News
ފޭދޫ އިއްބެ މާޒިޔާއަށް؟
20 ޖެނުއަރީ 2019
ފަހަކަށް އައިސް އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) ނާޒިޔާއަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ވަނީ އަރާފައެވެ. 'ބޯޅަ' އަށް ޚަބަރުދެމުން މާޒިޔާގެ އޮފިޝަލަކު ވަނީ މި ވާހަކަތައް ކަށަވަރު ކޮށްދީފައެވެ.
އަރަމުން އަންނަ ކުރިއަށް ކުޅޭ އެންމެ ކުޅަދާނަ އެއް ކުޅުންތެރިޔާ ކަމަށްވާ ފޭދޫ އިއްބެ އެންމެ ފުރަތަމަ ބޮޑެތި ކުލަބުތަކުގެ ސަމާލުކަން އަތުލައިގަތީ 2015ވަނަ އަހަރު ބޭއްވުން މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި އޭނާ ޖަހައިދިން މޮޅު ގޯލުންނެވެ. އޭގެ އަހަރެއް ފަހުން ޓީސީ ސްޕޯޓްސް ކުލަބާއި ގުޅި އާދަޔާއި ޚިލާފު މޮޅު ކުޅުމެއް އޭނާ އަންނަނީ ދައްކަމުންނެވެ. މިމޮޅު ކުޅުން ދެއްކުމުގެ ސަބަބުން ފޭދޫ އިއްބެއަށް ޤައުމީ ޓީމުގެ ޖާގައެއް ލިބުނެވެ. ކުލަބު ފެންވަރުގައި އޭނާ ދައްކަމުން ދިޔަފަދަ މޮޅުކުޅުމެއް ދައްކާ ސާފު ޗެމްޕިއަންޝިޕުން ޤައުމީ ދެވަނަ ރަން މެޑަލާ ހަމައަށް ޓީމު ގެންގޮސްދިނުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްދީފައެވެ. އެގޮތުން ފައިނަލް މެޗުގެ 19ވަނަ މިނެޓުގައި އޭނާ ކާމިޔާބުކޮށްދިން ލަނޑު ހިމެނެއެވެ.
1996ވަނަ އަހަރު އުފެދުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއަކީ ފުރަތަމަ ޑިވިޝަންގައި 2006 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އަންނަ ކުލަބެކެވެ. އޭގެފަހުން އެ ކުލަބުވަނީ 8 ތަށި ކާމިޔާބު ކޮށްފައެވެ. ފޭދޫ އިއްބެއާއި އެކީ ކުޅެމުން ދިޔަ ހަސަނަ ނާއިޒް ވަނީ މާޒިޔާއާއި 2018 ގައި ގުޅިފައެވެ. އަދި މިދިޔަ ސީޒަންގައި ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ކަށަވަރުކޮށްދިނުމުގައި އޭނާވަނީ މުހިންމު ދައުރެއް އަދާ ކޮށްފައެވެ.
އާ ސީޒަން އަންނަ ޖޫން މަހުގައި ފެށުމަށް އެފް.އޭ.އެމް އިން ވަނީ ހަމަޖައްސާފައެވެ. މި ބަދަލު ގެނެވިފައިވަނީ ހުރިހާ ޓީމްތަކާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށް ފަހުގައެވެ.
ފޭދޫ އިއްބެގެ ކުރީގެ ކޯޗެއް ކަމަށްވާ ނިޒާމް މާޒިޔާއަށް ދާކަމުގެ އަޑުތަކެއްވެސް ފަހަކަށް އައިސް އިވެމުން ދެއެވެ. ޓީސީގައި ކާމިޔާބުތަކެއް ހޯދި 2 ކުޅުންތެރިންނާއި ކޯޗު އަލުން އެއް ޓީމަކުން ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ބެލެވެއެވެ.
ފޮޓޯ: މިހާރު
Dhivehi Premier League Maziya Sports and Recreation Club TC Sports Club Transfer Rumours