News

އައިއޯއައިޖީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމައިފި

27 ޖުލައި 2019






އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.


އައިއޯއައިޖީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ފާސްކޮށްފައިވަނީ މޮރިޝަސްގެ އިންޓަރ ކޮންޓިނެންޓަލް ހޮޓަލްގައި މިއަދު ހެނދުނު ބޭއްވި ކައުންސިލް ބައްދަލުވުމުގަ އެވެ. ރާއްޖެއާއެކު މިފަހަރު  ވާދަކޮށްފައިވަނީ މަޑަގަސްކަރަ އަދި ކޮމޮރޯސް އެވެ. މި ޝަރަފާއި ފަހުރު ރާއްޖެ އަށް ލިބުނުކަން އިއުލާންކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގަ އެވެ.

އައިއޯއައިޖީ ރާއްޖޭގައި ބާއްވަން ފާސްކުރިއިރު މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހި ވިދާޅުވެފައިވަނީ އައިއޯއައިޖީ ރާއްޖޭގައި ބެއްވުމަށް އެހާ ބޮޑު ޚަރަދުތަކެއް ކުރުމަށް ނިންމާފައި ނުވާ ކަމަށެވެ. 

ރައީސް ވިދާޅުވީ މިމުބާރާތަށް ކުރަންޖެހޭ މަސައްކަތްތަކާއި ހަދަންޖެހޭ ތަންތަން ހެދުމާއި ގާއިމުކުރަންޖެހޭ ވަސީލަތްތައް ގާއިމުކުރާނީ ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭންގެ ދަށުން ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުން ހުރީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން އުއްމީދުކުރާ ގޭމްސްއަށް، ދިވެހި ކުޅުންތެރިން ތައްޔާރުކުރުމުގެ މަސައްކަތް ދުރާލައި ފެށުމަށް ކަމަށާއި، އެގޮތުން މިއަހަރުގެ ގޭމްސް ނިމޭ ގޮތަށް އެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.


އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމުމުން މިއީ ރާއްޖޭގައި މިމުބާރާތް ބާއްވާ ފުރަތަމަ ފަހަރަށް ވެގެންދާނެ އެވެ. އައިއޯއައިޖީ އަކީ އިންޑިވިޖިއުލް ކުޅިވަރަކުން ރާއްޖެއަށް ފުރަތަމަ ރަން މެޑަލް ގެނެސްދިން މުބާރާތެވެ.



Leave a Comment:

Comments will be published after moderation.