News

އިންޑިޔާގެ ޗެންނާއިގައި ބާއްވާ މުބާރާތެއްގައި ވާދަކުރުމަށް މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމް އިންޑިޔާ އަށްފުރައިފި

30 ޖުލައި 2019






 އިންޑިއާގައި ފަށާ އިންޓަނޭޝަން ކަޕް އޮފް ޖޯއީ ޔޫތު މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމު އެ ގައުމަށް މިއަދު ފުރައިފި އެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. މި މުބާރާތަކީ މީގެ ތިން އަހަރު ކުރިން އިންޑިއާގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު އިތުރުކުރުމުގެ ގޮތުން ފެށި މުބާރާތެކެވެ.

މީގެ ކުރިން އިންޑިއާގެ ސުޕަ ލީގުގެ ބެންގަލޫރު އެފްސީ އާއި ނޯތް އީސްޓް ޔުނައިޓެޑް ފަދަ ޓީމުތަށް ކުޅުނު މި މުބާރާތުގައި އިންޑިއާގެ ސުޕަ ލީގުގެ އިތުރުން އައި ލީގާއި އިންޑިއާގައި ހިމެނޭ ބައިނަލްއަގުވާމީ އެކެޑަމީތަކުގެ ޓީމުތައް ވެސް ވާދަކުރެ އެވެ. މި ފަހަރުގެ މުބާރާތުގައި އިންޑިއާ ސުޕަ ލީގުގެ ޗެއްނާއިންގެ ޓީމު ކުޅޭނެ އެވެ.

 މާޒިޔާ އަކީ ރާއްޖެއިން މި މުބާރާތުގައި ބައިވެރިވާ ފުރަތަމަ ކްލަބް އެވެ. މި މުބާރާތުގައި ކުޅޭ މާޒިޔާގެ ސްކޮޑުގައި 19 ކުޅުންތެރިން ހިމެނޭއިރު، އެ ޓީމަށް ކޯޗުކޮށްދޭނީ މުހައްމަދު އަރީފް (އާރިއްޕެ) އެވެ.

މާޒިޔާ އިން މިމުބާރާތުގައި ބައިވެރި ވުމުގެ އެންމެ މައިގަނޑު މަގުސަދަކީ އެފްއޭއެމުން މިއަހަރު ބާއްވާ 14 އަހަރުން ދަށުގެ ޔޫތު ލީގަށް އެޓީމު ތައްޔާރު ކުރުމަށެވެ.

އިންޑިއާ އަކީ މި ސަރަހައްދަށް ބަލާއިރު ފެންވަރު ރަނގަޅު ގިނަ އެކެޑަމީތަކެއް އޮތް ގައުމެކެވެ. މީގެ ތެރޭގައި އޭސީ މިލާނާއި ލިވަޕޫލާއި ބެންފީކާ އަދި ބަޔާން މިއުނިކާ ގުޅިގެން ހިންގާ އެކެޑަމީތަކެއް ހިމެނެ އެވެ.

ރާއްޖޭގައި ގިނަ ފުޓްބޯޅަ އެކެޑަމީތައް މިހާރު ހިންގަމުން އަންނައިރު، ދާދި ފަހުން ބީޖީ ސްޕޯޓްސް ކްލަބުގެ އެކެޑަމީން ވަނީ އެ ކްލަބްގެ 12 އަހަރާއި 13 އަހަރު އަދި 14 އަހަރުން ދަށުގެ ޓީމަށް ރާއްޖޭން ބޭރުން ޓްރެއިނިން ކޭމްޕްތަކެއް ފުރިހަމަކޮށްފަ އެވެ.

 

Maziya Academy

Leave a Comment:

Comments will be published after moderation.