News
އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ދިދަޔާ ހަވާލުވެ, ޔޫތު މިނިސްޓަރ ގަރާރު އިއްވަވައިފި
28 ޖުލައި 2019
ކުރިއަށް އޮތް 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބޭއްވުމަށް ރަސްމީކޮށް ދިދަޔާ ހަވާލުވެ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ގަރާރު އިއްވައިފިއެވެ.
އައިޖޯ ރާއްޖޭގައި ބޭއްވުމަށް ބިޑް ކާމިޔާބުކޮށްފައިވާއިރު، ރާއްޖެއިން ދިދަޔާ ހަވާލުވެފައި ވަނީ މޮރިޝަސްގައި މިހާރު ކުރިއަށްދާ މިއަހަރުގެ އައިއޯޖީ ނިންމުމުގެ ރަސްމިއްޔާތުގައެވެ. މަހުލޫފް ދިދަޔާ ހަވާލުވެ އިއްވެވި ގަރާރުގައި ވިދާޅުވީ ރައީސް އިބްރާހީމް އިބްރާހީމް މުހައްމަދު ސޯލިހްގެ ނަމުގައި، ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް، މުބާރާތުގައި ބައިވެރިވާ ހުރިހާ ގައުމުތަކުގެ ޒުވާނުންނަށް ދައުވަތުއަރުވާ ކަމަށެވެ.
2023 ވަނަ އަހަރު މިމުބާރާތް ރާއްޖޭގައި ބާއްވަން ނިންމާފައި ވާއިރު، މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓަށް ވެގެން ދާނެއެވެ. މިއަހަރު ވެސް މިމުބާރާތުގައި އެކި ގައުމުތަކުން 2000 އެތިލީޓުން ބައިވެރިވިއެވެ.
އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށްޓަކައި ކުޅިވަރު ކުޅޭނެ ވަރަށް ގިނަ ވަސީލަތްތައް ތަރައްޤީ ކުރަން ޖެހޭނެއެވެ. 2015 ވަނަ އަހަރުން ފެށިގެން އައިއޯއައިޖީގައި ރާއްޖެއިން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. ރާއްޖެއިން ބައިވެރިވި ފުރަތަމަ މުބާރާތުގައި މަލްޓި ގޭމް އިވެންޓަކުން ރަން މެޑަލް ހޯދިއެވެ. މިއަހަރުގެ މުބާރާތަށް ރާއްޖެއިން 15 މެޑަލްގެ ޓާގެޓަކާއެކު ކުރިމަތިލިއިރު، ރާއްޖެއިން ވަނީ އެޓާގެޓް ހާސިލްކޮށް 4 ރަން މެޑަލްވެސް ހޯދާފައެވެ.