News
ބީޖީ އެކަޑަމީ އިން ދިވެހި ފުޓުބޯޅަ އަށް މިކުރާ މަސައްކަތަށް ޝުކުރު ހައްގެއް ނޫންތަ؟
27 ޖުލައި 2019
ފަހުގެ ތާރީޚެއްގައި ފުރަތަމަ ޑިވިޝަނުން ފެނިގެން ދިޔަ ބީޖީ ސްޕޯޓް ކްލަބު ފުރަތަމަ ޑިވިޝަނުން ގެއްލުނު ނަމަވެސް ބީޖީގެ ނަން އަދިވެސް ކޮންމެވެސް ސިފައެއްގައި ދިވެހި ފުޓުބޯޅައިން ފެނިގެން އެބަދެއެވެ.
ބީޖީ ސްޕޯޓްސް އެކަޑަމީ އެއްގެ ގޮތުގައި އެފްއޭއެމްގައި ރަޖިސްޓްރީ ކޮށްގެން ހިންގާތާ އަހަރުތަކެއްވެއްޖެއެވެ. ފުޓުބޯޅަ ކުޅުންތެރިން ބިނާ ކުރުމަށް އެ އެކަޑަމީ އިން ދަނީ ޝުކުރު ހައްގު މަސައްކަތްތަކެއް ކުރަމުންނެވެ. މާލޭގައި އެކަޑަމީގެ ދަށުން ކުދިން ތަމްރީނުކުރުމުގެ އިތުރުން އެކުދިންނަށް ރާއްޖެއިން ބޭރުގެ ޓްރެއިން ކޭމްޕްތައް ބޭއްވުމާއި ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކުގަ ބައިވެރި ވުމުގެ ފުރުސަތު ބީޖީ އެކަޑަމީގެ ފަރާތުން ހޯދައިދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދެއެވެ. މިއީ މިކުދިންނަށް ލިބޭނެ ވަރަށް ރަނގަޅު ތަޖުރިބާ އަކަށް ވެގެންދާނެއެވެ.
ބީޖީ އެކަޑަމީގެ 12 އަހަރުން ދަށުގެ ޓީމު ވަނީ މިމަހުގެ 25 ވަނަ ދުވަހު ޓްރެއިނިން ކޭމްޕަކަށް މެލޭޝިޔާއަށް ގޮސްފައެވެ. މިމަހުގެ 29 ވަނަ ދުވަހު އެނބުރި އައުމަށް ހަމަޖެހިފައިވާ މިދަތުރުގައި އެކުވެރިކަމުގެ 3 މެޗް ކުޅުމަށް ހަމަޖެހިފައިވެއެވެ.
ބީޖީ އެކަޑަމީގެ 13 އަހަރުން ދަށުގެ ޓީމް ވަނީ މިދިޔަ އަަހަރު އަވައްޓެރި ލަންކާގައި ޓްރޭނިން ކޭޕެއް ފުރިހަމަ ކޮށް އެކުރިކަމުގެ މެޗްތަކެއް ކުޅެފައެވެ. އަދި ހަމައެއާއި އެކު ބީޖީގެ 14 އަހަރު ދަށުގެ ޓީމް ވަނީ މި އަހަރުގެ ކުރީ ކޮޅު މެލޭޝިޔާގައި ތަމްރީން ތަކެއް ފުރިހަމަ ކޮށްފައެވެ.
ބީޖީ އެކަޑަމީ އިން މިހާރު ތައްޔާރު ވަމުން މިދަނީ އެފްއޭއެމްގެ 12 އަހަރުންދަށާއި 14 އަހަރުންދަށުގެ ލީގަށް ކުދިން ތައްޔާރު ކުރުމުގެ މަސައްކަތެވެ. މިމަސައްކަތުގެ ސަބަބުން ދިވެހިއްރާއްޖޭގެ ގައުމީޓީމަށްވެސް މިކަމުގެ ފައިދާ ލިބިގެންދާނެކަން ޔަގީނެވެ.
ބީޖީއިން ރާއްޖެއިން ބޭރަށް ކުރާ ދަތުރު ތަކުގައި އެފްއޭއެމްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާކަން ބީޖީ އެކަޑަމީ އިން ފާހަގަ ކުރެއެވެ. އަދި އެކަމަށްޓަކައި ބީޖީގެ ފަރާތުން އެފްއޭއެމް އަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރެެވެ. އަދި ހަމަ އެއާއިއެކު ބެެނިވެރިން ވަރަށް ބޮޑު ހިއްސާއެއް އަދާކުރާކަން ބީޖީއިން ފާހަގަ ކުރެއެވެ.
ފުޓުބޯޅަ އަށް ލޯބި ކުރާ ކޯޗުންތަކެއް އެއްވެ މިކުރާ މަސައްކަތުގެ ފައިދާ ދުރުނޫން މުސްތަގުބަލެއްގައި ދިވެހި ފުޓުބޯޅައަށް ލިބިގެންދާނެކަމަށް ބެލެވެއެވެ. ފުރަތަމަ ޑިވިޝަނުން ގެއްލިގެން ދިޔަ ނަމަވެސް ބީޖީ އިން މިކުރާމަސައްކަތަށް ޝުކުރު ހައްގެވެ. އަދި މުސްތަގުބަކުގައި ބީޖީ ފުރަތަމަ ޑިވިޝަނުން ފެނިގެން ހިނގައިދާނެކަމަށްވެސް ބެލެވެއެވެ.
BG Academy