓްބޯޅަ ޓީމު އިއްޔެ ހެނދުނު އިންޑިއާއަށް ފުރައިފި އެވެ.
އިންޑިއާގައި މި މުބާރާތް އޮންނާނީ މިފެށޭ އޮގަސްޓް މަހުގެ 3 އިން 6 ގެ ނިޔަލަށެވެ. މިއީ މިފަދަ މުބާރާތެއްގައި ރާއްޖޭގެ ހާއްސަ އެހީއަށް ބޭނުންވާ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމަކުން ފުޓްބޯޅައިގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި 25 އާއި ގާތްކުރާ އަދަދަކަށް ގައުމުތަކުން ބައިވެރިވާއިރު މުބާރާތުގައި ކުޅޭނީ ފައިވް އަ ސައިޑް މެޗުތަކެކެވެ. ރާއްޖޭން ފުރި ދެ ޓީމުގައި ޖުމްލަ ހިމެނެނީ 16 ކުޅުންތެރިންނެވެ.
ޓީމު ފުރުމުގެ ކުރިން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އިއްޔެ ވަނީ ހުރިހާ ކުޅުންތެރިންނާއި ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފަ އެވެ. އަންހެން ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ޝިޔާނާ އެވެ. އަދި ފިރިހެން ޓީމުގެ ކޯޗަކީ ބީޖީ އެކަޑަމީ ކޯޗް އަބޯއެވެ.
މިއީ ސްޕެޝަލް އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓް އިންޑިއާގައި ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ ޗެންނާއީގެ ޖަވާހާލަލް ނެހްރޫ ސްޓޭޑިއަމްގަ އެވެ.